އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފްއާރުއެސް) އިން "ފަޔަރ ޕްރިވެންޝަން ވީކް 2022" ފަށައިފިއެވެ. މި ޕްރޮގްރާމް މި މަހުގެ 24 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.
މި ޕްރޮގްރާމަކީ، އަލިފާނުގެ ނުރައްކަލުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ކޮންމެ އަހަރަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ހަރަކާތް ރާވާލާފައިވަނީ މީހުން އެންމެ ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި، ގޭބިސީތައް ގިނަ ސަރަހައްދުތަކަށް އަމާޒުކޮށްގެންނެވެ. މިގޮތުން، "ކިޗަން ސިމިއުލޭޓަރ" އެއްގެ އެހީގައި 'އޮން ލޮކޭޝަން' ގައި ސްޓޭންޑެއް ބަހައްޓައިގެން އެ ސަރަޙައްދެއްގައި އެފްއާރުއެސްގެ ސިފައިން މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާނެއެވެ.
މާރިޗު 19 އިން 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މާރިޗު 19 ވަނަދުވަހު ގެ ހަވީރު މާލެ ސިޓީގެ ރަސްފަންނު ސަރަހައްދުގައި ނެވެ. މީގެ އިތުރުން ވިލިމާލޭ، ހުޅުމާލޭ ފޭސް 1، ހުޅުމާލެ ފޭސް 2 އަދި ތިލަފުށިގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ އެމްއެންޑީއެފް އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. ޓީވީ އަދި ރޭޑިއޯ މެދުވެރިކޮށް ވެސް އަލިފާނުގެ ހާދިސާތަކުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރަމަޟާން މަހާ ގާތްކޮށް، މި ހަރަކާތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރަމަޟާން މަހަކީ އަލިފާނުގެ ހާދިސާތައް ހިނގުން ނިސްބަތުން ގިނަ މަހެއްކަމަށް ފާހަގަ ކުރެވޭތީ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެހެން ކަމުން މިފަދަ ހަރަކާތެއްގެ ތެރެއިން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖުތައް ފޯރުކޮށްދީ ހޭލުންތެރި ކުރުވުމަކި ފަޔަރުގެ އެއް މަގުސަދެވެ. މި ޕްރޮގްރާމްގައި އާންމު ރައްޔިތުންގެ ކޮންމެ މީހަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
އެފްއާރުއެސްއިން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ފަޔަރ ޕްރިވެންޝަން ވީކްއަކީ އަލިފާނުގެ ނުރައްކަލަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ކުރިން ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަރާތުން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ. 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި ވެސް ދަނީ މި ހަރަކާތް ބާއްމުންނެވެ. މި ހަރަކާތް އެންމެ ފުރަތަމަ އަމާޒު ކުރެވެމުން އައީ ގްރޭޓަރ މާލެ އޭރިއާއަށް ނަމަވެސް ފަހުން މި ހަރަކާތް އިތުރަށް ފުޅާކޮށް، މާލޭ އޭރިއާގެ ބައެއް ރަށްތަކާއި އޭރިއާތަކުގައި ޤާއިމުކޮށްފައިވާ ފަޔަރ ސްޓޭޝަންތައް މެދުވެރިކޮށް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ކުރިއަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.