ގޮތް ނޭނގޭ ހައިޖާނުގަނޑެއްގެ ތެރޭގައި އުޅެން ޖެހުނަސް އާދައިގެ މަތިން ރަމީޒު އޮފީހަށްދެއެވެ. މިއަދު ހޭލީއްސުރެ އޭނާގެ ބޮލުގައި ރިހުމެއް ހުއްޓެވެ. އޮފީހަށް ސަލާމް ބުނަންވެސް އޭނާ ހިތަށް އެރިއެވެ. އެކަމަކު މިދުވަސްކޮޅަކީ އޮފީހުގެ އެންމެ ބުރަ ދުވަސްކޮޅަށްވެފައި ސެކްޝަންގެ މަސައްކަތްތައް ގިނަ ދުވަސްކޮޅަކަށްވާތީ ސަލާމުގައި ހުންނާކަށް ހިތެއް ނުރުހުނެވެ.

ރަމީޒު އޮފީހަށްގޮސް ވަންތަނުން ރިސެޕްޝަނުގައި އިން ކުއްޖަކު އޭނާގެ އަތަށް ދިއްކޮށްލީ ސިޓީ އުރައެކެވެ. މެނޭޖަރުގެ ފަރާތުން ރަމީޒަށް އެޑްރެސްކޮށް ލިބިފައިވާ ސިޓީއެކެވެ. އެހެންކަމުން އަވަސް އަވަހަށް ރަމީޒު އެ އުރަ ކަނޑާލިއެވެ. ސިޓީއެއްގެ ބަދަލުގައި އުރައިގެ ތެރޭގައިވަނީ ނޯޓެކެވެ. މިރޭ 8 ޖަހާއިރު މެނޭޖަރުގެ އޮފީހުން ބައްދަލު ކުރުމަށް އެދިއެވެ.

ރަމީޒުގެ ހިތް އަވަސްވާން ފެށިއެވެ. މިދުވަސްކޮޅަކީ ކުންފުނީގެ ވަރަށް ގިނަ ބަޔަކަށް ވަޒީފާގެ ކުރިއެރުންތައް ލިބެމުންދާ ދުވަސްކޮޅެކެވެ. ޚުދު އޭނަޔާއެކު އެއް ސެކްޝަނެއްގައި ވަޒީފާ އަދާކުރާ ދެތިން ކުއްޖަކަށްވެސްވަނީ ދާދި ފަހުން ވަޒީފާގެ ކުރިއެރުންތައް ލިބިފައެވެ. އެހެންކަމުން މިއީ އޭނާގެ ފަހަރުކަމަށް އުއްމީދު ކުރެވުނެވެ. އޮފީހުގައި އިންއިރުވެސް އޭނާ އިންތިޒާރު ކުރަމުން ދިޔައީ މިރޭގެ އިރުއޮއްސޭނެ ވަގުތަކަށެވެ.

ގަޑީގެ ކަށި ހަތަކާ އަރާ ހަމަނުވަނީސް ފެންވެރުމަށްޓަކައި ރަމީޒު ފާޚާނާއަށް ވަނެވެ. ލިބެން އުޅޭ އުފަލެއްގެ ބޮޑުކަމުން ފާޚާނާތެރޭގައި ހުރިއިރުވެސް އޭނާއަށް ހުރެވުނީ ކޮންމެވެސް ރާގެއް ތުބުން ފުންމަމުންނެވެ. ތުބުޅި ބާލައި ހެދުމަށްފަހު އޭނާގެ ފަން އިސްތަށިގަނޑުގެ ފަހަތުން އަތް ޖައްސާލުމަށްފަހު ލޯގަނޑުން ބަލައިލިއެވެ. ކަނދުރާ މަތިން ފަހަތުން މާބޮޑަށް ދިގުވެފައި އޮތްކަމަށް ހީވެފައި އަރިއަރިމަތިން ގޮތްގޮތަށް ގުދުވެފައި އަތުން އިސްތަށިގަނޑު ކިޔަމަންކުރަން ފެށިއެވެ. ކުއްލިއަކަށް ހުދު ތިކިތަކެއްގޮތަށްހުރި ނިޝާނެއް ކަނދުރާ މަތިން ފެނުނުހެން ހީވިއެވެ. އެހެންކަމުން ތަންކޮޅެއް ފަރުވާތެރިކަމާއެކު އަރިވެލާފައި ބަލަން ފެށުނެވެ. އޮރެންޖު އަލީގެ ތެރެއިން ފެންނަ ފެނުމަކީ އޭނާއަށް ހީވި ހީވުމެއްކަމަށް ޤަބޫލު ކުރެވުނެވެ. އަވަސް އަވަހަށް ފެންވަރާލައިގެން ނިކުތްއިރު އޮފީއެއް ކޮޓަރިއަކުނެތެވެ.

