ހުވަދުއަތޮޅު ދެކުނުބުރީ ވާދުއަށް އުފަން އަޙުމަދު ސަޢީދު މުޙައްމަދު (މައިފޫނާ ސާޢީދު) އަކީ މުޅި އަތޮޅު ފަޚުވެރިވާ ދަރިއެކެވެ. ސިޔާސީ ދާއިރާއިންނާއި އިޖުތިމާޢީ ދާއިރާއިން ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ އޭނާގެ ހޮބީއެކެވެ. ސަޢީދަކީ މަދަރުސީ ދައުރުން ފެށިގެން ވެސް އޭނާ އުޅުއްވާ ޓީމުތަކުގައި ޓީމު ލީޑަރެކެވެ. ސަޢީދުގެ މިއަދުގެ ގާބިލްކަމާއި، ހުނަރުވެރިކަން އުފެދިގެން އައީ ދަތި އުނދަގޫ އެތައް ކަމެއްގެ ގިނަގުނަ ތަޖުރިބާތަކުގެ ތެރެއިންނެވެ.
މައިފޫނާ ސަޢީދު
މިހާރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރުކަން ކުރައްވަމުން ގެންދަވާ ސަޢީދު ޓުވިޓާގެ ނަމަކަށް ބޭނުން ކުރައްވަނީ މައިފޫނާ ސަޢީދެވެ. މިއީ ކޮންމައިފޫނާއެއް ހެއްޔެވެ؟ މައިފޫނާއަކީ ސަޢީދު ނިސްބަތްވާ ވާދޫއާއި ވަޓެވައްރެހާއާ ދެމެދު (ވަޓެވައްރެހާ ކައިރީ) އޮންނަ ތިލައަކަށް ކިޔާ ނަމެކެވެ. ހުވަދު އަތޮޅުގެ ބައެއް ރަށްރަށުގައި މި ތިލައަށް "މައިހޫނާ" ވެސް ކިޔައެވެ. ސަޢީދު މައިފޫނާ ސާޢީދުގެ ނަމުން މަޝްހޫރުވީ ޓްވިޓަރގެ އައިޑެންޓިޓީއެއްގެ ގޮތުންނެވެ.
ސިޔާސީ ދާއިރާ
އެ މީހަކު ކުރިމަތިލާ ދާއިރަކުން ވާހަކަ ދިގުކުރުމަކީ ގޮތެއް ނޫނެވެ. ގޮތަކީ ނަތީޖާ ނެރުމެވެ. މިއީ ސަޢީދުގެ ގޮތެވެ. ރައްޔިތުންވެސް ބޭނުންވާނީ ނަތީޖާއެވެ. އެކަމުގެ ހެއްކަކީ އޭނާ ފެނަކައާ ޙަވާލުވުމަށްފަހު އެކުންފުންޏަށް ހޯއްދަވައި ދެއްވައިފައިވާ ކުރިއެރުމާއި ރީތި ނަމެވެ. ކުންފުނީގެ ޚިދުމަތަށް އައިސްފައިވާ ހެޔޮ ބަދަލެވެ. ފެންވަރަށް އައިސްފައިވާ ކުރިއެރުމެވެ. އެފަދައިން ސިޔާސީ ހޮޅުއަށިތަކުން ފެންނަލެއް މަދުވިޔަސް އޭނާއަކީ ސިޔާސީ ގޮތުންވެސް ހަރު ސިޔާސީއެކެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސަޢީދަށް ފުރަތަމަ ވެސް ގަބޫލުކުރެވުނީ އެމްޑީޕީއެވެ. އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު އެފިކުރާއި އެވިސްނުމާއި އެވިންދުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ސަޢީދު، ފުރަތަމަ ސިޔާސީ މަސައްކަތަށް ނިކުންނެވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ގދ. އަތޮޅުގެ މަޖިލިސް މެންބަރުކަން އެތައް އަހަރެއް ވަންދެން ކުރެއްވި ސީނާ އަޙުމަދު ޒާހިރުގެ އަރިހުގައެވެ. އެފަހުން އެމްޑީޕީ ރަޖިސްޓްރީކުރިތާ ކުރީކޮޅު އެޕާޓީއަށް ސޮއި ކުރެއްވިއެވެ. އޭނާވަނީ ޕާޓީގެ ރޫހާއި ފިކުރު އިސްކުރައްވައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. މިހާރުވެސް އޭނާ އެހުންނެވީ އެގޮތުގެ މަތީގައެވެ. ޕާޓީގެ ފިކުރާއެކު ހުވަދުއަތޮޅުގައި ހަރަކާތްތެރިވާން ފެށި އެންމެ އިސްބޭފުޅުންގެ ތެރޭގައި ވެސް ސަޢީދު ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ މިހާރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރެވެ. ގދ. ގައްދޫ ދާއިރާގެ އެމްޑީޕީގެ ރައީސެވެ.
