އައްޑޫ ސިޓީކައުންސިލުން ހުށަހެޅި ކަންކަމާ ގުޅޭގޮތުން މަޝްވަރާނަން: ރައީސްރައީސް އިބްރާހީމް މުހައްމަދު ސާލިހު މިހާރު އައްޑުއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެސިޓީގެ ކައުންސިލާ ބައްދަލު ކުރެއްވުމުން ކައުންސިލުން ހުށަހެޅުއްވި ކަންކަމާ ބެހޭ ގޮތުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނޭ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
މި ބައްދަލުކުރެއްވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫޢުތަކަކީ މުޅި އައްޑޫގެ ތާރީޚުގައި ވެސް ކުރިޔަށްދާ އެންމެބޮޑެތި މަޝްރޫޢުތައްކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސިޓީކައުންސިލުން ވަނީ އައްޑޫގައި ކުރިއަށްދާ ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ރައީސާ ހިއްޞާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސިޓީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދުމަށް ބޭނުންވާކަންކަމާއި އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ. އޭގެ އިތުުރުުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ޙިއްޞާކުރެއްވުމާ ސިޓީ ކައުންސިލުގެ ބަޖެޓް އިތުރުކުރުމާއި ޒޯން ސްޓޭޑިއަމްގެ ލައިޓިން ހަރުކުރުންފަދަ ޒުވާނުންނަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތަކާއި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި، އިންސާނީ ވަޞީލަތް އިތުރުކުރުމާއެކު އިތުރު ވަޞީލަތްތައް ބޭނުންވާކަމާއި އަދި މި ނޫންވެސް ސިޓީގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ހިމެނެއެވެ.
މީގެ އިތުރުން ވެސް ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަމާއި މަގުތައް ތަރައްޤީކުރުމުގައި ސިޓީ ކައުންސިލުން ބޭނުންވާ ކަންކަމާއި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ކުރަމުންގެންދާ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައިފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އެކި ރަށްރަށާއި ސިޓީތަކުގައި ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށް ގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމުގައެވެ. މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢޫލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޓީމުން ކައުންސިލާ ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގެ ބައެއް ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް ސިޓީ ކައުންސިލާ މަޝްވަރާކުރައްވާފައެވެ.