ވަރަށް ފުރިހަމައަށް ތައްޔާރުވެލައިގެން ރަމީޒު ކަނޑައެޅިފައިވާ ގަޑީގެ 5 މިނިޓުގެ ކުރިންގޮސް އޮފީހަށް ވަނެވެ. މެނޭޖަރުގެ އޮފީހަށްގޮސް ދޮރުގައި ޓަކި ދިނުމަށްފަހު ލިބުނު އިޒުނައާއެކު އޭނާ ދޮރު ހުޅުވާލީ ވަރަށް އަދަބުވެރިކަމާއެކުގައެވެ. މެނޭޖަރު ވަރަށް ފުންގޮތަކަށް ރަމީޒަށް ބަލައިލުމަށްފަހު ހިނިތުންވެލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. އެ ހިނިތުންވުމުގައި ފޮރުވިފައިވާ ސިއްރެއް ރަމީޒަކަށް ނުވިސްނުނެވެ. ރަމީޒު އިނީ ލިބެން އުޅޭ އުފާވެރިކަމުގެ ޚަބަރައިގެން ކެތްތެރިކަން ކުޑަވެފައެވެ.

މެނޭޖަރުގެ ވާހަކަތައް ފެށީ ވަރަށް ދުރުންނެވެ. ރަމީޒު ކަހަލަ ޚިދުމަތްތެރި މުވައްޒަފެއްގެ ހީވާގިކަން އަގުވަޒަން ކުރަމުން އެކަމަށް އުފާވާ ވާހަކަ ބުނެލީ ވަރަށް އުނދަގުލުން ހިތްވަރާއެކުގައެވެ. އެކަމަކު އޭގެފަހުން ބުނެ އިއްވި ލަފުޒުން ރަމީޒުގެ ހިތް ކުދިކުދިވި ކަހަލައެވެ. ރަމީޒުގެ ބޯ މައްޗަށް ހުޅި ނަގަމުން އައި ބިޔަ ރާޅެއް ބިންދާލި ކަހަލައެވެ. ނަމަވެސް ބޮޑުމީހާގެ ކުރިމަތީގައި ރަމީޒު ހަމަޖެހިފައި އިންކަން ދެއްކިއެވެ. ހިމޭން ވަގުތުކޮޅަކަށްފަހު މެނޭޖަރު ބުންޏެވެ. ރަމީޒުއެވެ. ދެރަވާނެކަންވެސް އެނގެއެވެ. މިއީ އަހަރެންގެ އެކަނި ނިންމި ނިންމުމެކޭ ފަހަރެއްގައިވެސް ހިތަށް ނާރާށެވެ. މިއީ ކުންފުނީގެ ވިޔަފާރިއާ ގުޅުން އޮތް ކަމަކަށްވާތީ ބޯޑުން ނިންމިގޮތެވެ. މިތާ މަސައްކަތްކުރާ އެއްވެސް ދިވެއްސަކު ރަމީޒާއެކު މަސައްކަތްކުރަން ހިތެއް ނޭދެއެވެ. އެހެންކަމުން މި ދަނޑިވަޅު މިގޮތަށް ނިންމަން މަޖުބޫރުވީއެވެ.

