ހަކުރުބައްޔަކީ އެބަލީގެ ބާވަތުން ބަލިމީހާ ރޯދަހިފާނަމަ ބަލީގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު ބޮޑުބައްޔެކެވެ. ބަލީގެ ވައްތަރުން އިންސުލިން ބޭނުން ކުރައްވާ ބޭފުޅުންނާއި، ބޭސް ބޭނުން ކުރައްވާ ބޭފުޅުންނާއި އަަދި މާބަނޑުވުމާއެކު މިބަލި ތަަހައްމަލުކުރާ މާބަނޑުމީހުން ރޯދަ ހިފާނަމަ އެކަމުގެ ސަބަބުން ނޭދެވޭ އަސަރެއް ކުރުމަކީ އެކަށީގެންވާ ކަމެކެެވެ. ވީމާ މިފަދަ ފަރާތްތަކުން ރޯދަ ހިފުމާ ގުޅޭގޮތުން ޑޮކުޓަރުންނާ މަޝްވަރާކުރައްވައި ރޯދަ ހިފުމުގައި އަމަލުކުރަންވީ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަނެ ސިއްހީ ބޭފުޅުން ދެއްވާ އިރުޝާދާ އެއްގޮތަށް ރޯދަ ހިފުމަކީ އެކަން އެންމެ ފުރިހަމައަށް ކުރެވޭނެގޮތެވެ.

ހަކުރުބަލީގެ ބޭހުގެ ގޮތުގައި އިންސުލިން ބޭނުން ކުރައްވާނަމަ މިއީ ވަރަށް ސަމާލުކަންދެއްވަން ޖެހޭނެކަމެކެވެ. އިންސުލިންއަކީ އެބޭނުން ކުރުމުން ވަރަށް އަވަހަށް ހަކުރުގެ މިންވަރު ދަށްކޮށްލާ ބޭހެކެެވެ. ހަމަ މިއާއެކު ހަކުރުބައްޔަށް ބޭނުންކުރާ ބޭހުގެ ސަބަބުންވެސް ރޯދައަށް ހުރުމުން އޭގެ ނުރަނގަޅު އަސަރުކުރާލެއް ބޮޑުވެއެވެ. ވީމާ ހަކުރުބަލީގެ ބޭފުޅުން އަންނަނިވި ކަންތަަކަށް ސަމާލުކަން ދޭންވާނެއެވެ.

މާބޮޑަށް ހަކުރު ދައްވުން

ހަށިގަނޑުން މާބޮޑަށް ހަކުރުމަދުވެ އޭގެ ނުރައްކާ ދިމާވުމަކީ ރޯދަހިފާއިރު ހަކުރުބައްޔަށް ދޭންޖެހޭ ސަމާލުކަން ނުދެވިއްޖެނަމަ މެދުވެރިވެދާނެ ހާލަތެކެވެ. ކުއްލިއަކަށް މާބޮޑަށް ބަނޑުހައިވުމާއި، މާބޮޑަށް ދާހިއްލާ، ވަރުބަލިވެ، ލޮލުގެ ފެނުން ފުސްވެ، އަނބުރައިގަނެ ވާނުވާ ނޭނގޭ ކަހަލަ ގޮތްތަކެއް އިހުސާސްވާނަމަ އެއީ ހަކުރު މާބޮޑަށް ދަށްވާކަމުގެ އަލާމާތެކެވެ.

ހަކުރުގެ މިންވަރު މާމަތިވުން

ކުއްލިއަކަށް މާބޮޑަށް ހަކުރުމަތިވުމުން ހަށިގަނޑުވަރުބަލިވުމާއެކު ވަރަށް ބޮޑަށް އަނގަ ހިކި، ކަރުހިއްކާ ފެންބޮވާނެއެވެ. ގިނައިން ކުޑަކަމުދާން ޖެހުމާއި ވަރުބަލިވުމުގެ އިތުރުން ލޮލުގެ ފެނުން ފުސްވުމަކީވެސް ހަކުރުމައްޗަށްދާކަމުގެ އަލާމާތެކެވެ.

ހަކުރުމައްޗަށް ދިއުމާއި ދަށަށް ދިއުމަކީވެސް ވަރަށް ސަމާލުކަންދޭންޖެހޭ ދެކަމެވެ. ބައެއްފަހަރަށް ދެކަމުގައިވެސް އެއްއަލާމާތްތަކެއް ފެނުމަކީ އެކަށީގެންވާ ކަމަކަށްވާއިރު މިހާލަތުގައި ސިއްހީމާހިރުން ލަފާދެއްވަނީ ރޯދަ ދޫކޮށްލުމަށެވެ.

ޑައިބެޓިކް ކެޓޯ އެސިޑޯސިސް

ޑައިބެޓިކް ކެޓޯ އެސިޑޯސިސް އަކީ ހަށިގަނޑުގައި ކީޓޯންގެ މާއްދާތައް ގިނަވެ ހަށިގަނޑުގައި އެސިޑްގެ ލެވެލް މައްޗަށް ދިއުމެވެ. މިގޮތަށް ދިމާވެއްޖެނަމަ ވަރަށް ބޮޑަށް ކަރުހިއްކާ، އަވަސްއަވަހަށް ކުޑަކަމު ދެވުމާއި ވަރުބަލިވެ ހޮޑުލެވޭގޮތް މެެދުވެރިވެއެވެ.

ހަށިގަނޑުން ފެންމަދުވުމާއި ތްރަމްބޯސިސް

ގިނަވަަގުތުތަކެއްގައި ފެންނުބޮއި ހުރުމުންނާއި، ހާއްސަކޮށް ހަކުރުމައްޗަށްދާނަމަ ހަށިގަނޑުން ފެންބޭރުވާވަރު ވަރަށްބޮޑަށް ގިނަވެއެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގައި ހިމެނޭ އިލެކްޓްރޮލައިޓްސްގެ ހަމަ ގެެއްލި ހަށިގަނޑުގެ ސެެލްތައް މަސައްކަތް ކުރުމަށް އުނދަގޫވެއެވެ. މީގެއިތުރަށް ލޭގެ ދިޔާކަން ކުޑަވުމާއެކު ލޭހޮޅިތަކުގައި ލޭގަނޑުވުމުގެ ފުރުސަތުބޮޑުވެ ހަށިގަނޑުގެ ބައެއް ހިސާބުތަކުގެ ލޭހޮޅިތަކުގައި (ޚާއްސަކޮށް ފައިގެ ކުޑަކަޅުވާގައި) ލޭގަޑުވާގޮތް ( ތްރަމްބޯސިސް) މެދުވެރިވެއެވެ.

ހައްލު ކުރާނީ ކިހިިނެއް؟

  • ރޯދަހިފުމާ ބެހޭގޮތުން ސިއްހީ އެހީތެރިއެއްގެ ލަފާހޯދާ އެގޮތަށް އަމަލުކުރައްވާށެވެ.
  • ކެއުމަށް ވަރަށް ބޮޑަށް ފަރުވާތެރިވެލައްވާށެވެ. ސިއްހީ އެހީތެރިއެއްގެ އިރުޝާދާއެކު ކާންވީ ތަކެއްޗާއި ދުރުހެލިވާންވީ ތަކެތީގެ ލިސްޓެއް ހައްދަވައި އެއާއެއްގޮތަށް އަމަލު ކުރައްވާށެވެ.
  • ހަށިގަނޑުގައި ހަކުރުހުންނަ މިންވަރު ތަންކޮޅެއް އަވަސްއަވަހަށް ޗެކުކުރައްވާށެވެ.
  • ރޯދަވީއްލެވުމުގައާއި، ހާރުފަރިއްކުޅުއްވުމަށް ސަމާލުކަންދެއްވައި އެބޭފުޅަކާ ގުޅޭތަކެތި ފަރިއްކުޅުވާށެވެ.