އިއްޔެ ފެނުނު މަންޒަރެކެވެ. ދަރިފުޅު ގޮވައިގެން ސްކޫލަށް ދިޔަ މަންމައަކު ޕޭމަންޓު މަތީ ހުރި ކުނި ކޮތަޅުތަކާ އަރާ ހަމަވުމުން ޕޭމަންޓް މަތިން ފޭބިއެވެ. އަދި ދުއްވާ އުޅަނދު ތަކުން ސަލާމަތްކުރުމަށްޓަކައި ދަރިފުޅު އެއްފަރާތަކައް ޖައްސަމުންގޮސް ޕާކުކޮށްފައިހުރި ސައިކަލެއްގެ ދަފަތުގައި ޖެހުނެވެ. އެވަގުތު ކުއްޖާ ސިއްސައިގެން ގޮސް ތެޅެގަތެވެ. މަންމަވެސް ބިރުން ގުދުވެ ދަރިފުޅު ފަޔަށް ކަމެއްވީތޯ ބަލާލިއެވެ. ކުއްޖާގެ ފައިގައި ހުރީ ކޫރުން އެޅިފައެވެ. މަންމަ އެތާ އަތްފިރުމާލާފައި ބުންޏެވެ. ދަރިފުޅާ އެހާ ބޮޑުކަމެއް ނުވެއެވެ. އިރުކޮޅަކުން ރަނަގަޅުވާނެއެވެ. މަންމަ އެހެން ބުނީ ދަރިފުޅު ސްކޫލަށް ދާން ގަޑި ޖެހޭތީ އެދުވަހުގެ ކިޔެވުން ގެއްލުވައި ނުލާންވެގެންކަން ކަށަވަރެވެ. ދަރިއަކަށް ކިތަންމެ ކުޑަ ގެއްލުމެއް ލިބުނަސް މައިން ނަކަށް އެއީ ކުޑަކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް މި ޕޭމަންޓުމަތީ ކުނި ބަހައްޓާމީހުންނަށް މިއީ އެއްވެސް ކަމެއްނޫނެވެ.
މިއީ އާބާދީ ބޮޑު ސްކޫލަކަށް ދަރިވަރުން ހިނގާ ޕޭންމަންޓެއްގެ މައްޗެވެ. މިތާގައި ކުނި ކޮތަޅުތައް ނުހުންނަ ވަގުތެއް ނުދެއެވެ. އެންމެ ހެނދުނު ކުދިން ސްކޫލަށް ދާއިރުވެސް ޕޭމަންޓު ފުރިފައެވެ. މެންދުރުފަހު ކުޑަކުޑަ ކުދިން ގޮވައިގެން ބެލެނިވެރިން ސްކޫލަށް ހިނގާއިރުވެސް ހަމަ މި ކުނި ފޫނި ޕޭމަންޓު މަތީގައި ހުރެއެވެ.
ދަރިފުޅު ގޮވައިގެން ސްކޫލަށް ހިނގާ ބެލެނިވެރިން މިހިސާބަށް ގޮސްފައި ޖެހެނީ ޕޭމަންޓްމަތީން ފައިބާށެވެ. ޕޭމަންޓާ ޖެހިގެން ވަނީ ޕާކް ކުރާ ސަރަޙައްދެވެ. ސައިކަލުތައް ޕާކުކޮށްފައި ހުރުމުން ދަރީން ގޮވައިގެން ބެލެނިވެރީންނަށް ޖެހެނީ އެއްޗިހިތައް ދުއްވާ މައި މަގަށް ނުކުންނާށެވެ. ދުއްވާ އުޅަނދުތަކުން ދަރިން ސަލާމަތްކުރުމަށްޓަކައި ޕާކު ކޮށްފައި ހުންނަ ސައިކަލުތަކުގައި އަޅައިގަންނަ ހިސާބުކައިރީން ދާއިރު، އެކުދިން ތިބެނީ ބިރުން ވިރެވިރެ އެވެ. އެއިން ސައިކަލެއްގައި ޖެހި ދާނެތީއެވެ. އަނެއްފަރާތުން މަންމަ ނުވަތަ ބެލެނިވެރިޔާގެ ގައިގައި ދުއްވާ އެއްޗަކުން ޖެހިދާނެތީއެވެ.
މިއީ މިމަގުގައި ހުރި އެންމެ ގެއަކުން ކަންތައް ކުރާގޮތެވެ. މިކަމުގެ ސަބަބުން މަގުމަތީގައި ހިނގާބިނގާވާ އެންމެނަށް ކުރިމަތިލާން ޖެހޭ ތަކުލީފެއެވެ. އެމަގުގައި އެހެން ގެ ތައްވެސް އެބަހުއްޓެވެ. އެ ގޭގޭ މީހުންވެސް ކުނި ނެރޭނެ އެވެ. އެހެންނަމވެސް ދުވާލުދާ ހަތަރުދަމު ޕޭމަންޓުމަތީ ކުނި ފުނި ޖަހާފައެއް ނުހުރެއެވެ.
ކޮންމެ ގެއަކަށްވެސް އެ ހަފުތާއަކު ވެމްކޯއިން ކުނި ބަލާ އަންނަ ގަޑި އެނގެއެވެ. އެހެންކަމުން އެ ގަޑިއަށް ކުނި ނެރުމުން އާންމުންނަށް މި އުނދަގޫތަކާއި ކުރިމަތިލާކައް ނުޖެހޭނެއެވެ. ކުރިއަށް އޮތީ ރޯދަމަހެވެ. ގޭގެއިން ނެރޭ ކުނި ދެގުނަ އިތުރު ވާނެކަން ކަށަވަރެވެ. ޚާއްޞަކޮށް ކުނިވާޒާތުގެ ތަކެތި ގިނަވާނެއެވެ. އެހެންނަމަވެސް ތިބާގެ ގެއިން ނެރޭ ކުނީގެ އުނދަގުލުން އެހެންމީހުން ސަލާމަތް ކުރެވޭނެއެވެ. މުޅި މާހައުލު ތަޣައްޔަރުވުމުން ދުރުކުރެވޭނެއެވެ.
މަގުމައްޗަށް ކުނި، ނެރެފައި ބަހައްޓާ އިރު ތިމާއަށް ކުނި މި ބެހެއްޓެނީ ކޮންތަނެއްގައިކަން ވިސްނަން އެބަޖެހެއެވެ. އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް އުފުލަން މިޖެހެނީ ކިހާ ބޮޑު ތަކުލީފެއް ކަން އެނގެންޖެހެއެވެ. މީހުނަށް އުނދަގޫ ނުވާނެ ގޮތަކަށް އެކަން ކުރަން ޖެހެއެވެ. ދީނީ ޢިލްމުވެރިންނާއި ޚުތުބާތަކުން ކެނޑިނޭޅި ކިޔަމުން އެދަނީ މުޖުތަމަޢުގައި އުޅޭ އެހެން ފަރުދުންނަށް ތިބާގެ ސަބަބުން އުނދަގޫވާނަމަ، އެއީ ކުރެވޭ ފާފައެކެވެ. ތިބާއަށް އެކަމުގެ ޖަޒާ ލިބޭނެކަމެކެވެ.