މެންދުރެއްގެ ހޫނުކަން މަޑުމަޑުން ބަދަލުވަމުންދަނީ ހަވީރެއްގެ ފިނި ކަމަށެވެ. ހެނދުނުއްސުރެ ނަމްބަރު ނަގައިގެން ކިޔޫގައި ތިބި ދެޖިންސުގެ އެތައް ބަޔަކު ޑަކުޓަރު ބައްލަވާ ކޮޓަރީގެ ދޮރުމަތީގައި އަތުރާލައިފައިވާ ގޮނޑިބަރިތަކުގައި ކެތްތެރިކަމާއެކު ތިއްބެވެ. އެއްވެސް ފޫހިކަމެއް ޝަކުވާއެއްނެތިއެވެ. ކޮންމެ މީހަކުވެސް އިންތިޒާރު ކުރަމުންދަނީ ހުސް ވަގުތުކޮޅަށްފަހު ޑަކުޓަރު ބައްލަވަން ފަށްޓަވާނެ ވަގުތަކަށެވެ.

މި މަންޒަރަށް ބަލައިލުމުން ހިތަށް ކުރަނީ ފުން އަސަރެކެވެ. ޙަޔާތުގެ ކޮންމެވެސް ހިސާބެއްގައި ސޫރައަށް ބަދަލު ނާންނަ އެކަކުވެސް ނެތެވެ. މުޅިންވެސް ހަމުގެ ތަފާތު ބަލިތައް ތަޙައްމަލު ކުރާ މީހުންނެވެ. އެއްބަޔަކު ފެންނަމުންދަނީ އެއްކޮށް ހުދުވެފައިވާތަނެވެ. އަދި އަނެއް ބަޔަކު ފެންނަނީ ދެބައި ކުޅަ އެއްބަޔަށް ހުދުވަމުންދާތަނެވެ. ބިރުވެރި ސިފަސިފައަށް ހުދުވަމުންދާ ދެތިން މީހަކުވެސް ތިއްބެވެ. ރަތް ދޮން ކުލައިގައި އިން މީހަކުވެސް އިނެވެ. ބަލީގެ ފުރަތަމަ މަރުޙަލާގައި ތިބި މީހުންވެސް މަދެއްނޫނެވެ.

މެންދުރުގެ ކެއުމަށް އިންޞާފު ކުރުމަށް ނެގި ބައިގަޑިއިރުގެ ހުސް ވަގުތުކޮޅަށްފަހު ޑަކުޓަރު އަލުން ބައްލަވަން ފެއްޓިއެވެ. ނަމްބަރަކަށްފަހު ނަމްބަރެއް އެނބުރެމުންދިޔައެވެ. ކެތްތެރިކަމާއެކު ނަމްބަރަށް ސަމާލުވެ އިން ޒުވާން އޮފީލިޔާގެ މޫނަށް ހިނިތުންވުން ވެރިވީ އޭނާގެ ނަމްބަރު ޖެހުމުންނެވެ. މަޑު ހިނގުމެއްގައި ފަރިގޮތަކަށް ހިނގާލާފައިގޮސް އޭނާ ޑަކުޓަރުގެ ކޮޓަރީގެ ދޮރުގައި ޓަކިދިނެއެވެ. އެތެރެއިން ލިބުނު އިޒުނައާއެކު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ލިބުނީ ކުއްލި ޙައިރާން ކަމެކެވެ. މާޒީގެ މަންޒަރުތަކެއް ކުރިމަތިން ސިފަވިހެން ހީވިއެވެ. ކަޅި ޖަހާ ނުލައި ބެލެމުން ދިޔައީ ކުރިމަތީގައި އިންނެވި ޒުވާން ޑަކުޓަރަށެވެ. ޑަކުޓަރަށްވެސްވީ ހަމައެހެންނެވެ. އޮފީލިޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ އެތައް ދުވަހުއްސުރެ ބައްދަލުނުވެ ތިބި ދެމީހަކު ބައްދަލު ވެވުނީމާ އެވާ މިސާލުގައެވެ.

އޮފީލިޔާއަށް އިސް ޖަހާލެވުނެވެ. އޭނާއަށް އެހެން ނުވާންވީ ސަބަބެއްނެތެވެ. ޑަކުޓަރު ރާމަކީ އޭނާގެ ކުރީގެ ބައިވެރިޔާ ކަމެއް އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ ތަޤުދީރު އޭނާ ގޮވައިގެން މި ކުޅުނީ ކޮންފަދަ ކުޅިގަނޑެއް ހެއްޔެވެ؟ މިކަން ކުރިން އެނގުނުނަމަ ކިތަންމެ ބޭނުންވިޔަސް އޭނާއެއް މިތަނަކަށް ނާންނާނެއެވެ. ޑަކުޓަރު ރާމަކަށް ނުދައްކާނެއެވެ. އެއަށްވުރެ އޭނާއަށް ކަންތައް ކުރެވިފައިވާލެއް ގޯހެވެ.

އޮފީލިޔާގެ އިސް އުފުލިގެން ދިޔައީ ޑަކުޓަރުގެ އަޑަށެވެ. ކިތަންމެ ލަދުން ހުރެފައި ނަމަވެސް އޭނާ ޑަކުޓަރާ ކުރިމަތިލިއެވެ. އޭނާ ބުނެދޭން ބޭނުން އެތައް ވާހަކައެއް އެބަހުއްޓެވެ. އެކަމަކު އަޑެއް ބޭރެއް ނުވިއެވެ. ވަރަށް މަސައްކަތުން ނަމަވެސް އެއްޗެކޭ ބުނެވޭތޯ އޭނާ ބެލިއެވެ.

" އަހަންނަށް މާފު ކުރޭ! އަހަރެންގެ ކުށަކީ މިތަނަށް އައުން. އެކަމަކު މިއީ އިއްތިފާގެއް."

" މީހަކު ކުށްވެރިވެ މާފަށް އެދޭވަރުގެ ކުށެއް އަދި މިތާކު ނުކުރެވޭ. މިތަނަށް އައުމަކީ ކުށެއްނޫން. ތިޔައީ ހަމަ އޮފީތަ؟" ރަމީޒުގެ އަޑުގައި ފޮރުވިފައިވަނީ މަލާމާތަށްވުރެ ބޮޑަށް ހަރުކަށިކަމެވެ.

"ޝައްކުވަނީތަ؟ ރަމީ މިހުރިހާ ދުވަހު އުޅެފައި ތިޔަ އައީ ކޮންތާކު؟"

" ތި ސުވާލު އަހަންނާ ނުކުރިއްޔާ ރަނގަޅުވާނީ. މިވަގުތު ރަނގަޅުވާނީ މިތަނަށް ތިޔަ އައި ބޭނުން ބުނެދިނިއްޔާ!"

" ބުނެނުދިނަސް ހުރިހާ ކަމެއް މިހުރީ ފެންނަން. މިއީ އަހަންނަށް ކުރެވުނު ކުށުގެ ސަޒާކަން އަހަރެން ގަބޫލުކުރަން. ކުށްވެރިޔަކީ އަހަރެން. މިބަލީގެ އެއްވެސް މަޢުލޫމާތެއް އޭރަކު އަހަންނަކަށް ނޭނގޭ. މިކަން އެނގޭ ބަޔަކު މިއަދު އަހަންނަށް ހީ މަލާމާތްވެސްކޮށްފާނެ. އެކަމަކު އޭރު ނުވިސްނުނީ. އަހަރެން ހީކުރީ........." އޮފީލިޔާގެ އަޑު ބެދުނެވެ.

" ތި ވާހަކަ އޭރުވެސް އަހަރެން ބުނެދިނިން. އޮފީއަށް ވިސްނިގެން ކޮންމެވެސް ދުވަހަކުން އަހަރެންގެ ކުރިމައްޗަށްވެސް އަންނަން ޖެހިދާނެކަމަށް ވަކިވުމުގެ ކުރިން އަހަރެން ނުބުނޭތަ؟ އަހަރެންގެ ނަޞީބު ގޯހެއްނޫން. ތަޤުދީރު މިއަދު މިވަނީ އެކަން މިންވަރު ކުރައްވާފަ. ޑަކުޓަރު ރާމުގެ ނަމުން މިއަދު އެންމެން އަހަންނާ މުޚާޠަބު ކުރިޔަސް އަދިވެސް އަހަންނަކީ ހަމަ އަހަރެން. އަހަރެންގެ މިޒާޖަކަށް ޢަޒުމަކަށް ބަދަލެއް ނާދޭ!. މިއަދު އަހަންނަށް މި ގޮނޑީގައި އިށީނދެވިފައި މިއިނީ އޮފީ އެދުވަހު އަހަންނާމެދު ކަންތައްކުރިގޮތުން. މަންމަޔަކާ ނުލައި އަހަރެން މި ހިސާބަށް ގެނެސްދިން ބައްޕަގެ ނަފުސްގެ ވަރުގަދަކަމުން. އެކަމަށްޓަކާ މިއަދު އުފާކުރަން. ﷲ ގެ އިރާދަފުޅުން އެބަލީގެ އެއްވެސް ކަންފުޅެއް މިއަދު އަހަރެންގެ ކިބައަކު ނެތް." ބޮޑު މަންޒަރެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޮފީލިޔާގެ ކުރިމައްޗަށް ރަމީޒު ބަންޑުންކޮށްލިއެވެ.

"ތިކަން މިކޮޓަރިއަށް ވަނީމާވެސް އަހަންނަށް އެނގިއްޖެ. މީހަކަށް ކެއްސެއް ދިނުމުން ލިބޭނޭ އުފަލެއް ނެތްކަން މިއަދު ވިސްނިއްޖެ. އަހަރެންގެ އަލަތު ލޯބި އަމިއްލަ އަތުން ފުނޑުފުނޑުކޮށްލިގޮތަށް ދެވަނަ ލޯބިވެސް ބީވެގެން ހިނގައްޖެ. އެއް ފިލާވަޅެއް އަހަރެންގެ ކުރިމަތީގައި ތަކުރާރު ކުރުވާފަ. އެއްވެސް މީހަކު މިއަދު އަހަރެންނަށް ބަލާކަށް ބޭނުމެއް ނުވާނެ. އެހެންނަމަވެސް ތަޤުދީރު މިއަދު އަހަރެން މިކޮޓަރިއަށް ގެނެސް މި ވެއްދީ ކީއްވެކަމެއް ނުވިސްނުނު. އަހަރެން އަދިވެސް.........." އޮފީލިޔާގެ އަޑު އެތެރޭގައި ތާށިވި ކަހަލައެވެ.

" ނުވިސްނުނު.... ތި ވާހަކަތައް އަޑު އަހާކަށް އަހަންނަކަށް ވަގުތެއް ނެތް. އަހަރެންގެ ކިޔޫގައި އެތަކެއް ބަލި މީހުން އަދިވެސް އެބަތިބި. ބޭކާރު ވާހަކަތަކެއް އަޑު އެހުމުގެ ބޭނުމެއް ނެތް. އެހެންނޫނަސް އޮފީ އޭރު އަހަންނާ އެކަށީގެންނުވިގޮތަށް އަމުދުން މިހާރު އެއްގޮތަކަށްވެސް އެކަށީގެންނުވާނެ. ދޭދޭ! ދުރަށްދޭ! އަހަރެން ނުފެންނަ ހިސާބަށް ދުރަށްދޭ! މިއަދު އަހަރެންގެ މިލްކުގައި ތިޔަފަދަ އަންހެނަކާ އަޅާ ނުކިޔޭވަރުގެ އަނތްބަކު އެބައިން. އަހަންނަކީ މިއަދު ތުއްތުތުއްތު ފިރިހެން ކުއްޖެއްގެ ބައްޕައެއް." ރަމީޒުގެ ޖުމްލަ ނުނިމެނީސް އޮފީލިޔާގެ ލޮލުން ކަރުނަތައް ހިލިގަތެވެ.

" އޮފީ މާފަށް އެދެންވީ އަހަރެންގެ ކިބައަކުންނޫން. އެހެން ކޮންމެވެސް މީހެއްގެ ކިބައިން. އިރާދަކުރެއްވީތީ އެމީހަކު އަދި ހެޔޮ ޙާލުގައި ދުނިޔޭގައި އެބަހުރި. ޅީގޮއްޔެއްގެ މަގާމަށް އަހަރެން އޭރު އިޚުތިޔާރުކުރި ތިފަދަ އަންހެނަކަށް އެމީހަކުވެސް މާފު ދޭނެ ކަމަކަށް ލަފާ ނުކުރެވޭ. ދެން ރަނގަޅުވާނީ އަވަހަށް މިކޮޓަރިން ދިއުން."

