ފަތިސް ދަންމައްޗަކަށް އުދަރެސް ދޮން ކުރަމުން ދަނީއެވެ. މާޙައުލަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭން ކަމެކެވެ. ބަންގީގެ އަޑާއެކު ކޮޅަށް ޖެހުނު މީސްތަކުން ވާޖިބާ ކުރިމަތިލުމަށް އަވަސްވަމުން ދިޔައިރު ހާލާއި ކާޅާއި ކޮވެލީގެ އަޑުން މުޅި މާޙައުލު ދިޔައީ ގުގުމަމުންނެވެ. މިވަގުތު މަސްވެރި ޢާއިލާތަކުން ތައްޔާރުވަމުންދަނީ އޮޑިދޯނިފަހަރު ފުރުވުމުގެ މަސައްކަތެވެ. ދަނޑުވެރި ޢާއިލާތަކާއި ރައިވެރިންވެސް ތައްޔާރުވަމުން ދިޔައީ ދަނޑުބިންތަކަށް ދިއުމަށެވެ. ކޮންމެ ބައެއްގެވެސް އެބައެއްގެ ދުވަހުގެ ރިޒްގާ ކުރިމަތިލުމަށެވެ.
މި ހަމަހިމޭން ވަގުތު ރަށުތެރޭގެ ހަމަހިމޭންކަން ގެއްލިގެން ދިޔައީ އާފާރު ވަލުތެރޭގައި ރައިވެރި ޔޫސުބު މަރާލާފައި އޮތް ޚަބަރު އިވުމާއެކުގައެވެ. ތެދެކެވެ. ޔޫސުބު މަރާލާފައިވަނީ ވަރަށް އިހާނާތްތެރި ގޮތަކަށެވެ. މުޅިން ޒަޚަމްކޮށްލާފައެވެ. ޔޫސުބު ދުށް ކޮންމެ މީހަކު އަނބުރައިގަނެއެވެ. ހެއަށް ގޮތްވެއެވެ. ޝަހާދަތް އިނގިލީގައި ދައި ގަނެވެއެވެ. އެންމެންގެ ބަސްވަނީ ހުއްޓިފައެވެ. އަސަރު ނުކުރާ އެންމެ ހިތެއްވެސްނެތެވެ.
ކަންވެރިން އެމީހުންގެ މަސައްކަތް ވަގުތުން ފެއްޓިއެވެ. ފާލު ބަލާ ރަމަލު ބަލަމުން ދިޔައެވެ. ޖިންނި ޝައިޠާނެއްގެ ކަމެއްތޯ ބެލިއެވެ. ކަންވެރިންނަށް އިއްތިފާޤު ވެވުނީ ޖިންނި ޝައިޠާނެއްގެ ކަމަށެވެ. އެހެންނަމަވެސް މި ނިންމުން ރަށުގެ ގިނަ ބަޔަކު އިންކާރު ކުރެއެވެ. ރަށު މީހުން ދެކޭގޮތުގައި ޔޫސުބުގެ މަރަކީ އެފަދަ މަރެއް ނޫނެވެ. އެއީ އިންސާނެއްގެ ރަޙުމު ކުޑަ އަތަކުން އޭނާއަށް ދީފައިވާ ޙަމަލައެކެވެ.
ޔޫސުބުގެ މަރާއެކު ދޮން ޙައްވަ ވަނީ ދުނިޔޭން މޮޔަވެފައެވެ. މިއީ އެކުއެކީ ހިނގާ ދިޔަ ދެކަމެކެވެ. ދޮން ޙައްވަ މޮޔަވެފައި ހުއްޓާ ފެނުނީވެސް އެ ސަރަޙައްދުން އަތިރިއަށް ފޭބި ދެމީހަކަށެވެ. އެ މީހުންނަށް ޙައްވަ ހިފަހައްޓާލުންވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެހެންކަމުން ރަށުގެ މީހުން އުޅޭ ހިސާބަށް އޭނާ ގެނެވުނީ ވެސް ލައްކަ މަސައްކަތުންނެވެ. އަނގައިން އެއްޗެއް ފާޅު ނުކުރިޔަސް އޭނާގެ ޙަރަކާތްތަކުން ކޮންމެވެސް އެއްޗެކޭ އޭރު ވެސް ކިޔައެވެ. އެކިޔަނީ ކޮން އެއްޗެއް ކަމެއް އެކަކަށްވެސް ނޭނގުނެވެ. މުދިމުބޭ ފެން ކިޔަވާ ބޮލަށް އެޅުމުންވެސް ޙައްވައަކަށް ބަދަލެއް ނައެވެ.
ރަށުގެ މީހުން ޤަބޫލުކުރާގޮތުގައި ޔޫސުބުގެ ކުއްލި މަރުގެ ސަބަބުން ޙައްވަގެ ސިކުނޑި ގޯސްވީއެވެ. އެކަމަކު އެކަމެއް ޙައްވަގެ މައިންބަފައިންނެއް ޤަބޫލެއް ނުކުރެއެވެ. އެ ދެމަފިރިން ޤަބޫލުކުރާ ގޮތުގައި ޙައްވަ މޮޔައެއްނޫނެވެ. ކޮންމެވެސް ސަބަބަކާހެދި ޙައްވައަށް ވާހަކަ ނުދެއްކެނީއެވެ. ރަށުގެ މީހުން ޙައްވައަށް އިވޭ ފަށުގައި ޔޫސުބުގެ މަރާ ގުޅުވައިގެން ޒާތްޒާތުގެ ވާހަކަތައް ދައްކަމުން ދިޔައެވެ. ކުދިވެރިން ޙައްވައަށް ގަނާކޮށް ހަދަމުން ގެންދިޔައެވެ. އެއިން ކޮންމެ ފަހަރަކު އެފަކީރުގެ ޒުވާން ހިތް ޒަޚަމުވެއެވެ. އެކަމާ އޭނާ ކުރާނީވެސް ފަހެ ކީއްހެއްޔެވެ؟ އޭނާއަކީ އެ ދައްކާ ވާހަކަތަކަށް ރައްދެއް ދެވޭފަދަ ޙާލަތެއްގައި މިވަގުތު އިން މީހެއްނޫނެވެ. އަމިއްލަ ޙާލަތު ހިތަށް އެރުމުން އޭނާއަށް ފުން އަސަރެއް ކުރެއެވެ.
ހެޔޮއެދޭ މީހުން ޙައްވަ މީހަކާ އަވަހަށް ދެވުމަށް އޭނާގެ މައިންބަފައިން ގާތުގައި ބުނަމުންދިޔައެވެ. އޭނާގެ މޮޔަކަމާއި ސޭކުކަން ފިލާނީ އޭރުންކަމަށް ބުނަމުންނެވެ. އެކަމަކު މޮޔައަކާ އިންނާނީވެސް ފަހެ ކާކުހެއްޔެވެ؟ މިހާރު ޙައްވަޔާ ދިމާއަށް ބަލައިލާނެ އެއްވެސް ފިރިހެނަކު މިރަށުގައި ނެތެވެ. ބަލައިލިޔަސް ބަލައިލަނީ އެހެން ނަޒަރަކުންނެވެ. މިކަމާ މުދިންބޭގެ ދެމަފިރިން ވިސްނަމުންދިޔައެވެ.
ރަށުގެ ބޮޑު މާލޫދަށް މުޅި ރަށް ޒީނަތްތެރިވެފައިވަނީ އަލަތު ކައިވެންޏަކަށް އަންހެން ކުއްޖަކު ޒީނަތްތެރިވެފައިވާ ފަދައިންނެވެ. ރަށުގެ ފައި އިނދޭ ފުރައިން ފެށިގެން ދުވަސްވީ މުސްކުޅިންނަށް ދާންދެން އެއްވެފައި އެތިބީ ރަށުގެ ބޮޑު މައުލޫދަށް އަންނަ މީހުންނަށް މަރުޙަބާ ކިޔުމަށް ރަށުގެ އަތިރިމަތީގައެވެ. ޒަމާނުއްސުރެ މި މައުލޫދަށް ބިލެއް އަޅައިގެން އަންނަ އެއް ބަޔަކީ ރަށާ އެންމެ ކައިރީގައި އޮންނަ އަވަށްޓެރި އަލިފުށީގެ ރައްޔިތުންނެވެ. އަލިފުށީގެ އޮޑިދޯނިފަހަރު ވާދޫގެ ފަޅަށް ވަދެގެން އައިއިރު މެހްމާނުންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ވާދޫގެ ޒުވާނުންގެ ފަރާތުން ދައްކަމުން އައީ މިޔުޒިކީ ކުޅިވަރުތަކެވެ. ކުރު ފަލި ޖެހުމެވެ. ލަނގިރިއާއި ތާރައިގެ ކުޅިވަރުތަކެވެ. ނުވިތާކަށް ބަނޑިޔަލާއި ދިގު ދަނޑީގެ ޙަރަކާތްތަކެވެ. އެހެންކަމުން އަތިރިމަތީގައި އުފެދިފައިވަނީ އުފާވެރިކަމުގެ އޮއިވަރެކެވެ.
އަލިފުށީން ވާދޫގެ ބޮޑު މާލޫދަށް އައި އުޅަނދުފަހަރު ފަޅަށް ވަނުމާއެކު ޖަހާ ދޯނިތައް ފަލީގައި ފެނުއަޅުވައި އެއްވާނެއްގައި ޖަހަންފެށިއެވެ. ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. އިސާހިތަކު ދެން ފެނިގެން ދިޔައީ ޖަހާ ދޯނިތަކުގައި މީހުން ބާލަމުންދާ މަންޒަރެވެ. ބައެއް މީހުން ކޮނޑު ކޮނޑު މަތީގައެވެ. އަނެއް ބަޔަކު އަތްމަތި މަތީގައެވެ. ކުދިވެރިން އުރާލައިގެންނެވެ.
މި މާލޫދަށް ދަޢުވަތު ލިބިގެން އައި އެންމެ ޚާއްޞަ އެކަކީ އަލިފުށީ މާވަޑިބޭގެ ޢަލިފުޅެވެ. ޢަލިފުޅަކީ މުޅި މާޅޮސް މަޑުލަށްވެސް ރީތިކަމުގެގޮތުން މަޝްހޫރު ޒުވާނެކެވެ. ހެދިހުރި ފަތި ހަށިގަނޑަކާ އެއްވަރެއްގެ އިސްކޮޅެއް ލިބިފައިވާ ބަނިޔާދަން ޒުވާނެކެވެ. ޢަލިފުޅު ފެނުމާއެކު އޭނާގެ ރީތިކަމުގެ ޖާދޫގައި ނުޖެހޭ އެއްވެސް ޖިންސުއްލަޠީފަކު އެގޮނޑުދޮށަކު ނުވެއެވެ. ކޮންމެ ކުއްޖަކުވެސް އެކުއްޖެއްގެ އަތުން ޢަލިފުޅަށް "އަރާފަނި" ދޭހިތްވެއެވެ. ޢަލިފުޅާ ވާހަކަދައްކާ ހީ ސަމާސާކޮށްލަން ބޭނުންވެއެވެ. އެކަމަކު ތަނުގެގޮތުންނާއި ވަގުތުގެ ނާޒުކުކަމުން ކޮންމެ ކުއްޖަކުވެސް ފަސް ޖެހެނީއެވެ.
