ރެންސަމްވެއަރ އެޓޭކުގެ ސަބަބުން މެދުކެނޑިފައިވާ ސްޓެލްކޯގެ ޚިދުމަތްތައް އަލުން ފެށުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ. ސްޓެލްކޯއިން ވިދާޅުވެފައިވަނީ ޚިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި، ބިލް ދެއްކުމުގެ އިންތިޒާމްތައް މިހާރު ވަނީ އެކުންފުނީގެ ހެޑް އޮފީހުގައި ހަމަޖެހިފައި ކަމަށެވެ.
"މީގެ އިތުރުން ކުންފުނީގެ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ދެމުންއައި ޚިދުމަތްތަކާއި، ރަށްރަށުން ފޯރުކޮށްދެމުން އައި ޚިދުމަތްތައް މާތްﷲގެ އިރާދަފުޅާއެކު މާދަމާ އަލުން ފެށުމުގެ މަސައްކަތްތައް އަންނަނީ ކުރެވެމުން،" އެކުންފުނީން ވިދާޅުވެފައިވެއެވެ.
ރެންސަމްވެއަރ އެޓޭކެއްގެ ސަބަބުން ސްޓެލްކޯގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، ކައުންޓަރުތަކުން ދެމުންއައި ހުރިހާ ޚިދުމަތެއް މެދުކެނޑިފައިވަނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން އެކުންފުނީން ގެންދަވަނީ މައްސަލަ ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.