މިއަހަރުގެ ފިޠުރު ޒަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދު ބަލައިގަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާގޮތުގައި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން 28ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކުން މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަގޮތަށް އެމިނިސްޓްރީން ވާނީ އިންތިޒާމުތައް ހަމަޖައްސާފައެވެ.

ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެދުވަހަކު ހެނދުނު 10:00އިން މެންދުރުފަހު 13:00އާ ހަމައަށެވެ. މާލޭގައި ފިޠުރު ޒަކާތް ބަލައިގަންނަނީ އިސްލާމިކް މިނިސްޓްރީންނެވެ. މާލެ ފިޔަވައި އަތޮޅުތަކުގެ އެހެން ރަށްރަށުން ފިތުރުޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލުންނެވެ.

މިއަހަރުވެސް އޮންލައިންކޮށް ޒަކާތްދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ބެންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދިރާގާއި އުރީދޫ އަދި ފަހިޕޭ އެޕްލިކޭޝަން މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ.

ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެތެރެއިން ކޮންމެ ބާވަތެއްގެވެސް 2.4 ކިލޯގެ އަގަށްވާ ފައިސާއިންނެވެ.

ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑުލުންނަމަ 77 ރުފިޔާ، ބާސްމަތީ ހަނޑުލުގެ އާދައިގެ ހަނޑޫނަމަ 76 ރުފިޔާ، ބާސްމަތީ ހަނޑުލުގެ މޮޅު ހަނޑޫނަމަ 90 ރުފިޔާ، ބާސްމަތީ ހަނޑުލުގެ އެންމެ މޮޅު ހަނޑޫނަމަ 132 ރުފިޔާ، ރަތް ހަނޑުލުންނަމަ 72 ރުފިޔާ، އާދައިގެ ފުށުންނަމަ 12 ރުފިޔާ، އާޓާ ފުށުންނަމަ 75 ރުފިޔާ އެވެ.

ފިތުރު ޒަކާތް ދައްކަންޖެހެނީ އެމީހަކު ނުވަތަ އެބަޔަކު ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ.