ނެދަލޭންޑްސް ގައުމީ ޓީމުގެ މަޝްހޫރު ކޯޗް ލުއިސް ވެންހާލް ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯދަމުންދާކަމަށް އޭނާ ހާމަކޮށްފިއެވެ.

ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯދަމުންދާކަން ވެންހާލް،70، ހާމަކުރީ އޭނާގެ ހަޔާތާއި ގުޅޭ ގޮތުން އުފައްދާފައިވާ ފިލްމް "ލުއިސް" އާ ގުޅޭ ގޮތުން ނެދަލޭންޑްސްގެ ޓީވީ ޗެނަލެއްގެ ލައިވް ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުންނެވެ.

ވެންހާލް ބުނީ މިހާތަނަށް ކުޅުންތެރިންނަށްވެސް އޭނާ ކެންސަރަށް ފަރުވާ ހޯދަމުންދާކަން ނޭނގޭނެ ކަމަށެވެ. "ގިނަ ފަހަރަށް ކުޅުންތެރިންނާއެކު ހޮޓަލުގައި ތިބުމަށްފަހު އަހަރެން ދަނީ ޓްރީޓްމަންޓް ނެގުމަށް ހޮސްޕިޓަލަށް. ކުޅުންތެރިންނަށް މިކަން ހާމަ ނުކުރީ ޕާފޯންމަންސަށް އަސަރު ކުރާނެތީ" ޒުވާން ކުޅުންތެރިން އުފެއްދުމަށް މަޝްހޫރު ވެންހާލް ބުންޏެވެ.

ނެދަލޭންޑްސް ގައުމީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި ވެންހާލް މަސައްކަތް ކުރާ މިއީ ތިންވަނަ ފަހަރެވެ. ނެދަލޭންޑްސްއަށް މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ދަށް ނަތީޖާތަކެއް ލިބުމުން ޓީމުގެ ހާލަތު ރަނގަޅުކޮށްދީ ވޯލްޑް ކަޕަށް އެގައުމު ކޮލިފައި ކޮށްދިނުމުގެ ޒިއްމާ ވެންހާލްއާ ހަވާލް ކުރަން މަޝްވަރާ ފެށިއިރު އޭނާ ހުރީ ކޯޗިންގ ކެރިޔަރ ހުއްޓާލިކަން އިއުލާން ކޮށްގެންނެވެ. ރިޓަޔަރމަންޓުން އެނބުރި އައިސް ވެންހާލް ވަނީ ނެދަލޭންޑްސް މިއަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދީފައެވެ. ވެންހާލްގެ އިރުޝާދުގެ ދަށުން ނެދަލޭންޑްސްއިން 2014 ވަނަ އަހަރު ވޯލްޑް ކަޕުގެ ތިންވަނަ މަގާމް ހޯދިކަންވެސް ފާހަގަ ކޮށްލެވެއެވެ.