މެނޭޖަރުގެ ވާހަކަކޮޅު ވަރަށް އަސަރާއެކު އަޑުއަހަން އިނުމަށްފަހު ރަމީޒު ބުންޏެވެ. ތިޔައީ އަޅުގަނޑަށް އެއްވެސް ގޮތަކުން އެނގޭކަމެއްނޫނެވެ. އަދި އެއްވެސް މީހަކު އެއްވެސް ސިފައެއްގައި ދައްކާފައިވާ ވާހަކައެއްވެސްނޫނެވެ. އެމީހުންނަށް އެއްވެސް އެއްޗެއް ނުވިސްނުނީތީ ވަރަށް ދެރައެވެ. އަޅުގަނޑުގެ ސަބަބުން އެހެން ބަޔަކަށް ގެއްލުމެއް ލިބޭކަށް ނޭދެމެވެ. ކޮންމެ ގޮތަކަށް ނިންމިޔަސް އެގޮތަކަށް އަޅުގަނޑު އިޙުތިރާމު ކުރާނަމެވެ.

މެނޭޖަރު ފަރުވާތެރިކަމާއެކު ރަމީޒަށް ބައްލަވަން އިންނެވިއެވެ. އަދި ނަޞޭޙަތުގެ ގޮތުގައި ބުންޏެވެ. ރަމީޒުއެވެ. ބަލީގެ ފުރަތަމަ މަރުޙަލާގައި ފަރުވާ ކުރެވިއްޖެނަމަ އަދި ސަލާމަތް ވެވިދާނެއެވެ. އެހެންކަމުން ލަސްނުވެ ބޭރަށް ދާށެވެ. މެލޭޝިޔާގައި ތިޔަ ބައްޔަށް ފަރުވާދޭ ޚާއްޞަ ހޮސްޕިޓަލެއް ވަރަށް ފަހުން ހުޅުވުނު ވާހަކަ އަޑުއެހީމެވެ. ރަމީޒުގެ ބަލި ރަނގަޅުވެއްޖެއްޔާ އެނބުރި ވަޒީފާއަށް އައުމުގެ ފުރުޞަތު އެބައޮތެވެ.

ރަމީޒަށް އިތުރަށް އެއްވެސް ވާހަކައެއް ނުދެއްކުނެވެ. މެނޭޖަރުގެ ކޮޓަރިން އޭނާ ނިކުމެގެން އެދިޔަގޮތް ފެނުމުން ސަލީމަށްވެސް ކުރުވީ ހިތި އަސަރެކެވެ. ޚިދުމަތްތެރި މުވައްޒަފަކު އެކަހަލަ ތާކުންތާކު ނުޖެހޭ ކަމެއްގައި ވަކިކުރަން ޖެހުނީތީ އޭނާވެސް ދެރަވިއެވެ. އެކަމަކު ތަނުގެ މަސްލަޙަތަށްޓަކާ އެހެން ހަދަން އޭނާއަށް މަޖުބޫރެވެ.