އެއްވެފައިވާ ޖިންސުއްލަޠީފުންނަށް ވަކިވަކިން އަލިފުޅުގެ ނަޒަރު ހިންގާލިއެވެ. މިނި ރީތި އަންހެންކުދިން ގިނަ ރަށެއްކަމަށް ޢަލިފުޅަށް ފާހަގަ ކުރެވުނެވެ. ކުއްޖަކަށް ދޫކުރާނެ ކުއްޖަކު ނެތެވެ. މުޅިންވެސް ރީތި ކުދިންނެވެ. މި މަންޒަރުން ވަކިވެ ކުއްލިއަކަށް ޢަލިފުޅުގެ ލޯގޮސް ހުއްޓުނީ އެއްވެފައިވާ މީހުންނާ ތަންކޮޅެއް އެކަހެރި ހިސާބެއްގައި ދިވެހި ރުކެއްގައި ލެނގިލައިގެން ހުރި އަންހެން ކުއްޖާއަށެވެ. އެތައް އިރަކު އެޒުވާނާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. އެވަގުތު މިތާ ތިބި ލާނެއް ކުދިންތައް އައިސް ޢަލިފުޅު ވަށާލިއެވެ. ޢަލިފުޅު މިތަނުން ނިކުންނަން ބަލައިލިއިރު ނިކުމެވޭކަށްވެސް ނެތެވެ. އަންހެންކުދިންތައް ވަނީ ކުލަކުލައިގެ "އަރާފަނި" ތަށިތަކާއެކު އޭނާ ބައްދާލާފައެވެ. ހިފާނެ ނުހިފާނެ ތައްޓެއްވެސް ޢަލިފުޅަކަށް ނޭނގުނެވެ. ބޯނެ ނުބޯނެ ފަންޏެއްވެސް ނޭނގުނެވެ. އެވަގުތު ބައެއް އަންހެންކުދިން ހިތަށް އަރާ ފައިބަމުންދިޔައެވެ. މަގޭ އަލަތު ފިރިއަކަށް ޢަލިފުޅު ވާނެނަމައެވެ. އަނެއް ބައެއް އަންހެން ކުދިން ހިތަށްއެރިއެވެ. މިފަދަ ފިރިހެންވަންތަ އެހެން އިންސާނަކު ދުނިޔޭގައި ހުންނާނެބާވައެވެ؟ އަހަރެންގެ ނަޞީބަށް މި ޒުވާނާ ވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
ވަށާލާފައިވާ ޖިންސުއްލަޠީފުންގެ ތެރެއިން ޢަލިފުޅު ދެމިގަތެވެ. އޭރު މުދިންބޭ ޢަލިފުޅު ބަލާ އައިސް ހުންނަތާ އިރުކޮޅެއް ވެއްޖެއެވެ. މުދިންބެއާއި ޢަލިފުޅުގެ ބައްޕަ މާވަޑިބެއަކީ ޒަމާނުއްސުރެ ވަރަށް ގާތް ދެރަޙުމަތްތެރިންނެވެ. މުދިންބޭގެ ފަސްގަނޑެތި ބަނދެ ފެނުގައި ޖެއްސީ މާވަޑިބޭގެ އަތުންނެވެ. އެހެންކަމުން މުދިންބެއާ މާވަޑިބޭގެ ދަރިންނާ ދެމެދުވެސް އެގުޅުން އެގޮތުގައި ދެމިއޮވެއެވެ. ޢަލިފުޅު ފެނުމުން މުދިންބޭ ވަރަށް އުފާވިއެވެ. މި މާލޫދަށް މާވަޑިބޭ ނާންނައިރު ޢަލިފުޅު އެކަނި ފޮނުވާފާނެ ކަމަކަށް މުދިންބޭ ހިތަކަށްވެސް ނާރައެވެ. ޢަލިފުޅުގެ ފޮށި ތަންމަތި ހިފައިގެން މުދިންބޭ އަވަސްވެގަތީ ގޯއްޗާ ދިމާއަށް ދިއުމަށެވެ.
