ޔުއެފާ ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ރަށުން ބޭރުގައި ބެންފީކާ 3-1 އިން ބަލިކޮށް ލިވަޕޫލްއިން އަދި އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް 0-1 އިން ބަލިކޮށް މެންޗެސްޓަރ ސިޓީން ސެމީފައިނަލުގެ ފުރުސަތު ބޮޑު ކޮށްފިއެވެ.
ލިވަޕޫލްއިން ބެންފީކާގެ މައްޗަށް ކުރި ހޯދީ ފުރަތަމަ ހާފުގައި ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އާއި ވިންގަރ ސާޑިއޯ މާނޭ އަދި ދެވަނަ ހާފުގައި ވިންގަރ ލުއިޒް ޑިއަޒް ކާމިޔާބު ކުރި ލަނޑުތަކުންނެވެ. ބެންފީކާގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުރީކޮޅު ކާމިޔާބު ކޮށްދިނީ ޑާވިން ނުނޭޒްއެވެ.
މިއީ 1984 ވަނަ އަހަރުގެ އޮކްޓޫބަރުގެ ފަހުން ޔޫރަޕުގެ މުބާރާތެއްގައި ބެންފީކާގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. އަނެެއްކޮޅުން މިމޮޅަކީ ޗެމްޕިއަންސް ލީގުގެ ތާރިހުގައި ރަށުން ބޭރުގައި ޖެހިޖެހިގެން ލިވަޕޫލް މޮޅުވި 8 ވަނަ މެޗެވެ. މިއީ އެކްލަބުގެ ރެކޯޑެކެވެ.
ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ރަނައަޕް މެންޗެސްޓަރ ސިޓީއިން ރޭ އެތުލެޓިކޯ މެޑްރިޑް ބަލިކުރީ މެޗް ނިމެން ވިއްސަކަށް މިނެޓަށްވެފައި ވަނިކޮށް ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑިބްރޭނާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މުޅި މެޗް ސިޓީއިން ކޮންޓްރޯލްކޮށްގެން ކުޅެ 12 ހަމަލާ އުފެއްދިއެވެ. އެކަމަކު ވަރުގަދަ ޑިފެންސިވް ކުޅުމެއް ކުޅެމުންދިޔަ އެތުލެޓިކޯގެ ގޯލަށް ސިޓީއަށް އަމާޒު ކުރެވުނީ 2 ހަމަލާއެވެ. މީގެ ތެރެއިން އެއްހަމަލާއަކީ ޑިބްރޭނާ ފޮނުވާލި ހިލޭ ޖެހުމެކެވެ. އެތުލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ ވަރަށް ހުށިޔާރުކަމާއެކު މިހަލާ ދިފާއު ކޮށްފައެވެ. އެތުލެޓިކޯއަށް މިމެޗުގައި ސިޓީގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. ސިޓީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އެޓީމުގެ ގޯލަށް އިދިކޮޅު ޓީމަށް އަމާޒު ކުރެވިފައި ވަނީ އެންމެ ހަމަލާއެއްކަން ފާހަގަ ކޮށްލެވެއެވެ.
ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް އަދި ލިވަޕޫލް އާއި ބެންފީކާ ބައްދަލު ކުރާ ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.
ޗެމްޕިއަންސް ލީގް ކުއާޓާފައިނަލުގައި މިރޭ އެންމެފަހުގެ ޗެމްޕިއަން ޗެލްސީ އާއި ރެއާލް މެޑްރިޑް އަދި ވިޔަރެއާލް އާއި ބަޔާން މިޔުނިކް ބައްދަލު ކުރާނެއެވެ. ދެމެޗްވެސް ފަށާނީ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.