އޮފީލިޔާ އެކޮޓަރިން ނިކުމެގެން އެދިޔަގޮތް ރަމީޒު އިންނެވީ ބައްލަވާށެވެ. އެމަންޒަރުވީ ރަމީޒުގެ ހިތަށްވެސް ވަރަށް ތަދު ކުރުވި މަންޒަރަކަށެވެ. އެއްވެސް މީހެއްގެ ލޮލުން އޭނާއަށްޓަކައި ކަރުނަ ހިލުމަކީ އޭނާ އެދޭގޮތެއްނޫނެވެ. އިންސާނެއްގެ ހައިސިއްޔަތުން އަދިވެސް އޭނާ އޮފީލިޔާއަށް ހަމްދަރުދީވެއެވެ. އެހެނަސް މާޒީގެ މަންޒަރުތަކަކީ އޭނާގެ ހިތުގައި ރިއްސަމުންދާ ރިހުމެކެވެ. އަޅާ ވަރުގަދަ ވޭނެކެވެ. އެހެންނޫންނަމަ އެހާ ހަރުކަށިކޮށް އޮފީލިޔާއާ އޭނާ ކުރިމަތި ނުލީހެވެ.

ކިޔޫގައި ކުރިއަށްތިބި ބަލި މީހުން ބެއްލެވުންވެސް ރަމީޒަށްވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެކަން ނިންމާލެވުނީވެސް ވަރަށް ހިތްވަރުންނެވެ. މިއަދު ކުރިމަތިވި މިކަމުން އޭނާގެ ޠަބީޢަތް މުޅިން ބަދަލުވިއެވެ. އެއްގޮތަކަށްވެސް ދެން ހޮސްޕިޓަލުގައި މަޑުކުރާ ހިތެއްނުވިއެވެ. ބޭނުންވީ އަވަހަށް ގެއަށް ދިއުމަށެވެ. އަރާމުކޮށްލުމަށެވެ. ގެއަށްގޮސް އެނދުގައި އޮށޯވެލުމުންވެސް ހިތްހަމަޖެހޭގޮތެއްނުވިއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅިވެސް ލޯ ޖެހިލެވޭގޮތެއް ނުވިއެވެ. މާޒީގެ މަންޒަރުތައް ހިތް ކަފާ ކުދިކުދި ކުރަމުން ދަނީއެވެ. އެއްވެސް ތަރުތީބެއްނެތި އޭނާގެ ލޮލުން ބަލަމުންދިޔަ މަންޒަރުތައްގޮސް ސޮއްސާލީ އަލަތު ކައިވެނީގެ ތާރީޚީ ރެއަށެވެ.

..................................................................................................