ފެނަކަ ސަޢީދު
2018 ވަނަ އަހަރުގެ އިންތިޚާބުން އެމްޑީޕީއަށް ވެރިކަން ލިބުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސަޢީދަށް އިތުބާރު ކުރައްވައި އޭނާއާ ޙަވާލު ކުރެއްވީ ބުރަ މަސްއޫލިއްޔަތެވެ. ރައްޔިތުންގެ ގިނަ ބަޔަކަށް ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ ޒިންމާއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ކަމެވެ. ޝަކުވާ ގިނަ ދާއިރާއެކެވެ. މައްސަލަ ބޮޑު ދާއިރާއެކެވެ. މަސައްކަތް ގިނަ ދާއިރާއެކެވެ. ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގެ ކޮންމެ ގެއަކަށް ހެން އޭގެ ކޮޅެއް ވަދެފައިވާ ދާއިރާއެކެވެ. ފެނަކަކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމަށް ސަޢީދު އައްޔަން ކުރެއްވީ 2018 ވަނަ އަހަރު ޑިސެމްބަރުމަހު 16 ވަނަ ދުވަހުއެވެ.
މިހާރު އޭނާގެ މޭސްތިރި ކަމުގެ ދަށުން ފެނަކަ ހޯދަމުންދާ ކާމިޔާބީތައް ކުލަގަދަކޮށް ފަވާލަން ޖެހެއެވެ. އޭނާ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ހިންގަވާ އެންމެ މުހިންމު އެއް މަޝްރޫޢަކީ ރަށްރަށުގައިހުރި ބައު އިންޖީނުގެތައް ރިލޯކޭޓުކޮށް އައުކުރުމެވެ. ޒަމާނާއެއްގޮތަށް ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފެށި މިމަޝްރޫއު ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް އެބަދެއެވެ. އޭގެ އިތުރުން ފެނަކައަށް ބޭނުންވާ ފަންނީ ބޭފުޅުން ތަމްރީން ކުރެއްވުމުގެ ބުރަ، ދިގު މަސައްކަތާ ކުރިމަތިލެއްވިއެވެ. މީގެ އެންމެ ކުރުމަގަކީ ފެނަކައަށް ބޭނުންވާ ހުނަރުވެރިކަން ކުންފުނީގެ ތެރެއިން ހޯއްދަވައިދެއްވުން ކަމަށް ދެކެވަޑައިގަތެވެ. "ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިންގ އެންޑް ރިސަރޗް" އުފެއްދެވިއެވެ. އެތަނުން ތަމްރީނުވެގެން ނިކުންނަ މީހުން މަޑުމަޑުން މިހާރުދަނީ އިތުރުވަމުންނެވެ. މިހާރު ވެސް އެތަނުން ތަފާތު ކޯސްތައް އެބަހިންގަވައެވެ. މި ޚިދުމަތް ފާހަގަ ކުރައްވައި ފެނަކަ އިންސްޓިޓިއުޓުގެ ޑީން ޢާއިޝަތު ފަސީހާ ވިދާޅުވެފައިވަނީ ސަޢީދަކީ ކުންފުންޏަށް ލިބުނު ޖަވާހިރެއް ފަދަ ވެރިއެއް ކަމަށެވެ.