ޢަލިފުޅު ފެންވަރާ ތެޔޮލައިގެން ގޭގެ ބޮޑު ފެންޑާއަށް ނިކުތްއިރު ތެޔޮލި ކޭމަށް އެރުމަށް މާލޫދު ހަރުގެއަށް ދިއުމަށް ބޭރުން މީހަކު ހަރު އަޑުން ގޮވަމުންދެއެވެ. އެވަގުތު ޢަލިފުޅުގެ ލޮލުގައި އަޅައިގަތީ ގޭތެރެއަށް ވަނުމަށް އޮޅިގިރާކުރަމުންދިޔަ މަންޖެ ފެނިފައެވެ. އެއީ ދާދި ދެންމެއަކު މިރަށަށް ފޭބި ތަނުން ވެސް އޭނާގެ ލޮލުގައި އަޅައިގެންފައިވާ މަންޖެކެވެ. ޢަލިފުޅުގެ ލޯގޮސް ހުއްޓުނީ އެމަންޖެއާ ދިމާއަށެވެ. ހަމަ އެރީތިކަމެވެ. އެވަގުތު ދޮން ޙައްވަވެސް ޢަލިފުޅަށް ބަލައިލިއެވެ. ދެމީހުންގެ ނަޒަރު ސީދާވެގެންދިޔައެވެ. އެ ބެލުމުގެ ތެރެއަށް ޢަލިފުޅު ގެނބިގެން ދިޔައީ އެންމެ ކައިރީގައި ހުރީ ކާކުކަން ވެސް ނޭނގޭ ހާލުގައެވެ. ދެމީހުންގެ މަސްތީ ނަޒަރު ކެހިގެން ދިޔައީ ބޮޑު އުނދޯލީގައި ވަރުގެ ކޮޅަށް ހެއްލަ ހެއްލާ އިން މުދިންބޭގެ އަޑަށެވެ.
"ބަހީ! ބަހީ! ޢަލިފުޅާ! މިއީ ބޭބެގެ އިން ހަމައެކަނި ދަރިފުޅު. ޢަލިފުޅު މިކަނބުލޮޔާ ބީރައްޓެހިވެގެން ނުވާނެ." ދޮންޙައްވަ ބޮޑު އުނދޯލީގައި ބޭންދުމަށްފަހު މުދިންބޭ ޢަލިފުޅަށް އެމަންޖެ ތަޢާރަފުކޮށްދިނެއެވެ. ޢަލިފުޅަށް ބުނާނެ އެއްޗެއް ވެސް ދުލަކަށް ނައެވެ. ހީލުމަކުން ނިންމާލީއެވެ.
އިރުތަކެއްނުވެ ދޮން ޙައްވަ ދުވެގޮސް ބޮނދައިފިއެވެ. ޙައްވަ ދިއުމުން މުދިންބޭ ސިއްރުސިއްރުން ޢަލިފުޅު ގާތުގައި ބުންޏެވެ.
"ޢަލިފުޅާ! އެމަންޖެއަށް ވެފައި އެހުރިގޮތް އެނގޭތަ. ކޮންމެވެސް މީހަކު އެމަންޖެއަށް އެތިފަހަރެއް ހަދާފަ އެހުރީ. މިރަށުގައި ދާދި ފަހުން ހިނގާދިޔަ މަރުގެ ވާހަކަ ބައްޕަގެ ފަރާތުން އަހާފައިކަންނޭނގެ އޮންނާނީ. އެ ޙާދިސާ ހިނގީ ބައްޕަ މިގެއަށް ފައިބާ ހުރި ދުވަސް ވަރެއްގާ. އެއީ ހިތާމަވެރި ޙާދިސާއެއް. އެ ދޮން ޔޫސުބަކީ އެމަންޖެ ހިތާވެގެން އުޅުނު މީހާ. ޔޫސުބުގެ މަރާއެކު އެމަންޖެއަށް ވާހަކައެއް ނުދެއްކޭ. އެމޮޔަކަން މަތީގައި އެހުންނަނީ. މިކަމާ ބޭބެ ނުކުރާ ކަމެއް ނޯންނާނެ. ނުހަދާ ފަންޑިތައެއް ނޯންނާނެ. ނުބަލާ ފާލެއްވެސް ނޯންނާނެ. ބޭބެ އެދެނީ ޢަލިފުޅު ވެސް އެމަންޖެގެ މޮޔަކަން ފިލާތޯ ކޮންމެވެސް ކަމެއް ކޮށްލަދިނުން. މި މުހުތާދުގައި އެކުން މި މާލޫދަށް ޢަލިފުޅު މިގެނައީވެސް " މުދިންބޭގެ ވާހަކަތަކަށް ޢަލިފުޅު އިނީ ވަރަށް ބޮޑަށް ޝައުޤުވެރިވެފައެވެ.
