ފުވައްމުލައް ސިޓީގައި ހިންގާ މަޝްހޫރު ބާބާ ގާޑިޔާގެ ވާހަކައަކީ ޖޯކެއްނޫނެވެ. ސަމާސާއެއް ވެސް ނޫނެވެ. އެއީ ހަމަ ހަގީގަތެކެވެ. މީހުންނަށް ޚިދުމަތް ދިނުމުގައި ނަމޫނާއެކެވެ. އެކުވެރިކަމާއި ރަހުމަތްތެރި ކަމުގެ މާހައުލެކެވެ.
މިއީ ސަމާސާއެއް ނޫންކަން އެންމެބޮޑަށް ހާމަވެގެން މިދިޔައީ މިއަދުއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ނާއިބު ފައިސަލް ނަސީމް މިއަދުވަނީ ބާބާގާޑިޔާއަށް ވަޑައިގެންގެން އެތަނުގެ ޚިދުމަތް ހޯއްދަވައިފައެވެ. މިކަމުގެ އެންމެހާ އުފަލެއް އޮތީ ގާޑިޔާ ހިންގާ ހަސަން އަތީގު (ބާބާ) އަށެވެ. ހުރިހާ ހިތްހަމަޖެހުމެއް ވެސް އޮތީ އޭނާއަށެވެ. މިއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބާ ދެބެފުޅުން އެއްފަހަރާ މިފަދަ ގާޑިޔާއަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށް ވެދާނެއެވެ. އެއީ ހަސަން އަތީގަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ތާރީޚުގައި ލިޔެވިގެންދާނޭ ދުވަހެކެވެ.
ބާބާގާޑިޔާއިން ރައީސް ހިއްޕެވީ ގާޑިޔާގެ ޚާއްސަ ޖޫހެކެވެ. ގާޑިޔާއަށް ރައީސާއި ނާއިބު ރައީސް ވަޑައިގެންނެވުމުން މިހާރުވެސް އުފަލުންހުރި އަތީގު ބުނީ މިއީ އޭނާގެ މަސައްކަތުގައި ކުރިއަށްދިއުމަށް ހީވެސް ނުކޮށް ހުއްޓާ ލިބުނު ވަރަށްބޮޑު ހިތްވަރެއް ކަމަށެވެ.
މި ޒިޔާރަތުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެން ހިތްވަރު ދެއްވާފައި ވާތީ ބާބާ ގާޑިޔާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބަށް އިޚްލާސްތެރި ކަމާއިއެކު ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށް އަތީގު ބުންޏެވެ.
ބާބާ ގާޑިއާއަކީ ތަފާތު ވައްތަރުތަކުގެ ޖޫހާއި ފަންޏާއި ކޮފީއާއި ތަފާތު އެކި ވައްތަރުގެ މީރު ހެދިކާ ވެސް ލިބެން ހުންނަ މޯބައިލް ގާޑިޔާއެކެވެ. ޒަމާނީ ފެންވަރުގެ މިގާޑިއާއިން ތަފާތު ވައްތަރުގެ ކެއުންތައް ވެސް ލިބެން ހުރެއެވެ. އެންމެފަހުން ރާއްޖޭގެ ރައީސާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ނާއިބު ރައީސް ވެސް ބާބާގާޑިއާއިން ޚިދުމަތް ހޯއްދެވީއެވެ. މި ޒިޔާރަތަށްފަހު އަތީގަށް ލިބުނު ހިތްވަރުގެ ސަބަބުން ގާޑިޔާ އިތުރަށް ތަރައްގީވެގެންދާނޭ ކަމަށް އުންމީދު ކުރާ އެތައްބަޔަކު މިހާރު އެބަތިއްބެވެ.
އަތީގު ބުނީ އޭނާއަށް މިއަދު އިތުރު އުފަލެއް ވެސް ލިބިފައިވާ ކަމަށެވެ. އެއީ ފެނަކަކޯޕަރޭޝަންގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސައީދު މުހައްދު ދެއްވި އުފާވެރި ޚަބަރެކެވެ. "ސައީދު ވިދާޅުވީ ބާބާ ގާޑިޔާއަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް ސޯލާ ހަދިޔާ ކޮށްދެއްވާނޭ ކަމަށް. އެކަމަށްޓަކައި ސަޢީދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިއީ އަޅުގަނޑުގެ މި މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް." އަތީގު ބުންޏެވެ.