ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، މިހާރު މަގުތަކުގައި ހަދަމުން އަންނަ ފެންހިންދާ ނިޒާމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވައިލައްވާފައިވާކަމަށެވެ.

ރައީސް ސޯލިހްގެ އަރިހުގައި ނައިބްރައީސް ފައިސަލް ނަސީމް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި ޕްލޭނިންގ މިނިސްޓްރީއާއި، ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

މިމަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، މީގެއިތުރުން، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރު ކުރުމާއި މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފުވައްމުލައް ސިޓީގެ މަގުތަކުގެ މަސައްކަތަކީ 271.3 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.