އިންޑިއާ އިން އެދެނީ ޕާކިސްތާނާއެކު އަވަށްޓެރި ހަމަޖެހޭ ގުޅުމެއްކަމުގައި އިންޑިއާ ސަރުކާރުން ބުނެފިއެވެ. ނަމަވެސް ޕާކިސްތާނުން އިތުބޭރު އުފެދޭފަދަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޓެރަރިޒަމާ ދެކޮޅަށް އަމަލީ ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފޯރ އެކްސްޓާނަލް އެފެއާޒް ވިދާޅުވެއެވެ.

ސްޓޭޓް މިނިސްޓަރ ވީ މުރާލީދަރަން މިފަދައިން ހާމަ ކުރެއްވީ، ޕާލަމެންޓްގެ މަތިގެ، ރާޖިޔަ ސަބާގައި އިންޑިއާއިން ޕާކިސްތާނާ މެދު ގެން ގުޅޭ ސިޔާސަތާ މެދު ސުއާލު ދެންނެވުމުންނެވެ.

އޭނާ ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ޕާކިސްތާންގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އެއްވެސް ހާލަތެއްގައި ޕާކިސްތާނުން ދީގެން ނުވާނެ ކަމުގައެވެ.

ޕާކިސްތާންގެ ޓެރަރިޒަމާ ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތާ މެދު ސުއާލު ދެންނެވުމުން އޭނާ ވިދާޅުވީ، އިންޑިއާއިން ކުރާ މަސައްކަތުން ޕާކިސްތާނުން އަންނަ ޓެރަރިޒަމްގެ އަމަލުތަކާ މެދު ބައިނަލްއަގްވާމީ މުޖުތަމައުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމުގައެވެ. އޭގެތެރޭގައި ޓެރަރިސްޓް ޖަމާއަތްތަކެއްކަމަށް ކަނދައަޅާފައިވާ ޖަމާއަތުއްދަޢުވާއާއި ލަޝްކަރޭ ތޮއްޔިބާއާއި ޖެއިޝޭ މުހައްމަދާއި ހިޒްބުލް މުޖާހިދީންގެ ހަމަލާތައް ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

އިންޑިއާއިން ބޭނުން ވަނީ ޕާކިސްތާނުން ޓެރަރިސްޓް ހަމަލާތައް ކުށްވެރިކޮށް ބަޔާން ނެރުމަށެވެ. އަދި އެކި ގައުމުތަކާއެކު ބާއްވާފައިވާ ސަމިޓްތަކުގައިވެސް މިކަން ބަޔާންކޮށްފައިވާނޭކަމުގައި އޭނާ ވިދާޅުވިއެވެ.