މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތަކާއި ރަސްމީ ޙަފްލާތަކާއި ނޫސްވެރިންގެ ބައްދަލުވުންތައް ބްރޯޑްކާސްޓް ކުރުމަށް ނިންމައިފިއެވެ.
ކައުންސިލް ޖަލްސާތަށް ބްރޯޑްކާސްޓް ކުރާނެ ފަރާތެއް ހޯދުމަށް ނިންމާފައިވަނީ ކައުންސިލްގެ 47 ރަސްމީ އާންމު ޖަލްސާގައެވެ.
މާލެ ސިޓީ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީގެ ރައްޔިތުންނާ ގާތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދީ ކަންކަން ވީހާވެސް ބޮޑަށް ދެފުށް ފެންނާނެހެން ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލުގެ ރަސްމީ ޖަލްސާތަކާއި ރަސްމީ އިވެންޓުތަކާއި ޕްރެސް ކޮންފަރެންސް ފަދަ ރަސްމީ އިވެންޓުތައް ލައިވްކޮށް ބްރޮޑްކާސްޓުކުރެވޭނެ ގޮތް ހަމަޖެހިފައި އޮންނަ އުޞޫލުގެ ތެރެއިން ހަމަޖެއްސުމަށް މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.
ކައުންސިލްގެ ޖަލްސާތަށް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ޖަލްސާތަކުގެ އެޖެންޑާ އާއި ޖަލްސާތަކުގައި ކައުންސިލުން ނިންމާ ނިންމުންތައް ގިނަ ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް ސާފުވެގެން ދާނެއެވެ.
މާލެ ސިޓީ ކައުންސިލްގެ މިދައުރުގައި ކައުންސިލްގެ ރަސްމީ ޖަލްސާ ތަކާއި، އެނޫންވެސް ރަސްމީ އެކި ހަފްލާތައް ކައުންސިލްގެ ސޯޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ދަނީ ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. މިއާއި އެކު މިފަދަ ބައްދަލުވުންތައް ބްރޯޑްކާސްޓް ކުރަން ފެށިގެން ދިއުމަކީ ކައުންސިލާއި ރައްޔިތުންނާއި އޮތް ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމެއް ކަމުގައި ކައުންސިލުން ދެކެއެވެ.