ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ މައްސަރެއް ކަމަށާއި އެމަހުގައި އެކަކު އަނެކަކަށް އޯގާތެރިކަން އިސްކޮށް، އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ވިދާޅުވީ ރަމަޟާން މަހަކީ ފުއްސެވުމުގެ މޫސުން ކަމަށެވެ. އެހެން ކަމުން
ރައީސް ވިދާޅުވީ ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށެވެ. އެހެންކަމުން ބަރަކާތްތެރި މި ދުވަސްތަކުގައި ގިނަގިނައިން ޤުރްއާން ކިޔެވުމުގެ އާދަ ގައިގައި ހަރުލައްވަންޖެހޭނޭ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ވެސް ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގައި ހީވާގިވުމަކީ އެހާމެ ބޭނުންތެރި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރަމަޟާން މަހަކީ اللهُ سُبْحَانَهُ وَتَعَالَى މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ، ނިޢުމަތްތަކުން ފުރިގެންވާ މަހެއް ކަމަށެވެ. އެމަހުގައި ހިމެނެނީ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ އުފާވެރި ދުވަސްތަކަކާއި ރޭތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިރޭ ރައީސް ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ މި އަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީވެސް، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވެވި، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް، ދީނީގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުތަނަވަސްވުން ކަމަށެވެ. އެހެންކަމުން، މި މަތިވެރި ފުރުޞަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި، ތަރާވީޙް ނަމާދުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.
"މި މާތް މައްސަރުގެ އެންމެހައި ނިޢުމަތްތަކާއި ދަރުމައާއި ޘަވާބު، މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މި ފެށުނު ރަމަޟާން މަހުގެ ރޯދަ ފުރިހަމައަށް ހިފުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވައި، މި މައްސަރުގައި ލައްވަވާފައިވާ ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުގެ ނަސީބުވެރިން ކަމުގައި އަޅަމެން އެންމެން ލައްވާށިއެވެ. އާމީން."