ތަފާތު މަސައްކަތްތައް ކުރަމުންދާއިރު އާސާރީތަކެއްޗާއި ތަންތަނަށް ގެއްލުންނުވާ ގޮތަށް އެމަސައްކަތް ކުރުމަށް ސާގާފީތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ. އެމަރުކަޒުން މިގޮތަށް ވިދާޅުވީ ފަހަކަށް އައިސް ރަށްރަށުގައި ހުރި އާސާރީ މިސްކިތް، ވެވު، ހަވިއްތަ ފަދަ އާސާރުތަކަށް ގެއްލުން ލިބޭގޮތަށް މަސައްކަތް ކުރަމުންދާ ކަމުގެ ކަންބޮޑުވުން އިތުރުވަމުންދާ ކަމަށް ވިދާޅުވެ މިއަދު ނެރުއްވި ބަޔާނެއްގައެވެ.

އެބަޔާނުގައި ވިދާޅުވެފައިވަނީ "ބައެއް ކައުންސިލުތަކުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދާ އެސެސްމަންޓް ހެދުމެއް ނެތި އަދި މި މަރުކަޒުގެ ހުއްދައަކާ ނުލައި ކުރިއަށްގެންދާކަން ފާހަގަކުރެވިފައިވެއެވެ. އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތެއް ނުހޯދައި، އެ ތަންތަނަށް ކުރާނެ އަސަރަށް ބެލުމެއްނެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދިއުން ވެގެންދާނީ އެ ތަރިކައެއް ނިސްބަތްވާ ރަށަކާއި މުޅި ރާއްޖޭގެ އަންނާން އޮތް ޖީލުތަކަށް ލިބޭ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ކަމުގައެވެ."

އެ ބަޔާނުގައި ވިދާޅުވެފައިވަނީ ސަގާފީ ތަރިކައާ ގުޅޭ ތަންތަނުގައްޔާއި އެފަދަ ތަންތަނުގެ ކައިރީގައި ކުރާ މަސައްކަތްތައް ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނާއި އެޤާނޫނާ ގުޅިގެން އާންމުކޮށްފައިވާ "ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދު" ގައިވާ ގޮތުގެ މަތިން އެކަމެއް ކުރުމަށް އެ މަރުކަޒުން ވަނީ ވިދާޅުވެފައެވެ. އެ ޤާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ލޯކަލް ކައުންސިލުތަކުގެ ޒިންމާ އެ ކައުންސިލުތަކުން އަދާކުރެއްވުމަށާއި، މި ޤާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކުރާ އާންމު ފަރާތްތަކުގެ ޒިންމާ އެ ފަރާތްތަކުން އަދާކުރުމަށް ވެސް ގޮވާލައިފައިވެއެވެ. އަދި އެ ޤާނޫނުގެ ރޫހާ އެއްގޮތަށް ޤާނޫނަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަމަލުކުރުމަށް ހަނދާންކޮށްދީ އިލްތިމާސްކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މި ޤާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުނުކުރައްވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

___________________