އޯގާތެރި ޚުލްގުހެޔޮ ވެރިއެއް
ސަޢީދު އެ ހުންނެވި މަގާމުގެ ސަބަބުން އޭނާއަށް ތުހުމަތުގެ ތަފާތު އިނގިލިތައް ދިއްކުރެއެވެ. އެއީ ދުނިޔޭގެ އާދައެވެ. އެހެންނަމަވެސް އޭނާއަކީ އަމިއްލަ މަސްލަހަތު އިސްކޮށް އެހެންމީހުންނަށް ކެހިދެއްވާނޭ ބޭފުޅެއް ނޫނެވެ. އޭނާގެ ބެލެނިވެރި ކަމުގެ ދަށުގައިވާ މުވައްޒަފުންނާ ގާތްގުޅުމެއް ބާއްވައެވެ. މިއީ ސަޢީދާ އެކު އެ ކުންފުނީގައި ވަޒީފާއަދާކުރާ މުވައްޒަފެއްގެ ޚިޔާލެވެ. އޭނާގެ ހިތުތެރޭގައި މުވައްޒަފުންނަށް އޮންނަ އިތުބާރާއި ލޯބި ފުރިހަމައެވެ. އޯގާތެރިއެވެ. އޭނާގެ ޚަސީލަތާއި ޚުލްގަކީ އޭނާ ދަންނަ އެންމެނަށް ފަރިތަކަމެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުންފުނީގެ އެންމެ އަގުބޮޑު ރައުސްމާލަކީ މުވައްޒަފުންނެވެ. މިކަމަށް ބާރުލިބެނީ ފެނަކައިންސްޓިޓިއުޓުގެ ޑީންގެ މިވާހަކަކޮޅުންނެވެ.
"ފެނަކަ އިންސްޓިޓިއުޓް އޮފް ޓްރެއިންގ އެންޑް ރިސަރޗް" ގެ ނަމުގައި، އިންސްޓިޓިއުޓެއް އުފައްދަވައި އެމްޑީ އަޙުމަދު ސަޢީދު މުޙައްމަދު ވެގެން ގޮސްފައިވަނީ ފެނަކައިގެ މުޅި ތާރީޚުގައި ފެނިފައިނުވާފަދަ، ޖަވާހިރެއްފަދަ މާލިމީއަކަށް. ކުންފުނީގެ އެންމެ އަގުހުރި ރައުސުލްމާލަކީ ބޮޑެތި ޖަނަރޭޓަރުތަކާއި އެހެނިހެން މުދާތައް ނޫންކަމަށް ކަނޑައަޅުއްވައި، އެ ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމުގައި ކަނޑައެޅުއްވީ އެމްޑީ ސަޢީދު،" މުވައްޒަފުންނާމެދު ސަޢީދު ވިސްނަވާ ގޮތް މި އިބާރާތުން ވެސް ދޭހަވެގެން ހިނގަޖެއެވެ.
ގުޅިގެން މަސައްކަތް ކުރައްވާ ލީޑަރެއް
ސަޢީދަކީ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވާ ލީޑަރެކެވެ. ކޮވިޑުގެ ހާލަތު އެންމެ ބޮޑަށް ގޯސްވެގެންދިޔަ ދުވަސްވަރު އެކިސަރަހައްދުތަކުގައި ފެސިލިޓީޒްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު މުވައްޒަފުންނާއެކު ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ސަޢީދު ނަޒަރުގައި ލީޑަރަކީ ޓީމުގެ ތެރޭގައި ހުންނަޖެހޭ މީހެކެވެ. އެހެންކަމުން އޭނާ ހުންނަވަނީ ޓީމުގެ ތެރޭގައެވެ.
ސަޢީދުގެ ލީޑަރޝިޕްގެ ދަށުން ހޯދައިފައިވާ ބައެއް ކާމިޔާބީތައް
ސަޢީދުގެ ލީޑަރޝިޕްގައި ފެނަކަވަނީ އެތައް އެވޯޑެއް، އެތެރެއިންނާއި ބޭރުން ހޯދައިފައެވެ. އޭގެ އިތުރުން ފުރަތަމަފަހަރަށް އަރަނިވެރިކުންފުންޏަކަށް އެތަން ހެއްދެވީ ވެސް ސަޢީދުއެވެ.
ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ (ރާއްޖެއިން)
މި އެވޯޑް ލިބިފައިވަނީ ފެނަކައިން ލ. ގަމުގައި ގާއިމް ކޮށްފައިވާ ސެންޓްރަލް ޕަވަރ ސްޓޭޝަން މަޝްރޫއަށެވެ. މި މަޝްރޫއަކީ ރާއްޖޭގައި ކަރަންޓު އުފައްދައި ފޯރުކޮށްދިނުމުގެ ދާއިރާއަށް ގެނެވޭ ޒަމާނީ ފަންނުވެރިކަމުގެ އީޖާދުގެ ފެށުމަށް ވެގެން ދާނެ ކަމެއް ކަމަށް ފެނަކައިން ވިދާޅުވެފައިވެއެވެ. މި މަޝްރޫއާއެކު ލ.ގަމުގެ ރައްޔިތުންގެ ފަނޑުވެފައިވި އުންމީދުތަކަށް ވަނީ ދިރުން ލިބިގެން ގޮސްފައި ކަމަށް ވެސް އެކުންފުނިން ވިދާޅުވިއެވެ. މި ގިންތިން އެވޯޑް ހާސިލްކުރި އެހެން ބޮޑެތި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖަޕާން އަދި ކޮރެއާ ހިމެނެއެވެ.
ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ (ރާއްޖެއިން)
މި އެވޯޑަކީ ގައުމުތަކުގެ ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުގެ މެދުގައި މިން ކުރެވިގެން އެ ގައުމެއްގެ އެންމެ ފާހަގަކޮށްލެވޭ ކުންފުންޏަކަށް ދޭ އެވޯޑެކެވެ.
ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ (ރާއްޖެއިން)
މި އެވޯޑް ލިބިފައިވަނީ ގދ. މަޑަވެލި އަދި ހޯޑެއްދޫގައި ފެނަކައިން ގާއިމް ކުރުމަށް ރާވައި ފެށުމަށް ތައްޔާރުވެފައިވާ އަވިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއަށެވެ. މި މަޝްރޫއު ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެފަދަ މަޝްރޫއުތަކުގެ ތެރެއިން، ތަފާތު އަދި އިންގިލާބީ މަޝްރޫއަކަށެވެ.
ސީ.އީ.އޯ އޮފް ދި އިޔަރ (ހުރިހާ ޤައުމަކުން)
މި އެވޯޑަކީ ބައިވެރިވި ހުރިހާ ޔުޓިލިޓީ ކުންފުނިތަކުގެ މެދުގައި ވާދަކޮށްގެން ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދަށް ލިބިވަޑައިގެންނެވި އެވޯޑެކެވެ. މީގެ އިތުރުން ވަރަށްފަހުން އެކުންފުނިވަނީ ބައިނަލްއަގުވާތީ ފެންވަރުގެ އިތުރު ދެ އެވޯޑެއް ވެސް ހާސިލް ކުރައްވައިފައެވެ.
މި އެވޯޑުތަކަކީ ޒަމާންވީ ކިލަނބު ނަމާއެކު ޒިންމާދާރު ކަމެއްނެތި، ޚިދުމަތް ދެމުން އައި ފެނަކަ ހިންގުމަށް 2019 ވަނަ އަހަރު ގެނެވުނު މުހިއްމު ބަދަލާއެކު، ގިނަ ގޮންޖެހުންތަކެއް ގިރާކޮށް، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ނުގުޑާ އަޒުމުގައި ފެނަކަ ޓީމުން ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސަޢީދުވަނީ ކޮރަޕްޝަނުން ފެނަކަ ސަލާމަތްކޮށް ސާފު ކުންފުންޏަކަށް ބަދަލުކޮށްފައެވެ. ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންުމުގެ އެއްވެސް ފުރުސަތެއް މިހާރު އެކުންފުނީގައި ނޯންނާނެ ކަމަށް ކުންފުނީން ބުނެއެވެ. ސަޢީދު އެދިވަޑައިގަންނަވަނީ އެންމެންގެ އެކުވެރިކަމެވެ. ބަދަހި ޓީމަކަށެވެ. ޚިދުމަތްދިނުމުގައި ވަރުގަދަކޮށް ކުންފުނި ދެމިއޮތުމަކީ އޭނާއަށް އެންމެ މުހިންމު އެއްކަމެވެ.