އެއީ ޖުލައި މަހެއްގެ 14 ވިލޭރެއެވެ. 3 ގަޑިއިރަށް ދިގު ދެމިގެންދިޔަ ކައިވެނި ޕާޓީ ނިންމާލުމަށްފަހު ރަމީޒާއި އޮފީލިޔާ އެމީހުންނަށް ޚާއްޞަ ކުރެވިފައިވާ ކާރުގައި ގެއަށް އައީ ވަރަށް އުފަލުންނެވެ. ހީ ސަމާސާ ކުރަމުންނެވެ. ރަމީޒުގެ ކޮޓަރިއަށް ވަނުމުން އޮފީލިޔާއަށް ލިބިގެން ދިޔައީ ކުއްލި ޙައިރާން ކަމެކެވެ. މިހާ ފުރިހަމައަށް މި ކޮޓަރި ތައްޔާރުކޮށްފައި ހުރެދާނެ ކަމަކަށް އޭނާ ހިތަށްވެސް ނާރައެވެ. އާޝޯޚުވެފައި ކޮޓަރީގެ އެކި ދިމަދިމާއަށް ބަލަން އެތައް އިރަކު އޭނާއަށް ހުރެވުނެވެ. ތަރުތީބުނޫން އެއްވެސް އެއްޗެއް އޭނާގެ ލޮލުގައި އަޅައެއް ނުގަތެވެ. އޭނާގެ ނަޒަރު އެންމެ ބޮޑަށް ގޮސް ހުއްޓުނީ މިރެއަށް ޚާއްޞަ ކުރެވިގެން ތައްޔާރު ކުރެވިފައިވާ އެނދަށެވެ. އެރީތި ބޮޑު އެނދުވަނީ ތަފާތު ވައްތަރުގެ މީރުވަސް ދުވާ މާމެލާމެލިން ޒީނަތްތެރި ކުރެވިފައެވެ. ތަފާތު ބައްޓަމަށް ކުރެހިފައިވާ ހިތްތަކާއި ލިޔުންތަކުން ކުރެހުން އެޅިފައެވެ. ދުވާ މާމެލާމެލީގެ މީރު ވަހާއެކު ކޮޓަރީގެ މީރުވަސްވަނީ އެއްވަސް ކުރުވާފައެވެ. ވެރިވެފައިވާ މަޑުފިޔާތޮށި އަލީގެ ތެރެއިން އޭނާއަށް ސިފަވަމުން ދިޔައީ ހުވަފެނެއްގެ ތެރެއިން ފެންނަމުންދާ ހުވަފެނެއް ފަދައިންނެވެ. އެހާވެސް ހިތްގައިމެވެ.

އެނދުގެ ފުރިހަމަކަމާއި ހިތްގައިމުކަން ފެނިފައި އޭނާ އެނދާ ކައިރިއަށް ޖެހިލިއެވެ. އޭނާ ބޭނުންވަނީ އަވަހަށް އެނދުގައި އޮށޯވެލާށެވެ. ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށެވެ. މަޑުމަޑުން އޭނާގެ ހަށިގަނޑު އެނދަށް ދޫކޮށްލިއެވެ. އެހިނދު އެނދުގެ މަޑުކަމާއި އަރާމުކަން އޭނާއަށް އިޙުސާސްވިއެވެ. މަޑުމަޑުން އޭނާގެ ދެލޯ މަރާލިއެވެ. ފޮނި އިޙުސާސްތަކެއް އޭނާއަށް ކުރެވުނެވެ. މިއީ އެތައް ދުވަހެއްގެ ކުރިންވެސް އޭނާ ކުރަމުން އައި ފޮނި އިންތިޒާރެކެވެ.

އޮފީލިޔާ އިންތިޒާރު ކުރަމުން ދިޔައީ ރަމީޒަށެވެ. ރަމީޒު އަދިވެސް ހުރީ ކޮޓަރިއަށް ވަންތަނުން އައި ފޯން ކޯލެއްގައެވެ. ކޯލް ދިގުލައިދާތީ އޭނާ އޮތީ ހިތާހިތުން ނުރުހިފައެވެ. އެހެނަސް ކުޑަހިނދުކޮޅެއްގެ ތެރޭގައި ރަމީޒުގެ ފިޔަވަޅުތައް އޭނަޔާ ދިމާއަށް އަންނަ ކަމުގެ އިޙުސާސް ކުރެވުނެވެ. ކުއްލިއަކަށް އޭނާގެ ދެލޯ މެރުނެވެ. ރަމީޒު އައިސް އެނދުގެ މަގަތަށް ލެފިލިއެވެ. އޭނާގެ ލޯބިވެރިޔާ އެއޮތީ ނިދާފައި ނޫންކަން އޭނާއަށް އެނގުނެވެ. ރަމީޒު އޭނާގެ ލޯބިވެރިޔާއާ ކައިރިވެލިއެވެ. އެހިނދު އޮފީލިޔާގެ ނޯށަށް އިތުރު މީރުވަހެއް އައިސް ޖެހުނެވެ. އެވަހާއެކު އޭނާގެ ވިންދުތައް އަވަސްވިއެވެ. ނޭވާ ފިނިވާން ފެށިއެވެ. އަތްފައި ތުރުތުރު އަޅަންފެށިއެވެ. އެއްވެސް އިޚުތިޔާރަކާ ނުލައި އޭނާގެ ލޯބިވެރިޔާގެ ހަށިގަނޑުގައި ބައްދައިގަނެވުނެވެ. ރަމީޒު އޭނާގެ ފިރިހެންވަންތަކަމުގެ ޙިމާޔަތުގެ ދަށަށް އޮފީލިޔާ ގެނެސް ބަނދެލިއެވެ. އެދެމެދަށް ވައި ރޯޅިއަކަށްވެސް ނުވަދެވޭ ވަރަށެވެ. ކޮންމެއަކަސް އެރޭގެ ނިންޖަކީ އެ ދެލޯބިވެރިންނަށް ބޭނުން އެއްޗަކަށް ނުވިއެވެ.

ފާއްދާލި އިރުގެ ދޯދިތައް ކުޑަދޮރުތަކުން ފުރޭނިގެން އައިސް ނިދިފައި ތިބި ދެލޯބިވެރިންގެ ހަށިގަނޑުގައި ބޮސްދެމުންދިޔައެވެ. މަޑުމަޑުން އޮފީލިޔާގެ ބަރު ދެލޯ ހުޅުވުނެވެ. އޭނާގެ ނަޒަރު ކޮޓަރިއަށް ހިންގާލިއެވެ. އަމިއްލަ ކޮޓަރިނޫންކަން އިޙުސާސްވީ ކުޑައިރުކޮޅެއްވީ ފަހުންނެވެ. އެކަން އިޙުސާސްވުމާއެކު ފޮނި ނިންޖެއްގައި ބަނޑުވަތަށް ނިދާލާފައި އޮތް އޭނާގެ ލޯބިވެރިޔާއާ ދިމާއަށް ލަދުވެތި ނަޒަރަކުން ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. ރަމީޒުގެ ފިރިހެންވަންތަ ކަނދުރާ މަތިން ފެނުނު ނިޝާން ފެނިފައެވެ. އެއީ އޭނާއަށް ހީވި ހީވުމެކޭ ހިތާ ދެވަނަ ފަހަރަށް އޭނާގެ ލޯ އަމާޒުކޮށްލިއެވެ. އޭނާ ތުރުތުރު އަޅައިގެންދިޔައެވެ. އެއީ އޭނާ ވަރަށް ބިރު ގަންނަ ބައްޔެކެވެ. އެބަލި ޖެހިފައި ތިބޭ މީހުންނާ އޭނާ އަމުދުން ސަލާންވެސް ނުކުރެއެވެ. ރަމީޒާއެކު ރޭ ހޭދަކުރެވުނުގޮތް ހިތަށް އަރާފައި އޭނާއަށް ރޮވޭގޮތްވިއެވެ. އޭނާގެ ލޮލުން ކަރުނަތައް ފާއްދާލިއެވެ. އެބަލީގެ އަސަރު އޭނާއަށް ވާރުތަ ކޮށްފާނެތީއެވެ.

ފެނުނު މަންޒަރުން އޮފީލިޔާ ހިތްހަމަ ޖެހޭގޮތެއްނުވިއެވެ. އޭނާ ހިތަށް އެރިއެވެ. ހާދަ ދެރައެވެ. އަލަތު ކައިވެނީގެ ފުރަތަމަ ދުވަހުވެސް ޙަޔާތުގެ ޑައިރީގައި ލިޔެލަން މިޖެހުނީ ކަޅު ޞަފުޙާއެކެވެ. މިވާހަކަ ރަމީޒު ގާތުގައި ބުނުމަށް އޭނާ ކުރިމަތިލާނީވެސް ކިހިނެއް ހެއްޔެވެ؟ މިކަން ކައިވެނީގެ ކުރިން އޭނާއަށް ނޭނގުނީ ކީއްވެހެއްޔެވެ؟ އެއްވެސް މީހަކު އެވާހަކަ އޭނަޔާ ޙިއްޞާ ނުކުރީ ކީއްވެބާވައެވެ؟ އެއްވެސް މީހަކަށް އެކަން ނޭނގެނީބާވައެވެ؟ ޚުދު އޭނާއަށް ނޭނގުމަކީ ޙައިރާންވާންޖެހޭވަރުގެ ކަމެއްނޫނެވެ. އެހެނީ ދެ މީހުން ކައިވެންޏަށް އައީ އަބުރުވެރިކަމާއެކުގައެވެ. ރައްޓެހިވެގެން އުޅުނު މަދު ދުވަސްކޮޅުގައި ލޯބީގެ ބަގީޗާތަކަށްގޮސް މާފޮޅުވައެއް ނުހަދައެވެ. ލޯބީގެ އުޑުތަކުގެ ދަށަށްގޮސް ތަރިއެއް ނުބާލައެވެ. ލޯބީގެ އައްސޭރިތަކަށްގޮސް ހިތް އުފާކޮށެއް ނުހަދައެވެ. ފާފައަކަށް އަރައިގަންނަ އެއްވެސް ހުތުރު ޢަމަލެއް ނުހިންގައެވެ. އެހެންކަމުން މިފަދަ ނިޝާނެއް ނުފެނި ދިއުމަކީ ހަމަ ވެދާނެ ކަމެކެވެ.

