މަލަކާ ކަނޑު އޮޅި އާ ނުލައި އިންޑިއާ ކަނޑަށް ނުކުމެވޭ ގޮތަށް ތައިލެންޑުން ކޮނެގެން ހަދާ ކަނޑު އޮޅިއަށް އިންޑިއާއާއި އެމެރިކާއާއި އޮސްޓްރޭލިއާއިން ވެސް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
މި ކެނަލް އަށް ކިޔަނީ ކްރާ ކެނަލްއެވެ. ޗާޓްގައި ރަތް ރޮނގަކުން ފާހަކޮށްފައި އެވަނީ ކަނޑު އޮޅިއަށް ކޮނުމަށް ހަމަޖެހިފައިވާ ތަނެވެ.
ދެކުނު ތައިލެންޑްގައި ހެދުމަށް ވިސްނާފައިވާ މި ކަނޑު އޮޅި ހެދުމާ މެދު ބެންކޮކުން ހުރީ ދެ ފިކުރެއްގައެވެ. ޗައިނާއިން މާބޮދަށް ޝައުގު ވެރިވުމުން، ސަލާމަތީ ސަބަބުތަކަށް ޓަކައި ނުހަދަން ނިންމި ކަނޑު އޮޅި ކުރިއަށް ނުގެންދާން ނިންމާފައި އަނެއްކާވެސް މި މަޝްރޫއު ފެށުމަށް ވަނީ ދިރުން ލިބިފައެވެ.
ތައިލެންޑްގެ ޕާލަމެންޓްރީ ޕެނަލްއަކުން ބުނެފައި ވަނީ އެތައް ގައުމަކުން މާލީ އެހީތެރިކަމާއި ފަންނީ އެހީތެރިކަން ދީ މި މަޝްރޫއު ދިރުވަން ބޭނުންވާ ކަމުގައެވެ.
ދެކުނު ތައިލެންޑްގައި ސުއޭސް ކެނަލްއާ އެއްގޮތަށް ބިން ގަނޑު ކޮނެގެން ހަދާ 30 ބިލިއަން ޑޮލަރުގެ މި ކެނަލް ނުވަތަ ކަނޑު އޮޅިން ދެކުނު ޗައިނާ ކަނޑުން އަންނަ އާގު ބޯޓުތައް މަލަކާ ކަނޑު އޮޅިއަށް ނުވަދެ، އިންޑިއާ ކަނޑުގެ ސަރަހައްދާ ދިމާއަށް އަންޑަމާން ކަނޑަށް ނިކުމެވޭނެއެވެ.
މި މަޝްރޫއު ދިރާސާ ކުރާ ކޮމިޓީގެ ރައީސް، ތާއީ ނޭޝަން ޕަވާ ޕާޓީގެ އެމްޕީ ސޮންގކޯލްޑް ތިއްޕަރާޓް ވިދާޅުވީ މި މަޝްރޫއަށް ޗައިނާއާއި އިންޑިއާއާއި އޮސްތްރޭލިއާއާއި އެމެރިކާ އިން ތާއީދުކުރުމުން މިކަން ހަގީގަތަކށް ވެދާނެ ތަން މިހާރު ފެންނަ ކަމުގައެވެ.
ތައިލެންޑުން މިމަޝްރޫއު ކުރިއަށް ގެންދަން ވިސްނާފައި އޮތް އިރު އިންޑިއާއިން ދިޔައީ މި ކަމަށް ގައުމީ ސަލާމަތުގެ ނަޒަރަކުން ފާރަވެރިވަމުންނެވެ.
ކުރިން ވާހަކަ ދެކުނު ގޮތަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަށް ތައިލެންޑުން އާނބަސް ބުނިނަމަ، ފަސޭހަކަމާއެކު ޗައިނާގެ މަނަވަރުތަކަށް މިކަނޑު އޮޅިން އަވަސް ގޮތަކަށް މަގު ކުރުކޮށް އަންޑަމާން ކަނޑަށް ނިކުންނަން ފަސޭހަވާނެއެވެ.
ގަލްފް އޮފް ތައިލެންޑުން އަންޑަމާން ކަނޑަށް ކޮނެގެން ހަދާ މިކަނޑު އޮޅިއަކީ ކުރަން ރަނގަޅުކަމެއް ކަމަށް ތަޖުރިބާކާރުންނާއި އދން ވެސް ވަނީ ބުނެފައެވެ.
135 ކިލޯ މީޓަރުގެ މިކަނޑު އޮޅީގެ މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވާން 30 ގައުމެއްގެ ކުންފުނިތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ތާއީ ކެނާލްގެ ނަމުން އަދި ނަންދީފައިވާ މި ކަނޑު އޮޅީގައި ސުއޭސް ކެނެލެކޭ އެއްފަދައިން ދެ ކޮޅަށް ދުއްވަން ދެ ކަނޑު އޮޅި އޮންނާނެއެވެ.
މި މަޝްރޫއުގެ ދިރާސާ ނިމި ޕާލަމެންޓަށް ހުށަހެޅުމަށް މިހާރު ވަނީ ތައްޔާރުކޮށްފައެވެ.
މި ކަނޑު އޮޅި ނު ހެދުމަށް ތައިލެންޑުން ވިސްނިއިރު ނިންމީ ދެ ފަރާތުގައި ދެ ބަނދަރު ހަދައި މުދާ ބޭލުމަށްފަހު ރޭލުގައި މުދާ ފެރީ ކުރުމަށެވެ.