ނުބައިކަންތައް ދޫކޮށް ހެޔޮކަންތައްކުރުމަށް އަވަސްވެގަތުމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން އިލްތިމާސްކުރައްވައިފިއެވެ.

ޝައިޚް މިކަމަށް އިލްތިމާސްކުރެއްވީ މިރޭ ފެށި އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ މައުޟޫޢުއަކީ ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ! މި މައުޟޫޢުއެވެ. މި މައުޟޫއަށް ވާހަކަދައްވަމުން ޝައިޚް އިލްޔާސް ވިދާޅުވީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް ކަމަކަށް ބޭނުންވެ ވޮޑިގެން ނުވާއިރުވެސް އިންސާނުންނަށް ގޮވާލައްވަނީ އެކަލާނގެ މި ދެއްވާ ދެއްވުންތައް ލިބިގަތުމަށް އިންސާނުން އަވަސްވެ ގަންނަންކަމަށެވެ. ހެޔޮކަންތަކަށް އަވަސްވެގަނެ، ނުބައިކަންތަކުން ދުރުވުމުން އެ ފައިދާވަނީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނޫންކަށާއި، އެކަމުގެ ފައިދާ ވާނީ އިންސާނާއަށްކަމަށް ވިދާޅުވިއެވެ.

މިއީ ހެޔޮކަމުގެ މޫސުންކަމަށާއި މި މައްސަރުގެ ފައިދާ ލިބިގަތުމަށް އަވަސްވެގަންނަން ޝައިޚް ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

އެގޮތުން އިޚްލާސްތެރިކަމާއި އީމާންތެރިކަމާއެކު ރޯދައެއް ހިފައިފިނަމަ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފޮހެވިގެންދާކަމަށް ވިދާޅުވިއެވެ. އަދި ރޯދަ ހިފުމާއި ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

މި ފޯރަމްގައި ދެން ވާހަކަފުޅު ދެއްކެވީ އިސްލާމީ މަރުކަޒުގެ އިމާމު، އައްޝައިޚް ނަޞްރުﷲ ޢަލީ އެވެ. ޝައިޚް ނަޞްރުﷲ ވިދާޅުވީ ބުއްދިވެރިއަކީ ތިމާގެ އަޖަލު ގާތްވެގެން ދާހިނދު ތިމާގެ ވަގުތު ތިމާއަށް މަންފާތަކެއް ކުރާ މީހާކަމަށެވެ.

އެގޮތުން ވަގުތަކީ އިންސާނާގެ އުމުރުކަމަށާއި އެއިން ދުވަހެއް ހިނގައްޖެނަމަ އުމުރުން ދުވަހެއްދަނީކަމަށް ވިދާޅުވެ، އެކަމަށް ވިސްނައި ތިމާގެ ވަގުތުގެ މަންފާ ތިމާއަށް ލިބޭނެފަދައަކުން މަސައްކަތްކުރާ މީހަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ.

ހުސްވަގުތާއި، ސިއްޙަތަކީ ގިނަ ބަޔަކު އެކަމާމެދު ޣާފިލްވެފައިވާ ދެކަންތައްކަމަށްވެސް ވިދާޅުވިއެވެ.

ޝައިޚް ނަޞްރުﷲ ވިދާޅުވީ ނަމާދާއި ޙައްޖާއި، ރެއާއި ދުވާލާއި މިކަންކަމަށްވެސް އެކި ވަގުތުތައް މާތްﷲ ލައްވަވާފައިވަނީ އޭގައި ޙިކުމަތެއް އޮވެގެންކަމަށާއި އެހެންކަމުން އެކަމެއްގެ ވަގުތުގައި އެކަމެއް ލިބިގަތުމަށް މަސައްކަތް ކުރަންޖެހޭކަމުގައެވެ.

މިރޭގެ އިޙްޔާ ފޯރަމްގައި ހެޔޮޢަމަލުކުރުމުގެ މުޙިންމުކަމުގެ މައްޗަށާއި ރަމަޟާންމަހުގެ މާތްކަމާއި މިމައްސަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށާއި މިއީ ޤުރުއާން ބާވައިލެއްވި މައްސަރުކަން ފާހަގަކުރައްވާ ޤުރުއާން ކިޔެވުމުގެ މާތްކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މީގެ އިތުރުން މި މައްސަރުގައި ރޭ އަޅުކަންކުރުމުގެ މައްޗަށާއި ލައިލަތުލް ޤަދްރި ވިލޭރެއާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އެރޭގެ ދަރުމައާއި ސަވާބުން މަޙްރޫމްވެފައިވާ މީހާއަކީ ހުރިހާ ހެޔޮކަމަކުން މަޙްރޫމްވެގެންވާ މީހެއްކަމަށްވެސް ވިދާޅުވިއެވެ.

1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމް މިރޭ ފެށިފައިވާއިރު މިރެއިން ފެށިގެން ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހެއްގެ ރޭ މި ފޯރަމްތައް ކުރިއަށްދާނެއެވެ.

އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައެވެ.

ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ.