އެކި ދާއިރާތަކުން މުޅިރާއްޖެ ތަރައްޤީކުރުމުގައި އައްޑޫ ސިޓީގެ ހިއްސާ ބޮޑު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެހެން ކަމުން ރާއްޖެ ތަރައްޤީވުމުގައި އައްޑޫ ސިޓީ ތަރައްޤީވާންޖެހޭކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނުގެ ދެ ކަނބަލުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ހޯމަވިލޭރޭ ދެއްވި މާހެފުމުގެ ތެރެއިން ރައްޔިތުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީގައި ބޭއްވި ރިޔާސީ ކެންޕެއިންގެ އެންމެ ފަހު ޖަލްސާގައި ކައުންސިލުން އެމަނިކުފާނަށް އެރުވި އައްޑޫ ސިޓީ ތަރައްޤީކުރާނެ ގޮތުގެ ވައުދު ނާމާއާ އެއްގޮތަށް މިހާރު ސަރުކާރުން އެކަންކަން ފުރިހަމަކުރަމުން އަންނަކަމަށެވެ. އެގޮތުން އޭގެ ތެރެއިން މަސައްކަތްތަކެއް މިހާރު ފަށައިގަނެވިފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފުރަތަމަ އިސްކަންދޭން ޖެހުނީ އޭރު ގިނަ ރަށްތަކެއްގައި ނުލިބި ހުރި އަސާސީ ޚިދުމަތްތައް ދިނުމަށްކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެންނަމަވެސް އައްޑޫ ސިޓީމަތިން ހަނދާން ނައްތާ ނުލައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާހެފުމުގައި ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއެއް މިހާރު ފެށިފައިވާކަމަށާއި ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ފުރިހަމަ ޔަޤީންކަން ލިބިފައިވާކަމަށާ ލަސްތަކެއްނުވެ އެ މަޝްރޫއު ބިޑުކުރެވި އަމަލީ މަސައްކަތް ފެށޭނެކަމުގައި ކަމަށެވެ.
ބިންހިއްކުމަކީވެސް އައްޑޫ ތަރައްޤީގެ ވަޢުދު ނާމާގައި ހިމެނޭކަމެއްކަމަށާއި އަދި މިއަދު އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަޝްރޫޢު ކުރިޔަށްގެންދާނީ އީއައިއޭ ހަދައި ތިމާވެށްޓަށް ކުރާ އަސަރު އެންމެ ކުޑަވާގޮތްތަކަށްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބިން އިތުރުކުރެވޭއިރު ސަރުކާރުގެ ވަޢުދާ އެއްގޮތަށް ފަތުރުވެރިކަމަށް 5 ރަށް ތަރައްޤީކުރާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވަޒީފާގެ ދަތިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން، ހެރެތެރެ ރިޒޯޓްގެ އެއްބައި މިހާރު ހުޅުވައި ޚިދުމަތްދެމުން އަންނަކަމަށާއި ލަސްތަކެއް ނުވެ ޝަންގްރިއްލާ ވެސް އޮޕްރޭޝަނަށް ގެނެވޭނެކަމަށާއި އަދި ދޫގަސް ހުރި އިމާރާތުގައި 120 އެނދުގެ ހޮޓަލެއް ތަރައްޤީކުރުމަށް ގަން އިންޓަރނޭޝަން އެއަރޕޯޓަށް ދިނުމަށް މިއަދު ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.