ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ސަސްޕެންޑް ކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ސަސްޕެންޑް ކޮށްފައިވަނީ އެކޯޓުގެ ފަނޑިޔާރުންނަށް ފާރަލަމުން ދާކަމަށް ތުހުމަތުކުރެވިގެން އެމައްސަލަ ބަލަމުންދާތީއެވެ. ސުޕްރީމްކޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި އެކޯޓު ޢިމާރާތް، ތީމުގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތަކުގެ ފުޓޭޖު އޭގެ ސިސްޓަމުން ބަލައި ފަނޑިޔާރުންނަށް ފާރަލައި އަދި އެއާ ގުޅޭ ބައެއް މަޢުލޫމާތު ސުޕްރީމް ކޯޓުން ބޭރުގެ ބައެއް ފަރާތްތަކަށް ފޯރުކޮށްދޭކަމުގެ ތުހުމަތު އެކޯޓުގެ އެސްޖީގެ މައްޗަށް ކުރާކަމުގެ މަޢުލޫމާތު ލިބެއެވެ.

މިމައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރީން ބަލަމުންދާތީ ސެކްރެޓަރީ ޖެނެރަލް ސަސްޕެންޑްކޮށް އެމަޤާމުގެ މަސްއޫލިއްޔަތު އެކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއާ ވަގުތީގޮތުން ޙަވާލުކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.