ކުރިޔަށް އޮތް 7 މަހެއްހާ ދުވަހުގެ ތެރޭގައި 41 މެގަވޮޓުގެ ކެޕޭސިޓީއާއެކު އައު އިންޖީނުގެއެއް އަޅައި އައްޑޫސިޓީގެ ނެޓްވޯޓް ބަދަލުކުރެވޭނެކަމުގެ ޔަޤީންކަން ފެނަކައިން ދީފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހޯމަވިލޭރޭ ވިދާޅުވެއްޖެއެވެ.
ފެނަކައިން މިހާރުވަނީ އައްޑީސިޓީ މަރުކަޒީ އައު އިންޖީނުގެ އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފައެވެ. ފެނަކައިން ވިދާޅުވެފައިވަނީ 4 މަހެއްހާ ދުވަސްޔެރޭގައި އައުއިންޖީނުގޭގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމާލެވޭނޭ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އައްޑޫ ސިޓީގެ ރައްޔިތުުންނަށް ރޭ ދެއްވި މާފެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ އޭގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ މެނޭޖްމަންޓުން އެހޮސްޕިޓަލަށް އެންމެ ދަތިވާމައްސަލަތަކުގެ ގޮތުގައި ފާހަގަކުރެއްވި ކަންކަން ހައްލު ކޮށްދެއްވާނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ހޮސްޕިޓަލުން ފާހަގަ ކުރައްވާފައިވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަމުގެ އިތުރުން އެމްބިއުލަންސްގެ ދަތިކަން ފަދަ މައްސަލަތައް ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ޙައްލުކުރުމަށް މެނޭޖްމަންޓުން އެދިވަޑައިގެންނެވި މިންވަރަށް ޑޮކްޓަރުންނާއި ނަރުހުން އިތުރުކޮށްދީ އެމްބިއުލަންސް އިތުރުކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް އައްޑޫ ސިޓީގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއްގެ ތަފްޞީލުތައް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފެނަކަ އިމާރާތާއި އައްޑޫ ނޭޗަރ ޕާކަށް ޒިޔާރަތްކުރައްވާފައެވެ. އަދި ރޭ އެމަނިކުފާނު ވަނީ އައްޑޫގައި އިމާރާތްކޮށްފައިވާ މަސްޖިދު އިބްރާހީމް ހުޅުވައިދެއްވާފައެވެ.