ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ދިވެހި ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާދޭސް ދަންނަވައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އެމްޑީޕީން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ވެރިކަމަށް ނުކުތުމަށް ތައްޔާރުވަމުން އަންނަ ގައުމުން "މި ދިވެހިރާއްޖޭގައި ތިބި 4 ލައްކަ މީހުން ކައިރީގައި ފައްޓަރު ބައި ވިއްކާލާފާ ތިމަންނާމެންގެ ބޭންކުތަކަށް މާދަން ލާރި ގެންނާށޭ" ބުނާތީ، އެމަނިކުފަނު އަންތަރީސްވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ޗައިނާގެ ލޯނުތަކަށް ފައިސާ ދައްކަން އެގައުމުން އެންގުމަކީ އިންސާފެއް ނޫން ކަމަށާއި އަދި އެއީ ދުނިޔެ ދަންނަ ސިފައެއް ވެސް ނޫން ކަމަށެވެ.
ރައީސް ނަޝީދު ވަނީ މީގެކުރިން ވެސް އެކި ފަހަރުމަތިން ޗައިނާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގެ 12 ރަށެއް ޗައިިނާ ސަރުކާރުގެ ކުންފުނިތަކަށް ވިއްކާލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ކުރިން ވިދާޅުވެފައެވެ. އެމްޑީޕީ އޮފީހުގައި މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ 12 ރަށަކީ ކޮބައިކަން ހާމަކޮށްދިނުމަށް ނޫސްވެރިއަކު ދެންނެވުމުން އެ ސުވާލަށް ރައީސް ނަޝީދަށް ޖަވާބެއް ނުދެއްވުނެވެ.
ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޖަންގް ލީޖޮންގް މީގެކުރިން ވަނީ ރައީސް ނަޝީދު އެގައުމާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކަކަށް ރައްދު ދެއްވާފައެވެ.
ޗައިނާ ސަފީރު ވިދާޅުވީ އެގައުމާ ގުޅޭގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަތަކުގައި އެއްވެސް ހަގީގަަތެއް ނެތް ކަމަށެވެ.
އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސަށް ކަމުގެ ދެކޮޅާއި ހަގީގަތް ބައްލަވާލައްވަން ވަގުތު ނެތުމުން ހިތާމަކުރައްވާކަމަށް ވެސް ޗައިނާ ސަފީރު ވަނީ ވިދާޅުވެފައެވެ.