ދިވެހިރާއްޖެ އަށް އެންމެ ރަނގަޅު ގޮތަކީ އިންޑިޔާގެ އުގަށްވެސް އަދި ޗައިނާގެ އުގަށްވެސް ނުވެއްޓި 'ނިއުޓްރަލް' ޤައުމެއްގެ ގޮތުގައި އޮތުން ކަމަށް ކުރީގެ ހޯމް މިނިސްޓަރ އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް ވިދާޅުވެފައިވާ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ. އޭގެ އިތުރުން ރާއްޖެއަށް އެންމެ ފައިދާވާނީ އެއްވެސް ޤައުމަކާ ޖެހިނުގަނެ ތިބުން ކަމަށް ވެެސް ވިދާޅުވިއެވެ. އިންޑިޔާ އާއި ޗައިނާ ގެ ކޯޅުމުގެ ތެރެއަށް ނުވަދެ ތިބުމަކީ ސަލާމަތީ ގޮތުންނާ އިޤްތިސާދީ ގޮތުންވެސް ދިވެހިންނަށް އެންމެ ބުއްދިވެރިގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢުމަރު މިހެން ވިދާޅުވީ އައްޑޫގައި އިއްޔެ ހުޅުވި 'ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް' އާ ބެހޭގޮތުން ކުރެއްވި ޕޯސްޓެއްގައެވެ. ޢުމަރު ވިދާޅުވެފައިވަނީ އެ މަރުކަޒުގެ ބޭރު ނަންފިލާގަޑުގައި 'ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް' ލިޔެފައިވީނަމަވެސް، އެތަން މިހާރު ފަރުމާ ކުރެވިފައިއެވަނީ އިންޑިޔާގެ މިލިޓަރީ ބޭސް އެއްގެގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ. "ބޮޑެތި ބާރު ތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑުތައް ބޭނުން ކޮށްގެންނެވެ. މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލާދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވާދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަދުތައް އިތުރުކޮށްފައިވާ ވުން އެއީ މީގެ މިސާލެކެވެ." ޢުމަރު ވިދާުވެފައިވެއެވެ.
އައްޑޫގައި އިއްޔެ ހުޅުވި މިމަރުކަޒުގައި އިންޑިޔާގެ ފުލުހުންނަށް ތަމްރީން ދެވޭގޮތަށް ހެދުނު އެއްބަސް ވުމަކީވެސް މި ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ މެދުކެނޑުމެއްނެތި އިންޑިޔާގެ ގިނަ އަދަދެއްގެ ފުލުހުން (ނުވަތަ ސިފައިން) ތަމްރީން ހޯދުމުގެ ނަމުގަޔާއި ތަމްރީންދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އެމަރުކަޒުގައި ތިބުމަށް މަގުފަހިކުރުމަށް ހުޅުވި ދޮރެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
"އިންޑިޔާގެ ފުލުހުންނަކީ ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާތީ، އިންޑިޔާގެ ފުލުހުން ތަމްރީން ކުރާނަމަ ހަތިޔާރުގެ ތަމްރީން ވެސް ބޭނުންވާނެތީ، ހަތިޔާރު ރައްކާކޮށް ގެންގުޅެވޭނެ ގޮތްވެސް ލަހެއްއްނުވެ ހަމަޖައްސާނެކަމާމެދު އެއްވެސް ޝައްކެއްނެތެވެ."
ރާއްޖޭގައި އިންޑިއާއިން ބަހައްޓާފައިވާ 10 ރާޑަރު ސްޓޭޝަން އަކީވެސް އިންޑިޔާގެ ސަލާމަތަށް ޓަކައި ބެހެއްޓުނު ރާޑަރުތައް ކަމަށް ޢުމަރު ވިދާޅުވިއެވެ. މި ރާޑަރު ތަކުގެ މައިގަޑު ބޭނުމަކީ ޗައިނާ ގެ އުޅަނދު ފަހަރަށް ފާރަލުމާ އެކު އިންޑިޔާކަނޑުގެ މައްޗަށް ބާރުގަދަ ކުރުން ކަމަށް ވެސް ޢުމަރު ވަނީ ވިދާޅުވެފައެވެ.
އުމަރު ބުނިކަމުގައިވިޔަސް ތިޔައީ ސަތޭކައިގެ ވާހަކައެއް. ފުރަތަމަ ގައުމު