އެވަގުތު ޢަލިފުޅު ހިތަށް އަރާ ފައިބަމުން ދިޔައެވެ. މި ދޮން ޙައްވައަކީ އަހަރެންގެ ނަޞީބުތާއެވެ. މިއަށްވުރެ ވަކި ރީތި ކުއްޖެއް އަމިއްލަ ރަށުން ކީއްކުރަން މުޅި މާޅޮސް މަޑުލަކުންވެސް މަށަކަށް ނުލިބޭނެއެވެ. އަވަހަށް އެމަންޖެޔާ ގުޅާލަންވީއެވެ. މި މާލޫދުން ފުރުމުގެ ކުރިން މަގޭ މިލްކަކަށް ޙައްވަ ނުހެދިއްޖެއްޔާ މަށަކީ ފިރިހެނަކަށް ވެސް ނުވާނެއެވެ.
ދެތިން ދުވަހަށްފަހު މާލޫދަށް އައި މީހުންތައް ފުރަފުރައިގެން އެބައި މީހުންގެ ރަށްރަށަށް ދިޔައެވެ. މުދިންބޭގެ އެދުމުގެ މަތިން ޢަލިފުޅު އިހަށް ރަށަށް ނުގޮސް މަޑުކޮށްލިއެވެ. މި ދުވަސްތަކުގައި ދޮން ޙައްވަގެ ހިތް ޢަލިފުޅުގެ މައްޗަށް މަޑުމަޑުން ލެނބެމުންދާހެން ޢަލިފުޅަށް ހީވަމުން ދިޔައެވެ. ކާ ގަޑިތަކުގައި އަތް ދޮއްވުމާއި ދުފަން ދިނުމާއި ދުންބޯ ސިލުނބު ތައްޔާރު ކޮށްދިނުންފަދަ އެތައް ކަމެއް ޢަލިފުޅަށް ކޮންމެ ދުވަހަކު ކޮށްދެމުން ދިޔައެވެ. މިކަންތައްތަކުގައި އުޅެން ޖެހުނަސް ދޮން ޙައްވަގެ އަނގައިން އެއްވެސް އެއްޗެއް ބޭރެއް ނުވެއެވެ. ޢަލިފުޅު ދައްކާ ހުރިހާ ވާހަކައަކަށް ބޯ ޖަހާލުން ނޫން އެހެން ޙަރަކާތެއް ދޮން ޙައްވަގެ ފަރާތުން ނުފެނެއެވެ. އެހެންކަމުން ދޮން ޙައްވަގެ ހިތް އަތުލުމަށް އޭނާއަށް އުނދަގޫތަކެއް ކުރިމަތިވަމުން ދިޔައެވެ. ތަފާތު ގޮތްގޮތަށް ޢަލިފުޅު ވިސްނަމުން ދިޔައެވެ. އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތަކުން ނަމަވެސް ޙައްވަ ޙާޞިލް ކުރެވޭތޯއެވެ.
