އެއްދުވަހަކު ބަދަވީންގެ މީހަކު އަލީގެފާނު އަރިހަށް ގޮސް ދެންނެވިއެވެ. “ސާހިބާއެވެ. އަހަންނަށް ކޮންމެވެސް މިންވަރެއްގެ ފައިސާގެ އެހީއެއް ވެދެއްވާށެވެ." އަލީގެފާނު އެމީހާއަށް ދެނެނެވިއެވެ. ”އޭ ބަދަވިންގެ މީހާއެވެ. ﷲ ގަންދެއްވައި ބުނަމެވެ. އަހުރެންގެ ގޭގައި ހަވީރުގެ ސައިފޮދަށްފަހު ކާނެ އެކައްޗެއްވެސް ނެތެވެ.”
އެހިނދު ބަދަވިންގެ މީހާ އެނބުރިދިޔުމަށް ހިނގައިގަތެވެ. އަދި ބުންޏެވެ. "ހަމަކަށަވަރުން ކަލޭގެފާނު އަރިހަށް އަހަރެން ސަލާންޖަހަން އައި އައުމާމެދު ހިސާބުބައްލަވާ ދުވަހު މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ކަލޭގެފާނާއި، ސުވާލު ކުރައްވާނެއެވެ." ފަހެ މިބަސްތައް އަޑުއިވިވަޑައިގަތުމުން އަލީގެފާނު އެބަދަވީންގެ މީހާއަށް ގޮވައި ގެންނެވިއެވެ. އަދި އަލީގެފާނުގެ އަޅު ގަންބަރަށް ދެންނެވިއެވެ. "ތިމަންކަލޭގެފާނުގެ ދަހަނާކޮޅު ގެންނަވާށެވެ." ދެން އެދަހަނާކޮޅު ބަދަވީންގެ މީހާއަށް ދިނުމަށްފަހު އޭނާ ގާތުގައި ވިދާޅުވިއެވެ.”ތިބާ މިދަހަނާ ކޮޅު ވިއްކާލަން އަގުމަގު ކުރާ އިރު އެއްވެސް މީހަކަށް، މީގެ އަސްލު އަގު އޮޅުވާލިޔަ ނުދެއްޗެވެ. މިއީ ހަނގުރާމައިގެ މައިދާނުގައި ރަސޫލާ ޞައްލަﷲ ޢަލައަހި ވަސައްލަމަގެ މާތް މޫނުފުޅު ރައްކާތެރިކުރެއްވުމަށްޓަކައި ތިމަންކަލޭގެފާނު ބޭނުންކުރެއްވި ދަހަނާކޮޅެވެ."
އެހިނދު ގަމްބަރު ހުރެފައި ދެންނެވިއެވެ. "ސާހިބާއެވެ. 20 ދިރުޙަމަކީ އެބަދަވިންގެ މީހާއަށް ފުދޭ މިންވަރެއްހެން ކަލޭގެފާނަށް ހީފުޅު ނުވޭތޯއެވެ.؟” ޖަވާބުގައި އަލީގެފާނު ވިދަޅުވިއެވެ. ”އޭ ގަމްބަރުއެވެ. މާތް ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނުގެ އަތްޕުޅުގައި ދުނިޔޭގައިވާހައި ހުރިހާ ރަނަކާއި ރިއްސާ ހުރެފައި އެތަކެތި ﷲގެ މަގުގައި ހޭދަކުރެއްވުމަށްފަހު، އެހޭދަ އެކަލާނގެ ޤަބޫލްފުޅު ކުރެއްވި ކަމުގައި ވީނަމަވެސް، އެހީއަކަށް އެދިގެން އެއައި ބަދަވީންގެ މީހާއާއި މެދު ޤިޔާމަތްދުވަހުން ﷲ ސުބުޙާނަހޫ ވަތޢާލާ ސުވާލުކުރައްވައިފި ނަމަ ކުރެވުނު ހޭދައާއިމެދު ކުޑަވެސް އުފަލެއް ނުވާނެއެވެ."
މަސްދަރު: ނަވާދިރު މިނައްތާރީޚް / ޞަލިޙް މުޙައްމަދު އަލް ޒަމާމް [1/82]