މާރިޗު 25 ވަނަވާ ހުކުރުދުވަހު ޕީޕީއެމުން އިންތިޒާމް ކޮށްގެން މާލޭގައި ބޭއްވުމަށް ރާވާ "އިންޑިއާއައުޓު" މުޒާހަރާ ނުބޭއްވުމަށް އެޕާޓީއަށް އަންގާފައިވާނޭ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

އެކަމާ ބެހޭގޮތުން ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް އެންގީ އެއީ ސުލްހަވެރި އެއްވުމާބެހޭ ގާނޫނާ ޚިލާފަށް ބާއްވާ އެއްވުމެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭގެ އިތުރުން މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތައް އެ އެއްވުމަށް ނެރެ ބައިވެރި ކުރުމަށް އިންތިޒާމް ކުރާފަރާތުން ރާވަމުންދާ ކަމަށަވެސް ބުނެފައިވެއެވެ.

މި އެއްވުމުގައި "ގިނަ އަދަދެއްގެ ދުއްވާ އެއްޗެހި ބޭނުންކޮށްގެން މާލޭގެ މަގުތައް ބްލޮކްކޮށް ރައްޔިތުންނާއި އާންމު ދަތުރު ފަތުރާއި ޚިދުމަތްތަކަށް ހުރަސް އެޅޭގޮތަށް ކަންކަން ކުރުމަށް ރޭވުމާއި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕުތަށް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށާއި، އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަހައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން ދަނީ ރާވަމުންނެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ. މި އެއްވުމަކީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރުއެރުމުގެ ފުރުސަތު ބޮޑު އެއްވުމެއް ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި އެއްވުމުގައި ބައިވެރިވުމަށް ރަށްރަށުން ވެސް މީހުން ގެނައުމަށް ހަމަޖެހިފައިވާކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ. މިއީ ގާނޫނާ ޚިލާފު އެއްވުމެއް ކަމަށް ނިންމައި ފުލުހުން ވަނީ މިފަދަ އެއްވުމެއް ބާއްވައިފި ނަމަ އެއްވުން ރޫޅައިލާނޭ ކަމަށެވެ. އެއްވުމުގައި ޤާނޫނާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.