ގހުޅުމާލޭ ހިޔާ ފްލެޓްތަކުގެ ސަރަޙައްދުގައި އެޗްޑީސީން ހަދާ ވަގުތީ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޮޅި ލިބުނު ފަރާތްތަކަށް ގޮޅިތައް ޙަވާލުކޮށްފިއެވެ. އެޗްޑީސީން ވިދާޅުވީ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި މާރުކޭޓު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށެވެ.

މިއީ ޖުމްލަ 19 ގޮޅި ހިމެނޭ ވަގުތީ މާރުކޭޓެކެވެ. މާރުކޭޓުން ގޮޅިއަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޮޅި ލިބުނު 17 ފަރާތަކާއެކު އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި އެގޮޅިތައް މިހާރުވަނީ ވެރިފަރާތްތަކާ ޙަވާލުކޮށްފައެވެ. އަދި 19 ގޮޅީގެ ތެރެއިން ސޮއިނުކުރެވި އޮތް 2 ގޮޅިވެސް ވަރަށް އަވަހަށް އެ ދެގޮޅި ލިބުނު ފަރާތާ ޙަޥާލުކޮށް އެއްބަސްވުމުގައި ސޮއިކުރާނެކަމަށް އެޗްޑީސީން ބުނެއެވެ.

މި ވަގުތީ މާރުކޭޓުގެ ގޮޅިތައް ދޫކޮށްފައިވަނީ ހިޔާ ފްލެޓުތަކުން އެޕާޓްމަންޓު ލިބިފައިވާ މީހުންނަށް އެކަންޏެވެ.

މި ވަގުތީ މާރުކޭޓަކީ ހިޔާ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ލުއިފަސޭހަކަމާއެކު މި ރަމަޟާން މަހު، މޭވާއާއި ތަރުކާރީއާއި އެނޫންވެސް އެފަދަ ބާވަތްތައް ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އެޗް.ޑީ.ސީން ހެދި މާރުކޭޓުތަކެކެވެ.