އައްޑޫ ސިޓީގައި މިއަދު ހުޅުވިގެންދިޔަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އިމާރާތަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ހުޅުވުނު މުހިއްމު މުއައްސަސާއެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މި މުއައްސަސާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއީ ޒަމާންތަކެއްވަންދެން ދިވެހީން ދެކެމުންއައި ހުވަފެނެއް ކަމަށެވެ.
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ ހަމައެކަނި ދިވެހި ފުލުހުންނަށް ޚާއްޞަކުރެވޭ ކޮލެޖެއްނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެތަނަކީ ރާއްޖޭގެ "ލޯ އެންފޯސްމަންޓާގުޅޭ ހުރިހާ މުއައްސަސާތައް ގުޅިގެން ތަމްރީނުދެވޭނެ، ތަމްރީނުކުރެވޭނެ،" މަރުކަޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދޅުވީ މިގޮތަށް ގުޅިގެން ކުރެވޭ ތަމްރީނާއި އެންމެންގެ ފިކުރު އެއްކޮށް "އަޅިގަނޑުމެމްގެ އެތެރޭގައިހުރި ތަފާތުތައް ނައްތާލެވި ކުރިއަށް ދިއުމުގެ މަގު ހޯދައިދިނުމަކީ އަޅުގަނޑުމެން މި މުއައްސަސާގެ ތެރެއިން ކޮންމެހެން ނެރެންޖެހޭނޭ މަގެއް،" ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ތަނަވަސްކަމާއި ހަމަޖެހުމާ ވެސް އެންމެބޮޑު ގުޅުމެއްއޮތީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރި ކަމާ ކަމަށެވެ. މި އަދު ހުޅުވުނު މުއައްސަސާގެ ސަބަބުން މިކަން ކަށަވަރު ކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެއީ ކޮންމެ އަތޮޅަކަށް އަދި ކޮންމެ ރަށަކަށް ވެސް ލިބިގެންދާނޭ ކުރިއެރުމެއް ކަމަށާއި އެކަމަކީ ރައްޔިތުންގެ މުސްތަގުބަލް އުޖާލާ ކުރުމަށް ކޮންމެހެން ބޭނުންވާނޭ ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިގު ތާރީޚުގައި ފުލުހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކާއި، ތަކްލީފަކީ ފުލުހުންނަށް ފުރިހަމަ ތަމްރީނުދޭނޭ މަރުކަޒެއް ނެތުން ކަމަށެވެ. އެހެންނަމަވެސް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއެކު އެކަން ވަނީ މާޒީއަށް ބަދަލުވެފައި ކަމަށް ވެސް ވިދާޅުވިއެވެ.
މި މަރުކަޒަކީ އިންޑީއާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ރާއްޖޭގައި ގާއިމް ކުރި އިމާރާތެކެވެ. މި މަޝްރޫއަށް އިންޑިއާއިންވަނީ 33 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.