ރަމީޒަށް އެނބުރި ގެއަށް އާދެވުނުގޮތްވެސް ނޭނގުނެވެ. ގެއަށް އައިސް ކޮޓަރިއަށް ވަންއިރު އެނދު ހުރަހަށްވާގޮތަށް އޮފީލިޔާ ނިދާފައި އޮތެވެ. އަވަސް އަވަހަށް ގަމީސް ބޭލުމަށްފަހު ލޯގަނޑުގެ ކުރިމަތީގައި އޭނާ ހުއްޓުނެވެ. އަރިއަރިއަށް ބެލުމަށްފަހު އޭނާގެ ޙާލަތު ދެނެގަތެވެ. ތެދެކެވެ. އޭނާއަށް ރަނގަޅަށް ނުފެނުނުކަމުގައިވިޔަސް އެ ނިޝާންތަކުގެ އަސަރު ފެންނަން އެބަހުއްޓެވެ. އެވަގުތު އޭނާ ތުރުތުރު އަޅައިގެންދިޔައެވެ. ލޮލުން ކަރުނަ ހިލިގަތެވެ. އޭނާފަދަ މީހަކަށް މިކުރިމަތިވީ ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟ ރަމީޒު ހާސްކަންމަތީ ކޮޓަރީގެ ދެކޮޅަށް ހިނގަން ފެށިއެވެ. މިހާސްކަމުގެ ތެރޭގައި ހިނގަ ހިނގާ ހުއްޓާ އޮފީލިޔާއަށް ހޭލެވުނެވެ. އަދި އެނދުން ތެދުވިއެވެ. އަސަރުން ފުރިފައިވާ ގޮތަކަށް ރަމީޒު އޮފީއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ރަމީޒަށް އިސްޖަހާލެވުނެވެ. ރަމީޒަށް ވެގެން އުޅޭގޮތް އޮފީއަކަށް ނޯޅުނެވެ. އެހެންކަމުން މިއީ މިވާހަކަ ދެއްކުމަށް އެންމެ މުނާޞިބު ދަނޑިވަޅު ކަމަށް ބަލާ އެކަމަށް އޭނާ ކުރިމަތިލިއެވެ.

" ރަމީ ގާތުގައި އަހަންނަށް ވާހަކައެއް އަހާލެވިދާނެތަ؟" އެނދުން ތެދުވެގެން އައި އޮފީލިޔާގެ ސުވާލުން ރަމީޒު ސިހުނެވެ.

ރަމީޒު "އާނއެކޭ" ބުނީ ބޮލުގެ އިޝާރާތުންނެވެ. ބުނަން އުޅޭ ވާހަކައާމެދު ހިތުގައި އޮތް ބިރާއެކުގައެވެ.

" އަހަރެން މި ސުވާލު ރަމީއާ ކުރަން އުޅޭތާ ލައްކަ ދުވަސްވެއްޖެ. އެކަމަކު ކޮންމެ ފަހަރަކުވެސް އަހަރެންގެ ދޫ ބަންދުވަނީ. މިރޭ އަހަންނަށް މި ހިތްވަރު ލިބުނުގޮތެއް ނޭނގުނު. އަހަރެން ލައްކަ ހިތްވަރު ކޮށްފިން. އެކަމަކު ދެން އަހަރެމެން ދެމީހުންނަށް އެކުގައި އުޅެވިދާނެ ކަމަކަށް ހިތެއް ނުބުނޭ. މި ބުނި އެއްޗެއް ރަމީއަށް ވިސްނޭނެކަމަށް ހީކުރަން" ރަމީޒުގެ ދެލޯ އޮފީއާ ދިމާއަށް ހުއްޓުނެވެ.

"އެއީ ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާ؟"

"ކުށެކޭ ނުބުނަމޭނު. ޙާލަތު ނިޔާކުރިގޮތުން ދެން އަހަރެމެންނަކަށް އެއްކޮށެއް ނޫޅެވޭނެ. ރަމީއަށް ނޭނގޭކަންވެސް އެނގޭ. ރަމީ ތިވަނީ ހުދު ބަލީގެ ފުރަތަމަ މަރުޙަލާގަ. އަހަރެން ބިރުގަނޭ."

"ތިޔައީ އަހަރެމެންގެ ދެމީހުން ވަކިވާންޖެހޭވަރުގެ ކަމެއްތަ؟. އަހަރެމެންގެ ލޯބީގެ ދުނިޔެ ފުޑުފުޑުކޮށްލަންޖެހޭވަރުގެ ނިންމުމެއްތަ؟ އަހަރެމެންގެ ދިރިއުޅުން ހަލާކުކޮށްލަންޖެހޭވަރުގެ ސަބަބެއްތަ؟"

"ތިކަން އަހަންނަށް ވާރުތަވާކަށް އަހަރެން ނޭދެން. އަހަރެން ބޭނުމީ މިރޭވެސް ވަކިވާން. މިނިވަން ވާން."

