ވޭތުވެދިިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތް ތަރައްގީކޮށް ކުރިއެރުވުމަކީ ސަރުކާރާ، ރައްޔިތުން މަތިކުރި ވަރަށް މުހިންމު މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވީ ޔުނީފޯމުގައި ހުރި ފުލުހަކު ފެނުުމުން އެއީ ތިމާއަށް ހުރި ބިރަކާއި ނުރައްކަލެއް ނޫންކަން އިހުސާސް ވާން ކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުން އަދާކުރަމުންދަނީ އުނދަގޫ ބޮޑު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގިނަގުނަ ފާޑުކިޔުންތަކާ އަދި ގޮންޖެހުންތަކާ ކުރިމަތިލައިގެން ފުލުހުން ކޮންމެ ދުވަހެއްގެ ވަޒީފާއަށް ނުކުންނަނީ އިސްލާހުކުރަންޖެހޭ ކަންކަން ހުރިކަން ދެނެގަނެގެން މިއަދަށް ވުރެ މާދަމާ އެކަންކަން ރަނގަޅު ކުރުމަށް އަޒުމް ކަނޑައަޅައިގެންކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ފުލުހުން ގާއިމުވެ ތިބޭ ހުރިހާ ރަށެއްގައި އަވައްޓެރި ފުލުހުންގެ ހުނަރާއި ތަމްރީނު ފެށިފައިވާކަމާ އަދި މިކަމަކީ ރައްޔިތުންނާ ގާތުން ރައްޔިތުންނާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭކަމެއް ކަމަށާއި އެކަމަކީ ކައުންސިލްތަކާ ގުޅިގެން ލާމަރުކަޒީ ހަމަތަަކުން ހިންގޭ ޒަމާނީ ޕޮލިސީއެއް ކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުލުހުންގެ ހިންގުމަށް ގެނެވިފައިވާ ޒަމާނީ އެންމެ ބޮޑު ބަދަލުގެ ހަގީގީ ސަބަބަކީ އަލަށް އަމަލުކުރަން ފެށުނު ފުލުހުންގެ ގާނޫނު ކަމަށާއި، މުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން އެ ގާނޫނުތަކުން ފުލުހުންންނަށް ކަށަވަރުކޮށްދޭ ކަމުގައި ވިދާޅުވިއެވެ. އަދި ކުރެވޭ ނުކިއްސަރު ކަމަކުން ފުލުހުންގެ މުއައްސަސާ ބަދުނާމުވެދާނެ ހާލަތެއް އައިސްދާނެ ކަމަށާއި އެފަދަ ހާލަތެއް އަތުވެއްޖެނަމަ ފުލުހުންގެ މުއައްސަސާއިން އަމަލުކުރަންވާނީ އިންސާފާއި މަސްލަހަތު އެއް ތަރާދެއްގައި ކަމަށެވެ.

އަދި ހަމަ އެހެންމެ، އަމާންކަން ދެމިއޮތުން ވަނީ ފުލުހުންކުރާ މަސައްކަތާ ގުޅިލާމެހިފައިކަމާއި ފުލުހުންނަކީ ގާނޫނޫ ތަންފީޒު ކުރުމުގައި އެންމެ މުހިންމު މުއައްސަސާ ކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ގާނޫނުގެ ރޫހަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު މުޅި މުއައްސަސާގެ ގާބިލުކަން އިތުރުވެ ތިޔާގިވުން ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް އަހަރު ނިމިގެންދާއިރު ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރެވިގެންދާނެކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވީ އުމްރާނީ ވަސީލަތާއެކުއެކީ ފުލުހުންނަށް ބޭނުންވާ އިންސާނީ ވަސީލަތުގެ މަގު އަލިވަމުންދާ ކަމަށާއި، އެކަމަކީ ރައްކާތެރި އަމާން ރާއްޖެއެއް ކަށަވަރު ކުރުމަށް ހިންގޭ ބޮޑު މަޝްރޫއެއްކަމަށެވެ.

އަދި އިއުތިރާފަށް ވުރެ ބޮޑަށް މިޒަމާނަކީ ހެއްކާއި ގަރީނާގެ މައްޗަށް ބުރަވެ އިންސާފުކުރެވޭ ޒަމާނެއް ކަމަށާއި، ބޭނުންވާ އިންސާނީ ވަސީލަތާއި ހުނަރާއި، ގާބިލުކަމާއި، ޓެކްނޮލޮޖީ ފުލުހުންނަށް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ފުލުހުންނަށް އެރުވިއެވެ. އަދި އިންތިޒާމުވެގެން ހިންގާ ކުށްތަކާއި، ޑްރަގް ނެޓްވޯކްތަކުގެ ގުޅުމަކީ ރާއްޖޭގެ އަމާންކަމާއި ސުލްހަ މަސަލަސްކަމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ ކަންކަން އިސްލާހުކުރުމަށް ޓާސްކް ފޯސްތަކެއް އެކުލަވާލެވި އެކަމުގެ އަމަލީ މަސައްކަތްތައް ފެށިފައިވާކަމަށާއި، ދާދި އަވަހަށް އެކަމުގެ ހެޔޮ ބަދަލު ފެންނާނެކަމުގައި ވިދާޅުވިއެވެ.