ކެއުމުގެ ކަންތަކުން ނިމިގެން އައިސް ބޮޑު އުނދޯލީގައި ތިބެލުމަށްފަހު މިރޭ މުދިންބޭގެ ދެމަފިރިން ނިދަން އޮށޯވެއްޖެއެވެ. ޢަލިފުޅުވެސް ނިދަންކަމަށް ހަދާފައި ބޮޑު އަށީގައި އޮށޯވެލިއެވެ. އޮށޯވެ އޮތް ކަމުގައިވިޔަސް ނިދޭގޮތެއް ނުވިއެވެ. ޙައްވަގެ ޚިޔާލުތައް އޭނާގެ ހިތުގައި ގަދަވަމުން ދިޔައެވެ. ގަޑިން ބާރަ ޖެހުމާއެކު އަލިފުޅަށް އެނދުން ތެދުވެވިއްޖެއެވެ. މަޑު ހިނގުމެއްގައިގޮސް ޙައްވަގެ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. މަޑުމަޑުން ދޮރުފޮތިގަނޑުގައި ހިފާލެވިއްޖެއެވެ. އެއާއެކު އެތެރެއަށް ދެމިގަތެވެ. މަޑުމަޑުން ޢަލިފުޅު އެނދާ ކައިރީގައި ހުއްޓިލިއެވެ. އޭރު ޙައްވަ ނިދީގައި އޮވެގެން ތެޅިފޮޅެނީއެވެ. ކޮންމެވެސް ކަމަކާ ގަދަ ހަދަމުން ދަނީއެވެ. އޭނާގެ އަތަށާއި ފަޔަށް ގޮތްގޮތް ހަދަނީއެވެ. ޢަލިފުޅު ހުރީ ކެތްތެރިކަމާއެކު މި މަންޒަރަށް ބަލާށެވެ. ކުއްލިއަކަށް ޙައްވަ ހަޅޭއްލަވައިގަތެވެ. އެއާއެކު ޙައްވަގެ އަޑު ނިކުމެގެން އައެވެ. ޙައްވަ މަޅާލި އަތް އައިސް ޖެހުނީ ޢަލިފުޅުގެ ބަނޑުކޮޅުގައެވެ. ޙައްވަ ބަރު ދެލޯ ހުޅުވާލުމަށްފަހު ކަނިކޮށްލާފައިވާ ފުޅި ބައްތީގެ އަލިކަމުގެ ތެރެއިން ކައިރީގައި ހުރި މީހާއަށް ބަލައިލިއެވެ. ޙައްވަ އެއަށްވުރެ ބާރަށް ހަޅޭއްލަވަން ފެށުމުން ޢަލިފުޅު އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. ކަނާތު ޝަހާދަތް އިނގިލި ނޭފަތުގެ ރަހައަށް ބެހެއްޓުމަށްފަހު ހަޅޭއްނުލެވުމަށް އިޝާރާތުން އަންގަމުންދިޔައެވެ.
" ހުވަފެނުން ހޭލަބަލަ! މިއީ އަހަންނޭ. ޢަލިފުޅޭ! ހަޅޭއްނުލަވާ! " ޢަލިފުޅު ވައި އަޑުން ވާހަކަ ދައްކަމުން ގެންދެއެވެ.
" ކޮން ޢަލިފުޅެއް! ކީއްކުރަން މިތަނަށް ތިޔަ ވަނީ. އަނެއް ލަނޑު އަހަންނަށް ދޭންތަ؟. މިހާރު ތި މީހުންގެ ފަރާތުން އަހަންނަށް ލިބުނު ލަނޑު ކުޑަތަ!." ޙައްވަގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
" ކީކޭ ތި ކިޔަނީ؟ ކޮން ލަނޑެއް އަހަރެންގެ ފުށުން ޙައްވައަށް ލިބުނީ."
" ނުލިބެނީ ކޮން ލަނޑެއް. ތިގޮތަށް މިކޮޓަރިއަށް ވަދެ އަހަރެންނަށް ކިތައް ގޮތް ހަދައިފީމު. ކިތައް ގޯނާ ކޮށްފީމު. އަހަރެން ޙާޞިލު ކުރުމުގެ ދަހިވެތިކަމުގައި އަހަރެންގެ ލޯބިވެރިޔާ ޤަތުލުވެސް ކޮށްލައިފީމު. އަހަރެން ކުރިމަތީގައި. " ޙައްވަގެ އަޑު ދިޔައީ ބާރުވަމުންނެވެ.
"މި ދަންވަރުގައި ކީކޭތަ ތި ކިޔަނީ. މަންޖެއަށް އެނގޭތަ ތިޔަ ކިޔޭ އެއްޗެއް؟ އަހަރެންގެ ބޮލުގައި ތި އަޅުވަނީ ކޮންފަދަ އިލްޒާމެއް." ޢަލިފުޅުގެ ބާރުގަދަ އަތް ގޮށްމުއް ކެވުނެވެ.
