ޔުއެފާ ނޭޝަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވާދަވެރި ޖަރުމަނު 0-6 އިން ބަލިކޮށް، އެގައުމު ލަދު ގަންނުވާލުމަށްފަހު ސްޕެއިނުން ސެމީފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ސްޕެއިނުން ސެމީފައިނަލުން ޖާގަ ހޯދިއިރު ތަރިއަކަށް ވެގެންދިޔައީ ހެޓްރިކް ހެދި ޒުވާން ވިންގަރ ފެރަން ޓޮރޭސްއެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މިސީޒަނުގައި މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ފެރަން ޓޮރޭސް،20، ވެފައި ވަނީ ފާއިތުވެދިޔަ 19 އަހަރު ތެރޭގައި ޖަރުމަނު ކޮޅަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ސްޕެއިނުގެ އަނެއް ތިން ލަނޑު ކާމިޔާބު ކޮށްދިނީ ރޮޑްރީގޯ ހެނާންޑޭޒް އާއި އަލްވާރޯ މޮރާއްޓާ އާއި މިކޭލް އޮޔާޒަބަލްއެވެ.

ފެރަން ޓޮރޭސް ޖަރުމަނު ކޮޅަށް ލަނޑު ޖަހަނީ.

މަޝްހޫރު ކުޅުންތެރިން ކަމުގައިވާ ޓީމޯ ވާނާ އާއި ލެރޮއީ ސާނޭ އާއި ސާޖީ ނަބްރީ ލީޑް ކުރަމުންދިޔަ ޖަރުމަނަށް މުޅި މެޗުގައި ސްއިނުގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މިއީ ޖަރުމަނުގެ ފުޓްބޯޅަ ގައުމީ ޓީމު ވާދަވެރި މެޗެއްގައި މިހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޕްރެޝަރުގައި ހުރި ޖަރުމަނުގެ ކޯޗް ޔޯކިމް ލޯ ބުނީ މިއީ ކަޅު ދުވަހެއް ކަމަށެވެ.

"ދަނޑުމަތީގައި ކަންތައް ވެގެންދިޔަ ގޮތް ކިޔައިދޭނެ ގޮތެއް އަހަންނަކަށް ނޭނގޭ. މިއީ ކަޅު ދުވަހެއް. ޓީމުގެ ހުރިހާ ދިމާއަކުންވެސް ފެނިގެންދިޔައީ ވަރަށް ދަށް ކުޅުމެއް" 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ޖަރުމަނަށް ކާމިޔާބު ކޮށްދިން ކޯޗް ލޯ ބުންޏެވެ.

ސްޕެއިނުގެ ކޯޗް ލުއިސް އެންރީކޭ ބުނީ މިއީ ސްޕެއިނުގެ ތާރިހުގައި އެޓީމުން ކުޅުނު އެންމެ މޮޅު އެއްމެޗު ކަމަށެވެ. " އަހަރެން މިހުރީ ވަރަށް ބޮޑަށް އުފަލުން. އެއީ ހަމައެކަނި ޖަރުމަނު ބަލިކޮށް ސެމީއަށް ދެވިގެނެއް ނޫން. އަހަންނަށް ހީވަނީ މިއީ ސްޕެއިނުން މިހާތަނަށް ކުޅުނު އެންމެ މޮޅު އެއްމެޗުހެން. ހަގީގަތުގައި ޔުއެފާ ނޭޝަންސް ލީގުގައި މިހާތަނަށް ސްޕެއިނުން ކުޅުނު ހުރިހާ މެޗެއްގައިވެސް ވަނީ މޮޅަށް ކުޅެފައި. ދިމާވެފައި ހުރީ ލަނޑު ނުޖެހުމުގެ މައްސަލަ. ހުރިހާ މެޗެއް ކޮންޓްރޯލްކޮށްގެން ކުޅުނީވެސް އަހަރެމެން. މެޗު ކޮންޓްރޯލްކޮށްގެން ކުޅޭއިރު ތަފާތު ކުޅުންތެރިންގެ ފަރާތުން ލަނޑުތައް ފެނުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ކުރިން ބާސެލޯނާއަށް އިރުޝާދުދިން ކޯޗް އެންރީކޭ ބުންޏެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލުން މިހާތަނަށް ޖާގަ ކަށަވަރު ކޮށްފައި ވަނީ ސްޕެއިނުގެ އިތުރުން ފްރާންސެވެ. އަނެއް ދެޖާގައަށް ވާދަ ކުރަނީ އިޓަލީ އާއި ނެދަލޭންޑްސް އަދި ބެލްޖިއަމް އާއި ޑެންމާކެވެ.

މިމުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލްއެވެ.