ސްޓެލްކޯގެ ސާވާއަށް ރެންސަމްވެއަރ ހަމަލާއެއްދިން މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް ހުށަހަަޅައިފި ކަމަށް ސްޓެލްކޯއިން ވިިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ސާވާއަށް މި ހަމަލާ ދީފައިވަނީީ މިހިނގާ މާރިޗު މަހުގެ 24 ވަނަ ދުވަހުގައެވެ. މި ހަމަލާގެ ސަބަބުން އެކުންފުނީގެ އައި.ޓީ ނެޓްވާރކް މެދުވެރިކޮށް ދެމުންދިޔަ ޚިދުމަތްތަކާއެކު އެ ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ޚިދުމަތްދޭ ކައުންޓަރުތަކުން ދެމުންދާ ޚިދުމަތްތަށް އެތާރީޚުން ފެށިގެން މެދުކެނޑުނެވެ.

"މިހަމަލާގެ ސަބަބުން މި ކުންފުނީގެ އައިޓީ ނެޓްވޯރކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ހިތާމައާއި އެކު ފާހަގަކުރަމެވެ. މިހަމަލާގެ ސަބަބުން ދިމާވި މައްސަލަތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވިނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން ކުންފުނީގެ ހެޑް އޮފީހުން ފޯރުކޮށްދޭ ޚިދުމަތަށްއެދި ފޯމް ހުށަހެޅުމާއި، ބިލްދެއްކުމުގެ ޚިދުމަތް ވަނީ ފެށިފައެވެ. މިހަމަލާގެ ސަބަބުން ދިމާވެފައިވާ އެންމެހާ މައްސަލަތައް ހައްލުކޮށް، މެދުކެނޑިފައިވާ އެންމެހާ ޚިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުންފުނިން މިގެންދަނީ ކުރަމުންނެވެ." އެކުންފުނީން ވިދޅުވިއެވެ. މި މައްސަލަތައް ވީހާވެސް އަވަހަށް ޙައްލުކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރެވި، އެފަރާތްތަކުގެ ލަފާއާއި އެހީތެރިކަމާއިއެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ވެސް އެތަނުން ވިދާޅުވިއެވެ.

ސްޓެލްކޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ހައްލުކޮށް، އެ ކުންފުނިން ދެމުންގެންދާ ޚިދުމަތް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ވެސް ރައްޔިތުންނަށް އެކުންފުނީން ވަނީ ދެއްވައިފައެވެ.

މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައްވެސް އަޅަމުންދާކަމަށް ރައްޔިތުންގެ މައުލޫމާތަށްޓަކައި ސްޓެލްކޯއިން ވިދާޅުވިއެވެ. މި ހަމަލާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ދަނޑިވަޅުގައި ދައުލަތުގެ އެކި މުވައްސަސާތަކުންނާއި ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.