މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ސްކޫލް ތަކުގައި ދުޅަހެޔޮ ހަށި ހެޔޮ ދުވަހެއް ފާހަގަ ކުރުމަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ނިންމައިފިއެވެ. މިއަހަރުގެ ދުޅަހެޔޮ ހަށިހެޔޮ ދުވަހަކީ އަންނަ ބުރާސްފަތި ދުވަހެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި ކޮންމެ އަހަރެއްގެވެސް މި ދުވަސް ފާހަގަކުރާނީ އެ އަހަރެއްގެ ކަލާސް އެވޯޑު ދޭ ދުވަހުއެވެ. މިއީ ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ދުޅަހެހޮ ސިއްޙަތާއި ރަނގަޅު ކާނާއަށް ދޭ މުހިންމުކަން އިތުރުކޮށް ކުޅިވަރު ހަރަކާތްތަކުގައި ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް ފާހަގަކުރެވޭ ދުވަހެކެވެ.

ދުޅަހެޔޮ ހަށި ހެޔޮ ދުވަސް ފެށުން ހަމަޖެހެހިފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންވެސް އެކުއްޖަކު ދިރިއުޅޭރަށެއްގެ މިސްކިތަށް ހާޒިރުވެ ޖަމާއތުގައި ފަތިސް ނަމާދު ކުރުމުން ކަމުގައި އެޑިޔުކޭޝަން މިނިސްޓްރީ އިން މައުލޫމާތު ދެއްވިއެވެ. އަދި ސްކޫލްތަކުގެ ދަރިވަރުންނާއި ތަޢުލީމީ ދައިރާގެ މުވައްޒަފުން ރަމްޒުކޮށްދޭގޮތަށް ގިނަ ސްކޫލްތަކެއްގެ ދަރިވަރުންނާއި މުވައްޒަފުން ހިމެނޭ 1 ކިލޯ މީޓާރުގެ ދުވުމެއް މި ދުވަހު އޮންނާނެއެވެ. މާލޭގައި މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅިވަރު އެކުވެނި ޓްރެކްގައި ބުރާސްފަތި ދުވަހު ހެނދުނު 6 ޖަހާއިރުއެވެ. މި ހަރަކާތް ޝަރަފުވެރިކޮށްދެއްވާނީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ.

ދުޅަހެޔޮ ހަށިހެޔޮ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ އެސެމްބްލީގައި އެޑިޔުކޭޝަން މިނިސްޓަރުގެ ޚާއްސަ މެސެޖެއް ދަރިވަރުންނާއި ހަމައަށް ގެނެސްދެއްވާނެއެވެ. ދުވަހުގެ އެސެމްބްލީ ޚާއްސަ ކުރެވިގެންދަނީ ދުޅަހެޔޮ ސިއްޙަތާއި ދުޅަހެޔޮ ކާނާއާއި ގުޅޭގޮތުންނެވެ.

މި ދުވަހު ސްކޫލްތަކުގައި ކުރިއަށް ގެންދާނީ ކުޅިވަރާއި ދުޅަހެޔޮ ސިއްޙަތާއި ގުޅޭ ހަރަކާތްތަކެވެ. އަދި މި ހަރަކާތުގައި ސްކޫލްގެ ހުރިހާ ދަރިވަރުންވެސް އަމަލީ ގޮތުން ބައިވެރިވާނެއެވެ.

ދުޅަހެޔޮ ހަށިހެޔޮ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޙާއްސަ ހަވީރެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިހަވީރުގައި މާލޭ ސަރަޙައްދުގެ ސްކޫލްތަކާއި އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކުން ދަރިވަރުންނަށް އަމާޒުކޮށްގެން ގެންދާ ހަރަކާތްތަކެއް ރޭވިފައިވެއެވެ. މި ޙަރަކާތްތަކުގައި ރާއްޖޭގައި ކުޅިވަރަށް މަޝްހޫރު ގިނަ ފަންނާނުން ބައިވެރިވާނެކަމަށް އެޑިޔުކޭޝަނުން މައުލޫމާތު ދެއްވިއެވެ. އަދި މިހަވީރުގެ ހަރަކާތްތަކުގެ ތެރޭގައި ކުޅިވަރާއި ބެހޭ މަޢުލޫމާތުތަކާއި ދުޅަހެޔޮކާނާ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން މަޢުލޫމާތު

ދެވޭނެއެވެ.

ދުވަހުގެ އެންމެ ޚާއްސަ ހަފުލާ ކަމުގައިވާ ކަލާސް އޮވޯޑް ދިނުމުގެ ޚާއްޞަ ރަސްމިއްޔާތުން އޮންނަނީ ބްރާސްފަތި ދުވަހުގެރޭ ގައެވެ. މި ރަސްމިއްޔާތު ގައުމީޓީވީން ވަގުތުން ދެއްކުމަށްވަނީ ހަމަޖެހިފައެވެ.