ފުރިހަމަ ސިއްހަތެއްގައި ހުރެ ރޯދަހިފުމަށް އެންމެބޮޑު އެއްއެހީތެރިކަމެއްދޭ އެއްކަމަކީ ރަނގަޅަށް ހާރުކެއުމެވެ. ހާރުކާ ގަޑިއާއި ހާރަށް ބޭނުން ކުރާ ކާނާގެ ބާވަތްތަކާއި ކެއުމަށް ބޭނުން ކުރާ މިންވަރަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރެ ރޯދަހިފުމަށް ވަރަށް ސަމާލުކަންދެންޖެހޭ ކަންކަމެވެ.
ވަގުތު
ހާރުކާގަޑިއަށް ބަލާލާއިރު ދީނީ ގޮތުން ހާރުކާން އެންމެ ސުންނަތްގޮތަކީ ފަތިސްވުމާ ވީހާވެސް ގާތްކޮށް ހާރުކެއުމެވެ. ސިއްހީ ގޮތުން ބަލާއިރުވެސް މިއީ އެންމެފައިދާ ހުރިގޮތް މެއެވެ. ފަތިސްނަމާދުގެ ބަންގިއާ ވީހާވެސް ކައިރިކޮށް ކެއުމުން ބަނޑުހުސްކޮށް ހުންނަ ވަގުތު މަދުވެއެވެ. މީގެ ސަބަބުން ޑީހައިޑްރޭޝަން އާއި ވައިހެދުމުގެ މައްސަލަ އުފެދުން ކުޑަކޮށްދެއެވެ.
ހާރުކާން ފެށުން
ކަދުރުން ހާރުކާން ފަށާށެވެ. މިއީ އަޅުގަނޑުމެންގެ މާތް ރަސޫލާ ގެ ސުންނަތެކެވެ.
ދެންކާނީ ކޮންއެއްޗެއް؟
ހޯލް ވީޓްސް އަކީ ހާރުކެއުމުގައި ހިމަނަން އެންމެ ރަނގަޅު ކާނާއެވެ. ގޮވާމުގެ ބާވަތްތަކުން އުފައްދާފައިވާ ކާނާ ހާރަށް ބޭނުންކުރުމަކީ ސިއްހަތަށް ފައިދާހުރި އަދި ރޯދަހިފާއިރު ބަނޑުހައިކަން ކުޑަކޮށްދޭނެ އެއްޗެކެވެ. އޭގެތެރެއިން އޯޓްސް އަކީ ފަސޭހައިން ތައްޔާރުކޮށްލެވޭ ފައިދާހުރި ބާވަތެކެވެ. އޯޓްސް އަކީ ގިނައިރުން ހަޖަމްވާ އަދި ހަށިގަނޑަށް ބޭނުންވާ ހަކަތަ މަދުމަދުން ލަސްލަހުން ފޯރުކޮށްދޭ ކާނާގެ ބާވަތެކެވެ. ވީމާ މީގެސަބަބުން ވަރުބަލިވުން ކުޑަވެ ބަނޑުހައިކަން އިހްސާސް ކުރެވޭ މިންވަރު ކުޑަކޮށްދެއެވެ.
ދުރުވާންވީ ކޮންއެއްޗަކާތަ؟
ތެލުލި ކާތަކެއްޗާ ވީހާވެސް ދުރުވެވޭތޯ ބަލާށެވެ. ތެލުލި ކާނާގެ ބާވަތްތައް ގިނައިން ބޭނުންކުރާނަމަ ވަރަށް އަވަހަށް މައިދާ ފުރޭގޮތްވެ ހަޖަމުކުރުމުގެ ނިޒާމަށް ވަރަށް މަސައްކަތް ބުރަވެ ހަށިގަނޑު ލޮޑުވެ ވަރުބަލިކޮށްލައެވެ. އަދި މޭ އެންދުމާއި، ބޭރަށް ހިންގުންފަދަ އިތުރު އުނދަގޫތައް ތެލުލި ކާތަކެތީގެ ސަބަބުން ދިމާވެއެވެ.
މީގެ އިތުރަށް ގިނައިން ލޮނު އެކުލެވޭ ބާވަތްތައްވެސް ހާރުކެއުމުގައި ދޫކޮށްލަން ޖެހެއެވެ. ކެއުމުގައި ލޮނުގިނަވި ވަރަކަށް ރޯދައަށް ހުންނަވަގުތު ކަރުހިއްކުން އިތުރުވާނެއެވެ.
ތަރުކާރީއާއި މޭވާ ރަނގަޅުތަ؟
ތަރުކާރީއާއި މޭވާއަކީ ހާރުކެއުމުގައި ހިމަނަން ވަރަށް މުހިއްމު ބާވަތެކެވެ. ތޮއްޓާއެކު ކެވޭ ބާވަތްތައް ތޮށްޓާއެކު ކެއުމާއި، ތަރުކާރީ ކުޑަކޮށް މަޑުކޮށްލައިގެން ކެވިދާނެއެވެ. ނޫންނަމަ މޭވާއާއި ތަރުކާރީ އަދި ބައެއްކަހަލަ ނަޓްސް ބޭނުން ކޮށްގެން ސަލަޑެއް ތައްޔާރުކޮށްގެން ކެއުމަކީ މާފައިދާ ބޮޑުގޮތެކެވެ. ތަރުކާރީއާއި މޭވާއަކީ ހަށިގަނޑުން އުނިވާ ބައިތައް ފުރިހަމަކޮށްދީ ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ފުރިހަމަކޮށްދީ ވިހަމާއްދާތައް ހަށިގަނޑުން ބޭރުކޮށްދޭ ބާވަތެކެވެ.
ކިރާއި މާމުޔާއި ބިސް
ލިބޭނަމަ ހާރުކެއުމުގައި ބުއިމަކަށް ކިރު ހިމަނާށެވެ. ކަޅުސަޔާއި ހަކުރުހިމެނޭ ޖޫހުގެ ބަދަލުގައި މާމުޔާއެކު ކިރުތަށްޓެއް ބޭނުން ކުރެއްވުމަކީ ސިއްހަތައް ފައިދާހުރި އަދި ހަށިގަނޑަށް ވަރަށްބޮޑު ލުޔެއް ލިބިދޭނެ ކަމެކެވެ. މީގެ އިތުރަށް ފެނުކެއްކި ބިހަކީ ވެސް ރަނގަޅު އެއްޗެކެވެ. އެކަމަކު ބިހުގެ ރީދޫ ބައިނުލާ އޭގެ ހުދުބައި އެކަންޏެވެ.
ކެއްކުމުގައި އޮލިވް އޮއިލް ބޭނުން ކުރާށެވެ.
ހާރަށް ކައްކާ އެއްވެސް އެއްޗެއް ކެއްކުމުގައި ތެޔޮ ބޭނުން ކުރާނަމަ އޮލިވް އޮއިލް ބޭނުން ކުރާށެވެ.
ފުރިހަމަ ސިއްހަތެއްގައި ހުރުމަކީ ރޯދައިގެ މަތިވެރި އަޅުކަން އޭގެ އެންމެފުރިހަމަ ގޮތުގައި އަދާކުރުމަށް ލިބޭނެ ވަރަށްބޮޑު ބާރެކެވެ.