މި ރަމަޟާންމަހު ކޮވިޑް-19ގެ ވެކްސިން މާލޭ ސަރަޙައްދުގައި ޖެހުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 9:00އިން 11:00އަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ބުނެފިއެވެ.
ރަމަޟާންމަހު ކޮވިޑް ވެކްސިން ޖެހުމުގެ ގަޑިތަކަށް އައި ބަދަލާއެކު މާލޭ ސަރަޙައްދުގައި ވެކްސިން ޖެހުން ކުރިއަށްދާނީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި އެކަންޏެވެ. މި ދެތަނުގައިވެސް ވެކްސިން ޖެހުން ކުރިއަށްގެންދިއުން ހަމަޖެހިފައިވަނީ ހަފްތާ ބަންދު ދެދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9:00އިން 11:00އަށެވެ.
މީގެ އިތުރުން މި ރަމަޟާންމަހު ކޮވިޑަށް ޓެސްޓުކުރުމަށް ޓަކައި މާލެ ސަރަޙައްދުން ސާމްޕަލްނަގަން ހަމަޖެހިފައިވަނީ ސިނަމާލޭ ބްރިޖް ސަރަހައްދުގައި އޮންނަ ޕާކިންގ ޒޯނުގައި ހަދާފައިވާ ސާމްޕަލް ސެންޓަރުންނާއި، ވިލިމާލޭ ފްލޫ ކްލިނިކުންނާއި ހުޅުމާލޭ ރުއްގަނޑު އެކެއް، ސަރަޙައްދުންނެވެ.
މި ސެންޓަރުތައް ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭ 9:00އިން 11:00އަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ހާމަކުރައްވާފައިވާ ތަފާސްހިސާބަށް ބަލާއިރު މާޗްމަހުގެ 14ވަނަ ދުވަހުން ފެށިގެން 26ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ކޯވިޑް ޖެހިގެން ރެކޯޑްކުރެވިފައިވާ ޢަދަދަކީ 2342 މީހުންނެވެ. އެއީ މާލެ ސަރަހައްދުން މިބައްޔަށް ޕޮޒިޓިވްވި 184 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 1938 މީހުންނެވެ. މިމުއްދަތުގެ ތެރޭގައި މިބަލީގައި ރާއްޖެއިން ވަނީ އެކަކު ނިޔާވެފައެވެ.
މިހާރު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދަކީ 176،993އެވެ. މިހާތަނަށް މިބަލީގައި 298 މީހުން ރާއްޖެއިން ނިޔާވެއްޖެއެވެ.
ކޯވިޑާ ގުޅިގެން ރާއްޖޭގައި އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަމަހުގެ 13ވަނަ ދުވަހު ވަނީ އުވާލާފައެވެ. އަދި އެދުވަހާހަމައަށް އަޅާފައިވާ ގިނަ ފިޔަވަޅުތައްވެސް ވަނީ އުވާލާފައެވެ. އޭގެފަހުން ރާއްޖޭގެ ކޯވިޑް ބަލީގެ ތަފާސްހިސާބު ހާމަކުރަމުންދާނީ ހަފްތާއިން ހަފްތާއިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.