ބީޓެކް ގްރޫޕްގެ މެނޭޖިންޑިރެކްޓަރ ޙުސައިން މުހައްމަދުގެ ވިޔަފާރީގެ ޚިޔާލު ވަރަށް ތަފާތެވެ. އޭނާގެ ވިސްނުމަކީ ގޮންޖެހުންތަކާއެކު ކުރިއަށް ދިއުމެވެ. އެކުރާ ވިޔަފާރިއެއް ކާމިޔާބު ކުރުމެވެ.
އައްޑޫސިޓީ ހިތަދޫގައި އޭނާ ވަނީ ތަފާތު ވިޔަފާރިއެއް ފަށައިފައެވެ. އާދޭ! ޕޯލްޓްރީފާމެއްގެ މަސައްކަތެވެ. މިއީ ރާއްޖެއަށް އައު ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ނޫނެވެ. ނަމަވެސް ޙުސައިން އެކަން ކުރަނީ ވަރަށްފުރިހަމައަށް ތައްޔާރުވެގެންނެވެ. 12 މިލިއަން ރުފިޔާގެ އިންވެސްޓްމެންޓަކާއެކު އެ މަސައްކަތް އޭނާ ފެށީ ހިސާބު ޖެހުމަށްފަހު ފައިދާވާނޭ ވިޔާފާރިއެއް ކަމަށް ދައްކާތީއެވެ. އެގޮތުން އަޖުމަ ބެލުމަށް އޭނާ ބޭރުންގެނައި 5000 ބިސް ، ފާމުގައިވާ ބިސްފީކުރާ މެޝިނުން ތަޖުރިބާކުރިއެވެ. އޭގެ ތެރެއިން %94 ބިސް ކާމިޔާބުކަމާއެކު ފީވެ ފިޔޮއް އުފެދުނެވެ. އެއަށްފަހު ކުކުޅުތައް ބޮޑުކޮށް ކާމިޔާބުކަމާއެކު އޭނާ ވަނީ ވިއްކާލައިފައެވެ. ކުކުޅު ކިލޯއެއް އޭނާ ވިއްކީ 65 ރުފިޔާއަށެވެ. ވަރަށް ފޯރީގައި މީހުން އެގަތެވެ. މި މަސައްކަތް މިހާރުވަނީ ރޯދައަށް މެދުކަނޑާލައިފައެވެ. މިއީ ކުރިން ވެސް ޙުސައިން ރާވާފައިވާ ގޮތެވެ. ފުރަތަމަ ބެޗު އޭނާ ބޭނުންކުރޭ އަޖުމަ ބެލުމަށެވެ. ދެން އޭނާ އެމަސައްކަތް ފަށާނީ ރޯއަށްފަހުގައެވެ. އެ މުއްދަތުގެ ބޭނުން އޭނާ ހިފާނީ ވިޔަފާރި ދާއިމީކޮށް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ތައްޔާރުވުމަށެވެ.
ރޯދައަށްފަހު މަސައްކަތް ފަށައިގަންނައިރު އޭނާގެ ޕޯލްޓްރީ ފާމުގައި މިކަމަށް ޚާއްސަ ޑޮކްޓަރަކު ހުންނަވާނެއެވެ. ޑޮކްޓަރުގެ އެހީގައި ކުކުޅުތައް އާލާކޮށް ބޮޑުކުރުމަށް އިތުރަށްފަސޭހަވެގެންދާނެއެވެ.
ޙުސައިން މިހާރު ބުނަނީ އައްޑޫ ސިޓީއަށް އެކަނި ބޭނުންވާ ވަރަށް ވެސް ކުކުޅު އާލާ ނުކުރެވޭނޭ ކަމަށެވެ. އެހެންނަމަވެސް އޭނާގެ ފުރަތަމަ ލަނޑުދަނީއަކީ އެކަން ހާސިލް ކުރުމެވެ. އައްޑުއަށް ބޭނުންވާ ވަރަށް ކުކުޅު އާލާ ކުރުމެވެ. އައްޑޫ އާންމު ރައްޔިތުންގެ އިތުރުން ރިސޯޓުތަކަށް ސަޕްލައި ކުރާކަމަށްވާނަމަ ބޮޑު ސްޓޮކެއް ގެންގުޅެން ޖެހެއެވެ. އެހެންވެ އޭނާ މަސައްކަތް ކުރައްވަނީ އެކަމަށެވެ. މިއީ ފެށުމެކެވެ. މުސްތަގުބަލްއޮތީ އިރާދަ ކުރެއްވިއްޔާ ވަރަށް ފަހިކޮށް ކަމަށް އޭނާ ބުންޏެވެ.
ބިޓެކް ޕޯލްޓްރީ ފާމާ ބެހޭ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެފައިވަނީ "ޕޯލްޓްރީ ތަރައްގީކުރުމުގައި މިއީ އައްޑޫސިޓީ ހޯދިވަރަށްބޮޑު ކުރިއެރުމެއް. މިއުފާވެރި މުނާސަބަތުގައި ބީޓެކް އަށާއި އެސިޓީގެ މިހާރުގެ މޭޔަރާ ކުރީގެ މޭޔަރު ހިމެނޭގޮތަށް އައްޑޫ ރައްޔިތުންނަށް މަރުހަބާ ދަންނަވަން،" ކަމަށެވެ. މިނިސްޓަރުގެ މި ބަސްފުޅަށް އައްޑޫ ރައްޔިތުން މިހާރަކު އަތްތިލަ ބަޑިއެއް ނުޖަހާނެއެވެ. އައްޑޫ ރައްޔިތުންނާއި އެހާރާއި މިހާރުގެ މޭޔަރާއި ޚުދު ބީޓެކް ވެސް ބޭނުންވާނީ މިނިސްޓްރީގެ އެހީތެރިކަމެވެ. މިނިސްޓްރީގެ އެއްބާރުލުމާއެކު މި ޕޯލްޓްރީފާމު ފާމަކަށް ހަދައިދިނުމެވެ. މިއީ ރާއްޖޭގައި މިހާ ކާމިޔާބު ކަމާއެކު ދުރަށް ރޭވިގެން ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެވެ. ރާއްޖޭގައި ކުކުޅު އާލާކުރުމުގެ މަސައްކަތް ބައެއް އެހެން ހިސާބުތަކުގައި ވެސް ކުރެއެވެ. އެހެންނަމަވެސް އައްޑޫގައި ބީޓެކުން މިކަން ކުރާ ގޮތަށް ކުރާތަނެއް ނުފެނެއެވެ. ބީޓެކުން މަސައްކަތް ކުރައްވަނީ ކުރުމުއްދަތެއްގައި ނަތީޖާ ނެރެ އެ ނަތީޖާ ދެމެހެއްޓުމެވެ.