"އަހަންނަށް މާފުކުރޭ! ﷲ އިންސާނާއަށް މުޞީބާތްތައް ކުރިމަތި ކުރައްވަނީ ބޮޑެތި އިމްތިޙާނުތަކަށްޓަކާ. އަހަރެންގެ ކިބައިގައި ތިބަލި ހުރިކަމެއްވެސް އަހަންނަކަށް ނޭނގުނު. އޮފީ އަހަންނާ ވަކިވެ ތިދަނީ އަހަރެން އޮފީއަށް އެންމެ ބޭނުންވި ވަގުތު. އޮފީ މިވަގުތު އަހަރެން ދޫކޮށްލާފައި ހިނގައްޖެނަމަ އަހަރެން ވަރަށް ދެރަވާނެ. ނިކަން ވިސްނާލަބަލަ! ނުހަނު ލޯބިން އެކީގައި އުޅެފާ ކުއްލިއަކަށް ދިމާވާ މިފަދަ ކަމެއްގެ ސަބަބުން ތިޔަހެން ދިޔައީމާ އަހަރެން ކިހާ ދެރައެއްވާނެ. އާދޭސްކޮށްފައި ބުނަން. އެހެން ނުހަދާތި." ރަމީޒަށް އިތުރަކަށް އެންމެ ވާހަކައެއްވެސް ނުދެއްކުނެވެ.

"ތިނޫން ކޮންމެ ކަމެއްނަމަ އަހަރެން މަޑުކުރީމުސް. ތި އާދޭސް ޤަބޫލު ކުރީމުސް. އެކަމަކު އަހަރެންގެ ޖިޝްމު ހަލާކުތެރެއަށް ދޫކޮށްލާކަށް އަހަރެން ނޭދެން. " އޮފީލިޔާގެ ވާހަކައިގައި އެއްވެސް ހަމްދަރުދީއެއްނެތެވެ.

" އަހަރެންގެ ބައްޔަކީ އޮފީ ތިޔަ ހީކުރާ ކަހަލަ ބައްޔެއްނޫން. އޮފީއަށް އެއްވެސް އެއްޗެއް ނުވިސްނުނީތީ ހިތާމަކުރަން. މިކަމުން ސަލާމަތް ހޯދުމަށް އަހަރެންނަށް ދެވެން އޮތް ހިސާބަކަށް ދާނަން." ރަމީޒުގެ އަޑުގައި އެކުލެވިފައިވަނީ މަޑު ގިސްލުމެކެވެ.

"ދެވިދާނެ. އެކަމަކު ކާމިޔާބަކާ ހަމައަކަށް ނުދެވޭނެ."

"ކާކަށް ތިކަން އެނގެނީ. ޝިފާ ދެއްވާނީ ﷲ. އެފަރާތުން ހުރިހާކަމެއް ދެނެވޮޑިގެންވޭ."

"އެފަދަ ދުވަހަކުން އަނެއްކާވެސް އަހަރެން އިންތިޒާރު ކުރާނަން. މިވަގުތު އަހަރެން ބޭނުންވަނީ މިގޮތް....."

"ތީ ލޯތްބެއްނޫން. ފެން ކައްކާ ބޮލީގެ ޢިއްޒަތް. އެފަދަ ދުވަހަކުން އަހަރެން އޮފީގެ ފައިބުޑަކަށް ނުވެއްޓޭނަން. ތަޤުދީރު ކުރިމަތި ކުރުވި ކަމެއް އަހަރެން ބަދަލު ކުރާނީވެސް ކިހިނެއް؟ ..... އެފަދަ ދުވަހަކުން އަހަރެން އޮފީއަކަށް މާފެއް ނުކުރާނަން. ޙާލަތު ބަދަލުވާނީ ކިހިނެއްކަމެއް ބުނެދޭކަށް ނޭނގޭ. ހިތް ނޭދުނަސް ތިޔަ އެދޭގޮތަށް ކަން ނިންމުމަށް ދެން އަހަރެން ކުރިމަތި މިލަނީ. ކަލޭ ދެކެ ލޯބިވާތީ. ކަލޭއަށް ހެޔޮ އެދޭތީ. އަހަރެންގެ ކިބައިގައި ކެތްތެރިކަން އެބަހުރި..... އަހަރެން ކެތް ކުރެވޭތޯ ބަލާނަން. މިވަގުތުން ފެށިގެން އޮފީއަކީ އަހަރެންގެ މީހެއްނޫން. ދޭ!.....ދޭ! ދުރަށްދޭ!.......އަހަރެން ނުފެންނަ ހިސާބަށް ދުރަށްދޭ!"