ދޫކޮށްފައިވާ މާގަނޑުން އޮހޭ ފިނި ފެނަކުންވެސް އޮފީލިޔާގެ ހިތަށް ފިނިކަން ލިބޭގޮތެއް ނުވިއެވެ. ވިސްނެމުންދަނީ ހަމަ އެންމެ ކަމެކެވެ. ރަމީޒާ ކުރިމަތިލާނެ ގޮތެކެވެ. ކައިވެނީގެ ފުރަތަމަ ދުވަހު އެފަދަ ހައިޖާނެއް އުފެއްދުމަކީވެސް ހާދަ ބޮޑު ގޯހެކެވެ. އެކަމަކު މިއީ ނުބުނެ ހުރެވޭ ކަހަލަ ވާހަކައެއްވެސް ނޫނެވެ. އެކަމާ އޭނާ ކުރިމަތިލާން ޖެހެއެވެ. ކިތަންމެ އުނދަގުލަކުންވެސްމެއެވެ. އަމިއްލަ ހަށިގަނޑުގެ ދިފާޢުގައެވެ. މާލަސްވެއްޖެއްޔާ ގޯސްވެދާނެއެވެ.

އެރެއަށްފަހު އޮފީލިޔާގެ ޠަބީޢަތަށް މިއަންނަމުންދާ ބަދަލުތަކެއް ރަމީޒަކަށް ނޭނގުނެވެ. ކޮންމެވެސް ބަދަލުތަކެއް އަންނަމުންދާކަން ރަމީޒަށް އިޙުސާސް ކުރެވެމުންދިޔައެވެ. މިދުވަސްކޮޅު އޮފީލިޔާ އުޅެނީ ރަމީޒާ ވަރަށް ބޮޑަށް ފޭވެގެންނެވެ. ކާ ގަޑިތަކުގައިވެސް މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ގިނަ ރޭރޭ ރަމީޒު ނިދަން އަންނައިރު އޮންނަނީ ނިދާފައެވެ. މިކަމާ ރަމީޒު ވިސްނަމުންދިޔައެވެ. ކައިވެނީގެ ކުރީކޮޅު މިއައި ބަދަލާ ގުޅިގެންނެވެ. ގިނަ ރޭރޭ އޭނާއަށް ނިދެނީވެސް މި ފިކުރުގައި އޮއްވައެވެ. އޭނާ ހިތަށް އަރައެވެ. މިއީ އޮފީ ދަސްނުވެ ކައިވެނި ކުރުމުގެ ނަތީޖާބާވައެވެ؟ މިފަދަ ކައިވެނިތައް ވަރަށް އަވަހަށް ރޫޅިދާ ވާހަކަ އޭނާވެސް އަހައެވެ. އެކަމަކު އެފަދަ ކަމެއް އޭނާގެ ފުށުން އޮފީއަށް ކުރިމަތިވެގެން ނުވާނެއެވެ. އެއަށްވުރެ ބޮޑަށް އޭނާ އޮފީ ދެކެ ލޯބިވެއެވެ. އެހެންވިޔަސް އެއް ފަރާތަކުން ވެވޭ ލޯތްބެއްގައި އެއްވެސް އުފަލެއްނެތެވެ.

- ނުނިމޭ