ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކުރުމާއި ގުޅިގެން އެކަން ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ބައިވެރިވެވަޑަައިގަތުމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރެންދޫއަށް ވަޑައިގަތުމަށް ނިންމަވަައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ކުރެންދޫއަށް ވަޑައިގަންނަވާނީ މިއަދު ހަވީރު ކަމަށެވެ. އެމަނިކުފާނުގެ އަރިހުގައި ޕީޕީއެމް އާއި ޕީއެންސީގެ އިސް ބޭފުޅުންވެސް ވަޑައިގަންނަވާނެ އެވެ. އަދި މިވަގުތުވެސް ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން ތިއްބެވީ ކުރެންދޫގައި ކަމަށް ވިދާޅުވިއެވެ.ހީނާ ވިދާޅުވީ ކުރެންދޫ ބައި އިލެކްޝަންގައި ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިރޭ އެ ރަށުގައި ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން ރައްޔިތުންނާއި މުހާތަބު ކުރައްވާނެ އެވެ.ކުރެންދޫ ކައުންސިލްގެ ރައީސް ހޮވުމުގެ އިންތިހާބު ވާދަކޮށްފައިވަނީ ޕީޕީއެމްގެ ފަރާތުން އިސްމާއީލް މަދީހް އާއި އެމްޑީޕީގެ ފަރާތުން އަލީ ނަސީމެވެ.