ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. މިއީ 4 ދުވަހުގެ ދަތުރުފުޅެ ކެވެ.

ރައީސް ސާލިހުގެ ދެ ކަނބަލުން އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީއަށް ފުރާ ވަޑައިގަތުން: ފޮޓޯ ރައީސް އޮފީސް

މިދަތުރުފުޅުގައި، ފުވައްމުލައް ސިޓީއާ އައްޑޫސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރުން އެ ދެ ސިޓީގައި ކުރިޔަށްދާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.

ރައީސް ޞާލިހުގެ ދެކަނބަލުން އައްޑުއަށާއި ފުވައްމުލަކަށް ފުުރާވަޑައިގެންނެވުން: ފޮޓޯ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ އެ ދެސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމާއި އެމަނިކުފާނު ވަޢުދުވެވަޑައިގަންނަވާފައިވާގޮތަށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރީން ބައިވެރިވެ ވަޑައިގަންނަވައެވެ.