ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ބެހޭ ގާނޫނީ ހައިސިއްޔަތާ މެދު ޖަޕާނުން ވިސްނަން ފަށައިފިއެވެ. ޖަޕާނު ކުންފުނިތަކަށް ތުހުމަތު ކުރެވިފައިވަނީ ޗައިނާގެ އުއިގޫރު މުސްލިމުން ލައްވައި ގަދަކަމުން މަސައްކަތް ކުރުވާ ފެކްޓްރީތަކުގައި ޖަޕާނުގެ މުދާ އުފެއްދުމަށް މަސައްކަތް ކުރުވާ ކަމަށެވެ. ޗައިނާގެ ކުންފުނިތަކުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ ކުންފުނިތަކުން އެތަންތަނުން ފިޔަވަޅު އަޅާފައި ވެއެވެ.

އޮސްޓްރޭލިއާގެ ގްލޯބަލް ޕޮލިސީ އިންސްޓިއުޓުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ބައިނަލްއަގްވާމީ 82 ބްރޭންޑެއްގެ ތެރޭން ޖަޕާނުގެ 11 ބްރޭންޑަކީ އުއިގޫރު މީހުން ލައްވާ ގަދަކަމުން މަސައްކަތް ކުރުވާ ތަންތަނުން މުދާ އުފައްދާ ބްރޭންޑްތައް ކަމަށެވެ.

ޗައިނާއިން މިލިއަނަށް ވުރެން ގިނަ މުސްލިމުން ކޭމްޕްތަކުގައި ބަންދުކޮށްގެން ގެންގުޅޭ ކަމަށާއި އަދި އެމީހުން ލައްވައި ގަދަކަމުން މަސައްކަތް ކުރުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އދންވެސް މިކަން ފާހަގަ ކޮށްފައި ވެއެވެ.

ގްލޯބަލް ޕޮލިސީ އިންސްޓިއުޓްގެ ރިޕޯޓްގައި ބުނެފައިވަނީ ޝިންޖިއާންގ ސަރަހައްދުން 80 ހާސް މުސްލިމުން ނަގައިގެން ޗައިނާގެ އެކި ފެކްޓްރީތަކަށް އެމީހުން ބަހާފައިވާ ކަމަށާއި އަދި އެތަންތާނގައި ލާއިންސާނީ ހާލަތުގައި އެމީހުން މުދާ އުފައްދަމުން ގެންދާ ކަމަށެވެ.

ޖަޕާނުގެ މަޝްހޫރު ކުންފުނިތަކުގެ ތެރޭގައި ޔުނިކްލޯއާއި ނިންޓެންޑޯއާއި ޝާޕް ކުންފުނީގެ ނަން ޚާއްސަކޮށް ފާހަގަ ކޮށްފައި ވެއެވެ.

އެމެރިކާއިން ވަނީ ޝިންޖިއާންގއިން ކަފަ ނުގަތުމަށާއި އެތާނގައި އުފައްދާ ބެޓެރިތައް ނުގަތުމަށް ވެސް ނިންމާފައެވެ.