އައްޑޫ ސިޓީގެ އެއްވެސް ރަށަކަށް މިއަދު ފެރީއެއް ނުބާއްވާ ގޮތަށް އެމްޓީސީސީން ހަމަޖައްސައި އެގޮތަށް ޝެޑިއުލަށް ވެސް ބަދަލު ގެނެސްފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ހުޅުދޫ މީހަކު ބުނީ އޭނާއަކީ ވަރަށްގިނައިން ފޭދުއާއި ހުޅުދުއާ ދެމެދު ދަތުރުކުރާ މީހެއް ކަމަށެވެ. އެހެންނަމަވެސް މިއަދު (2 އެޕްރީލް ) އައްޑޫގެ އެއްވެސް އަވަށަކަށް ފެރީ ދަތުރުނުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެނގިފައިވާ ކަމަށެވެ. "މިއަދު ހިތަދޫއާއި ހުޅުމީދުއާ ދެމެދު ވެސް ފެރީއެއްނެތް. ފޭދުއާއި ހުޅުދޫ/މީދުއާ ދެމެދުވެސް ފޭރީއެއްނެތް،" އެމީހާ ބުންޏެވެ.
އޭނާ ބުނީ ފޭރީތައް ނުބާއްވާ ގޮތަށް އެމްޓީސީސީން ހަމަޖެއްސީ ރޯދައާ ގުޅިގެން ތަނުގެ މުވައްޒަފުންނަށް ޗުއްޓީއެއް ދިނުމަށް ކަމަށެވެ. "މި ދަތުރުތަކަކީ އަސާސީ ޚިދުމަތެއް. އެންމެ ދުވަހަކަށް މަސައްކަތް ހުއްޓާލިޔަސްއެއީ ވަރަށް ބޮޑު ގެއްލުމެއް އާންމުމީހާއަށް ލިބޭ. ޗުއްޓީ ދޭން މިގޮތަށް ޚިދުމަތް މެދުކަނޑާލާނަމަ ސިއްހީ މަރުކަޒުތައް ވެސް ބަންދުކުރަން ޖެހޭނެ އެތަނުގެ މުވައްޒަފުންނަށް އެއްދުވަހުގެ ޗުއްޓީއެއް ދިނުމަށް،" އެމީހާ ބުންޏެވެ.
މިކަމާ ގުޅިގެން އެމްޓީސީސީގެ މީޑިއާ އޮފިސަރ ވިދާޅުވީ މިކަން މިހާރުވާނީ ކަމާ ބެހޭ ޑިވިޝަންގެ އިސްވެރިޔާއާ ހިއްސާ ކުރެވިފައި ކަމަށެވެ. "މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން. އިންޝާﷲ ކޮންމެވެސް ހައްލެއް ހަމަޖައްސައި ދެވޭނެ،" ކަމަށެވެ.