މި އަހަރުގެ ރަމަޟާން މަހު (ރޯދަމަހު) މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް ކަމަށް މީރާއިން ހާމަކޮށްފިއެވެ. އަދި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ވެސް މީރާއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މި ގޮތަށް ކަމަށް އެތަނުން ވިދާޅުވިއެވެ.

މި ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް މީރާގެ ސަރވިސް ސެންޓަރުން ނަންބަރު ނެގުމުގެ އިތުރުން، މިހާރެކޭވެސް އެއްފަދައިން، މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނަންބަރު ނެގޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފައިސާއެއްކަމުގައި ވާތީ، މީރާއިން ޚިދުމަތް ހޯދުމުގައި މި އޮންލައިން ޚިދުމަތްތައް ހިޔާރުކުރުމަށް އެތަނުންވަނީ އިލްތިމާސްކުރައްވައިފައެވެ. މި ޚިދުމަތްތަކަކީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް މި ސިސްޓަމްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ޚިދުމަތްތަކެއްކަމަށް ވެސް އެތަނުން ވިދާޅުވެފައިވެއެވެ.