އޭނާގެ އަނބިމީހާއަށް ވެގެން އެއްވެސް ވަޒީފާއެއް ދޭންޖެހޭ ގޮތަކަށް ގާނޫނެއް ވެސް އުސޫލެއްވެސް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އައިޝަތު ނަހުލާއަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ލިބިވަޑައިގަތީ އޭނާގެ އަނބިކަނބަލުންނަށް ވުމުން ނޫން ކަމަށް ނަހުލާ ވިދަޅުވުމުން އެކަން ހޫނުވެ ނަހުލާއަށް އެތައް ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވަމުންދަނިކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

ގާސިމް ވިދާޅުވީ ނަހުލާ އަކީ ތައުލީމީ ގާބިލު ބޭފުޅެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަހުލާއަށް މިނިސްޓަރުކަން ދެއްވީ އެކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

ގާސިމް ވިދާޅުވީ ނަހުލާއަކީ "ކަން ކުރެވޭނެ، ހިތްވަރު ހުރި، ވިސްނުންތެރި، ކުޅަދާނަ، ތެދުވެރި، ތައުލީމީ، އަދަބުވެރި، ކިޔަމަންތެރި، ގާބިލް ބޭފުޅެއްކަން" ޔަގީންވާ ކަމަށެވެ. އަދި ނަހުލާއަށް މިނިސްޓަރުކަން ދޭން ގާސިމް ހުށަހެޅުއްވީ އިންތިހާބުތަކުގައި ނަހުލާ ކުރެއްވި ގިނަގުނަ މަސައްކަތާ އެކުގައި ރައްޔިތުން އޭނާ ބަލައިގަތުމުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"ވީމާ އައިޝާ އަށް އެ މަގާމް ރައީސް ދެއްވީ ވަކި މީހެއްގެ އަނތްބަކަށް ވެގެން ނޫންކަމަށް އައިޝާ ވިދާޅުވީމާ އެ ބަހުގައި ހިފައިގެން އެކޮޅަށް ދަމާ މިކޮޅަށް ދަމާ ހަދަމުން ތިޔަ ގެންދަނީ ހަމަ ހަޖަމް ނުކުރެވިގެންދޯ؟ އަދި ހުރި ދުޝްމިންކަމުން ނޫން ކޮން ކަމެއްބާ ތިޔައީ. ވީމާ ތިޔަ ގޮތަށް އެކަކާވެސް ދިމާކޮށް ކޮޅުކޮޅަށް ދެމުން ވަގުތު ހުއްޓާލެއްވުމަށް ނަސޭހަތްތެރިވަން،" ގާސިމް ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާގެ ދިފާއުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. މާރިޔާ ވެސް ވިދާޅުވީ ނަހުލާ އަކީ ގާބިލު ބޭފުޅެއް ކަމަށެވެ.