އިއްވި ޙުކުމާއެކު އެމަންޒަރަށް ނުބަލަން އެ ކޮޓަރިން ބޭރަށް ރަމީޒު ނިކުތެވެ. ތުރުތުރު އަޅާ ޙާލުގައެވެ. އޭނާގޮސް މަޑުކޮށްލީ ކޮޓަރީގެ ބެލްކަނީގައެވެ. އޮފީލިޔާގެ ކުރިމަތީގައި ކިތަންމެ ހިތްވަރުގަދަކަން ދެއްކިޔަސް އޭނާގެ ދެލޮލުގައިވަނީ ކަރުނައެވެ. އެއިރު ސާދަ ވިލޭރެއްގެ އުޖާލާ ހަނދު ވިލާގަނޑަކާ ނިވާވަނީއެވެ. އެއާއެކު ދުނިޔެއަށް ދީފައިވާ ތޫނު ހަނދުވަރު އެއްކޮށް ކެހިގެން ދިޔައީއެވެ. މި އަނދިރިކަމުގެ ތެރެއިން އޮފީލިޔާ ގެއިން ނިކުމެގެން ދާތަން އޭނާއަށް ފެނުނީ ދުރުމީއެއްގެ ހިމަކޮޅުން ފެނުނު ފަދައިންނެވެ. އެމަންޒަރު ބަލާކަށް އޭނާއަކަށް ކުޅަދާނައެއް ނުވިއެވެ. ވަކިވެދިޔަ އޭނާގެ ބައިވެރިޔާ ލޮލުގެ ކޮޅަށްގޮސް އޮބާލަންދެންވެސް އެފިޔަވަޅު މަތީގައި އޭނާ ހުއްޓެވެ.

މާޒީއާއެކު އަހަރުތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. 8 އަހަރުގެ ދިގު މުއްދަތެއް މެލޭޝިޔާގައި ހޭދަ ކުރުމަށްފަހު އަޙުމަދުފުޅާއި އޭނާގެ ލޯބިވާ ދަރިފުޅު ޑަކުޓަރު ރަމީޒުގެ ކުޑަ ޢާއިލާ މެލޭޝިއަން އެއަރލައިންސުން މާލެ ދިއުމަށްޓަކާ އުދުހެނީއެވެ. އެދެބަފައިންގެ އުއްމީދުތައް ވަރަށްވެސް ފޮންޏެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ރަމީޒުގެ ބައްޔަށްވަނީ އަވަސް ޝިފާއެއް ލިބިފައެވެ. ހަމުގެ އެތައް ސާރޖަރީއަކަށްފަހުގައެވެ. މި ފަރުވާ ހޯދުމުގެ ތެރޭގައި ހޭދަވި ދުވަސްތަކުގައި ރަމީޒުގެ ޚާއްޞަ ޑަކުޓަރު މަހާޠިރުގެ ލަފަޔާއެކު އޭނާވަނީ ހަމުގެ ޑަކުޓަރަކަށްވުމަށްޓަކައި އެތަކެއް އަހަރެއް ހޭދަކޮށްފައެވެ. ދުނިޔޭގެ އެތަކެއް ބަޔަކަށް ކުރިމަތިވެފައިވާ މިބަލީގެ ޙައްލު ހޯދާފައެވެ. މިއަދު ރަމީޒަށް ލިބިފައިވާ ހުރިހާ ކާމިޔާބީއެއްގެ ސިއްރަކީ ޑަކުޓަރު މަހާޠިރާއި އޭނާގެ ލޯބިވާ ބައްޕައާއި ވަފާތެރި އަނބިމީހާ ފިޔަވާ އިތުރު ބައެއްނޫނެވެ.

