ދުނިޔެއަކީ އިމްތިޙާނެކެވެ. މި އިމްތިޙާންތައް އަންނާނީ އެކި މީހުންނަށް އެކި ގޮތް ގޮތަށް އެކި ދަރަޖައަށެވެ. އެ އިމްތިޙާންތަކަށް އިޖާބަ ދެނީވެސް އެކި ގޮތްގޮތަށެވެ. އެއްބަޔަކު ކެރިގެން ކުރިމަތިލާއިރު އަނެއް ބަޔަކުގެ ދިރިއުޅުން ހާސްކަމާއި ނާއުއްމީދު ގެނުވައެވެ. އަނެއް ބަޔަކު ކޮންމެވެސް މީހެއް ނުވަތަ ބަޔެއްގެ ބޮލުގައި އޭގެ ޒިއްމާ އަޅުވައެވެ. މީގެ ތެރެއިން މި ދެންނެވި އިމްތިޙާންތަކާމެދު ޕޮޒިޓިވްކޮށް ވިސްނައި އެކަންކަމަށް ކުރިމަތިލާ އަދި އެކަން ކަމުން ދިރިއުޅުމަށް ރަނގަޅު ގޮތްތައް ދެނެގަނެ އެ ލިބިގަތް މީހުން ވެސް އެބައުޅެއެވެ.
މި ގޮތުން ކަރަންޓީންގެ ދުވަސްތަކަށް ބަލާލަމާ ހިނގާށެވެ. ކަރަންޓީނުގެ 14 ދުވަހަކީ ހަޔާތުން ގެއްލިގެން ދިޔަ ދުވަސްތަކެކޭ ހިތަށް އަރާ ހެއްޔެވެ. މި ދުވަސްތަކުގައި ތިމާ މިނިވަންކަމާއެކު ހުރެވުނު ނަމަ ކޮށްލާނެ ކަންކަމުގެ ލިސްޓް ހިތަށް ނާރާތޯއެވެ. ނިކަން ވިސްނާލަމާތޯއެވެ. ގެއިން ކޮފީއަށް، ކޮފީއިން ގެޔަށް އެއްވެސް ކަމެއް ނެތިފަ ތިބި ކިތައް ޒުވާނުން އެބަ ތިބި ހެއްޔެވެ. ގައިގައި ވަރު ހުރި އެތައް އިސްރައްވެހިން މިސްކިތުން ހޮޅޯއްޓަށް، ހޮޅޯށިން މިސްކިތަށް ނޫނީ ނުގޮސް މަސައްކަތެއް ނުކޮށް ތިބޭ ކިތަށް މީހުން އެބަ އުޅޭ ބާވައެވެ. އެއްބަޔަކު ގިޔާމަތް ނުވެގެން ނުވަތަ އަޖަލު ހަމަ ނުވެގެން އުޅޭ ކަހަލައެވެ. ދުނިޔޭގެ ދުވަސްތައް މާ ގިނައީއޭ ހީވާ ކަހަލައެވެ. އެއްބަޔަކު ނަމާދު ކުރެއެވެ. ދެން ކުރާ ކަމަކީ ނެތިމޮށުމެވެ. ހަސަދަވެރިކަން އުފެއްދުމެވެ.
ފުރުޞަތު ތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާފައިވާ މީހުންގެ ވާހަކަތައް އަޑުއަހާލައިފިނަމަ އެމީހުންގެ ފަރާތުން ގެއްލިގެން ދިޔަ 14 ދުވަހަކީ އާއިލާއަށް އަހަރެއްގެ ދުވަހު ނުކުރެވުނު ޚިދުމަތް ތަކެއް ކުރެވިގެން ދިޔަ ދުވަސްތަކެއް ކަމުގެ ދެކޭ މީހުން ވެސް އުޅެއެވެ.
މީހާގެ ގައިގައި ހަރުލާފައިވާ ނުރަނގަޅު އާދާތައް އިސްލާހުކުރި މީހުން މި 14 ދުވަހުގެ ތެރޭގައި މަދެއް ނޫނެވެ. ކެއުމުގެ ވައްޓަފާޅި ރަނގަޅުކޮށް ދުޅަހެޔޮ ކެއުން ކާން ފެށިމީހުން މަދެއް ނޫނެވެ. ބަރުދަން ލުއިކުރުމާއި ގޭތެރޭގައި ކުރެވޭނެ ކަސްރަތުތައް ދަސްކުރުމާއި ޞިއްޙީ ގޮތުން ރަނގަޅު މަޢުލޫމާތު ހޯދާ ދުޅަހެޔޮ ދިރިއުޅުމަކަށް މިސްރާބު ޖެހި މީހުން ވެސް މަދެއް ނޫނެވެ. އެއްބަޔަކަށް މި 14 ދުވަސް ވެގެން ދިޔައީ ދުންފަތުގެ ވަބާއިން މިންޖުވާން ލިބުނު ރަނުގެ ފުރުސަތަކަށެވެ. އަންދާލަމުން ދިޔަ ފައިސާ ރަނގަޅު ކަމަކަށް ހޭދަ ކުރަން ފެށުނު ދުވަސްތަކަކަށެވެ. ޤާވާއިދުން އަޅުކަން ކުރުމުގެ އާދަ ހަރުލާ ގޭގައި ނުކުރެވި ހުރި ބައެއް ކަންކަން ކޮށް އާއިލީ ގުޅުން ބަދަހިވެ އުފާވެރި ދިރިއުޅުމެއް ފެށުނު ދުވަސްތަކަކަށެވެ. މި ގޮތުން ލިބޭ ކޮންމެ ފުރުޞަތަކީ ފައިދާ ކުރުވަނިވި ކަމަކަށް ބަދަލު ކޮށްލުމުގެ ހެޔޮ ވިސްނުން ދެއްވާށި އާމީން
ވަރަށް ފުރިހަމަ