" އަހަރެން އެއްފަހަރުވެސް ކަލެއޭ ބުނިންތަ. ކަލެއަށް އެކައްޗެއްވެސް ނޭނގޭ. އެމީހަކީ ކާކުކަން އެނގެން ބޭނުންތަ؟ ހިތްވަރު އެބަހުރިތަ؟" ޢަލިފުޅު އާނއެކޭ ބުނީ މިފަހަރު ބޮލުގެ އިޝާރާތުންނެވެ.
" އާނ! އަޑު އަހާ! އެމީހަކީ ކަލެއާ ދުރު މީހެއްނޫން. މަގޭ ބަފާގެ......ބޮޑު ރަޙުމަތްތެރިޔާ. އަލިފުށީ......ބޮޑު މާވަޑި. ކަލޭގެ ލޯބިވާ.........ބަފާ." ޙައްވަ ދުރުދުރުން ތިލަކޮށްލި ނަން ޢަލިފުޅުގެ ކަންފަތަށް އެޅިގެން ދިޔައީ ހޫނު ތިމަރަ އެއްޗެއް ކައްކާފައި އޮއްސާލި ފަދައިންނެވެ. އޭނާއަށް އެކައްޗެކޭވެސް ނުބުނެވުނެވެ. ހުރި ފިޔަވަޅު މަތީގައި ހުރީއެވެ.
މުދިންބެއަށްވެސް ނޭނގި ފަތިހާ މަހަށް ނިކުތް އޮޑިއަކުން ޢަލިފުޅު ރަށަށް ދިއުމަށް ފުރައިފިއެވެ. އެންމެ ހިނދުކޮޅަކުވެސް ދެން ވާދޫގައި ހުންނަން ބޭނުން ނުވެގެންނެވެ. އެ ބޮޑު ސިއްރުގެ ޙަޤީޤަތް ބޭޒާރުވުމުން ރަށުގެ މީހުންގެ ފަރާތުން އަތުވެދާނެ ޙަމަލައެއްގެ ބިރު ހީވެފައެވެ. އެ ޢާއިލާއަށް ކިޔާނެ އެއްޗެހި ހިތަށް އެރުމުން އެ އަޑުތަކާ ދުރަށް ދިއުމަށެވެ.
ޖެހިގެން އައި ދުވަހަކީ އާދަޔާޚިލާފު ދުވަހެކެވެ. އަލިފުށީގެ ފަޅަށް ވަދެގެން އެއައި އޮޑިއަކީ އަތޮޅުގެ ބަނޑު އޮޑިއެވެ. ބަނޑުއޮޑި އަލިފުށީގެ ފަޅަށް ބަނދަރު ކުރުމާއެކު އަތޮޅުގެ ތަޙުޤީޤު ކޮމިޓީ ފައިބައިގެން މިޞްރާބު އެޖެހީ ރަށުގެ ނައިބު ގެއާ ދިމާއަށެވެ. ނައިބުގޭގެ އަމުރުގެ ދަށުން ބޮޑު މާވަޑި ހައްޔަރުކޮށްގެން އޮޑިއަށްލުމަށް އަމުރު އައެވެ. އެހެނަސް މާވަޑިއެއް ރަށުގެ އެއްވެސް މީހަކަށް ނުފެނުނެވެ. މާވަޑި އަތުލައިގަތީ ރަށު ވަލުތެރޭ ފިލާ އޮއްވައެވެ. ބަނޑު އޮޑި އަންނަ ޚަބަރަށް ފިލީއެވެ. މިއަދު މާވަޑި ބަނދެގެން މާލެ އެ ގެންދަނީ ކުށެއް ނެތް މީހަކު މަރާލިކަމުގެ 25 އަހަރުގެ ޙުކުމާއި މައުޞޫމް އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ހުކުމާއެކު ދެ ޙުކުމާ އެކީގައެވެ.
ނިމުނީ