އަމިއްލަ ވަޒަނަށް އާދެވުމުން ރަމީޒުގެ ނަން މީހުން ބަލައިގަތެވެ. ސްކިންގ ޑަކުޓަރު "ރާމް" ގެ ނަމުގައެވެ. ރާމަކީ އޭނާ ކިޔެވި މެލޭޝިޔާގެ ނޭޝަނަލް ޔުނިވަރސިޓީގެ ޕްރޮފެސަރުން ހަރުކުރި ނަމެކެވެ. އެ ނަން މިއަދާ ހަމައަށް އައި އިރުވެސް އޮތީ އެގޮތުގައެވެ. އެހެންކަމުން އޭނާގެ ޚިދުމަތް ލިބިގަތުމަށް މާލޭ ސެންޓްރަލް ހޮސްޕިޓަލަށް އަންނަ މީހުންނަށްވެސް ހީވެފައިވަނީ ޑަކުޓަރ ރާމަކީ ބޭރު މީހެއް ކަމުގައެވެ. ދުވާލަކު އެތައް ގަޑިއަކު ބަލި މީހުން ބެލުމުގައި އޭނަ ހޭދަކުރެއެވެ. އެތައް ބަޔަކު އޭނާގެ ނަމްބަރެއް ލިބޭތޯ މާކުރިން އެޕޮއިންޓްމެންޓްތައް ހަދަމުން ގެންދެއެވެ.

ޑަކުޓަރު ރާމު އޭނާގެ ޚިދުމަތަށް އަންނަ ކޮންމެ މީހަކު ފޮނުވާލަނީ އުއްމީދުތައް އާކޮށްދީފައެވެ. ހިތްވަރު ދެއްވާފައެވެ. އެއީ އޭނާގެ ޠަބީޢަތެވެ. އޭނާގެ މިޒާޖެވެ. އޭނާގެ މާޒީން މިހުރިހާ އިޙުސާސެއްވަނީ ދަސްވެފައެވެ. އެހެންކަމުން އިންސާނީ ލޯތްބާއި ކުލުނު ނޫން އެހެން އެއްޗެއް އޭނާގެ އިންސާނީ ޚިދުމަތުގައި ފޮރުވިފައެއް ނުވެއެވެ.

*************************************************************

"ރާމް! ރާމް! ކޮންއިރަކު ގެއަށް ދުރުވީ؟" ރަމީޒު އޭނާ ބަލަމުންދިޔަ މާޒީގެ ދުނިޔެއިން ހޭލައްވާލީ ހީ ސަކަރާތް ޖަހަމުން އޭނާގެ ލޯބިވާ ބައްޕަ އަތުލަފިކޮށްގެން ކޮޓަރިއަށް ވަދެގެން އައި ދަރިފުޅާއެކު ފެނުނު ލޯބިވާ އަނބި ބޭނަޒީރުގެ އަޑަށެވެ.

"މިއަދު އަހަރެންގެ ގިނަ ޕޭޝަޓުން އުޅެނީ ޗުއްޓީގަ. އެހެންވީމާ އަހަންނަށްވެސް ޗުއްޓީ. އެހެންވެ އަވަހަށް ގެއަށް އާދެވުނީ." ރަމީޒު މީގެކުރިން ބަލަމުންދިޔަ މާޒީގެ މަންޒަރުތައް އެއް ފަރާތްކޮށްލުމަށްފަހު ގަސްދުގައި ސަމާސާ ކޮށްލިއެވެ. އޭގެފަހުގައި އޭނާ އެންމެ ލޯބިވާ ތިން ފަރާތާ ހިނިތުންވުމާއެކު ކުރިމަތިލިއެވެ. ދެން ދުވަހަކުވެސް އެމަންޒަރުތައް އަލުން ދުށުމަށް ނޭދެމުންނެވެ.

-ނިމުނީ-