ރަށްވެހި ފަތިހެއްގެ ކީރިތި މޫރިތި ބަންގީގެ އަޑާއެކު މިސްކިތާ ދިމާއަށް މިޞްރާބު ބެހެއްޓި ރަށުގެ ގިނަ ބައެއްގެ ފިޔަވަޅުތައް ސީދާވެފައިހުރީ މުދިން ޢަލިބޭގެ ގޯއްޗާ ދިމާއަށެވެ. އެ ވަގުތު ރަށުތެރެއަށް ފެތުރިފައިވާ ހިތާމަވެރި ޚަބަރުންނެވެ. ޢަލިބޭގެ ދޮންއިބުރާހީމަށް ކަމެއް ވެއްޖެޔޭ ގޮވަމުން ދުވަމުންދާ މީހުންގެ އަޑަށެވެ. އެވަގުތު އެ ގެއާއި ގޯތިތެރެ ފެންނަމުންދަނީ ގިނަ ބަޔަކު ޖަމާވެފައި އޮތްތަނެވެ. ގޭތެރޭގައި ރޯ މީހުން ރޮނީއެވެ. ގެއިން ބޭރުގައި ގިސްލާ މީހުން ގިސްލަނީއެވެ. ވެގެން އުޅޭގޮތުގެ ވާހަކަ ރަނގަޅަށް ކިޔާލަދެވޭވަރުގެ މީހަކުވެސް މިތާ ނެތް ކަހަލައެވެ. އެކަކަށް އެނގުނު މިންވަރެއް އަނެކަކަށް ބުނެދެވޭއިރުވެސް އަޞްލު ވެގެން މިއުޅޭގޮތެއް އެކަކަށްވެސް ސާފެއް ނުވެއެވެ. އެއްބަޔަކު "ވިހަވީއޭ" ބުނާއިރު އަނެއް ބަޔަކު ބުނަމުންދަނީ ފަންޑިތަވެރިކަމެކެވެ. ތަފާތު ޔޯލަ ވާހަކަތައް މިތާ ތެރޭގައި އެވަގުތު ވެސް އެނބުރެމުން ދިޔައީ ހީވެސް ނުކުރާ ޒާތްޒާތަށެވެ.

ރަށުގައި ތިބި ބޭސްވެރިންނާއި ފަންޑިތަވެރީން އެމީހަކަށް ހެދުނު އެއްޗެއް ހަދަމުން ދަނީއެވެ. ޢާއިލާގެ މީހުން ނުފުއްދޭވަރުގެ ނަދުރުތައް ގޮވަމުން ދަނީއެވެ. މިވީ ގަޑިއެއްހާ އިރުގެ ތެރޭގައި ކުރެވުނު އެއްވެސް ފަރުވާއަކުން ދޮންއިބުރާހީމަށް ވީކަމެއްނެތެވެ. އިރެއް އިރަކަށް އިބުރާހީމުގެ ހަށިގަނޑު ދިޔައީ ނޫފާވަމުންނެވެ. ބަނޑު ދިޔައީ ފުއްޕަމުންނެވެ. މޫނުގެ ކުލައާއި ހަށިގަނޑުގެ ކުލައަށްވެސްވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ.

ފެންކަޅިވެފައި ތިބި ނަމަވެސް މުދިންބޭގެ ދެމަފިރިން ދޮންއިބުރާހީމަށް ވީގޮތާމެދު ސުވާލުތައް ކުރަނީއެވެ. އިބުރާހީމު ކޮންމެވެސް އެއްޗެކޭ ބުނެވޭތޯ މަސައްކަތް ކުރެއެވެ. އަތުގެ އިޝާރާތުންނާއި އަނގަޔަށް ގެންނަ ޙަރަކާތްތަކުން އެސޮރު އެކަމެއް ބުނެދޭން އުޅޭތާ ހާދަ އިރެއްވެއްޖެއެވެ. އެކަމަކު އޭނާގެ އަޑެއް ބޭރެއް ނުވިއެވެ. އެ ޖައްސާ ވައްތަރުތައް މާނަ ކުރެވޭވަރުގެ މީހަކުވެސް މިތަނުގައި ނެތެވެ. މަޑުމަޑުން ދޮން އިބުރާހީމު އެނދުން ތެދުވަން ބޭނުންވާ ކަހަލަ ޙަރަކާތްތަކެއް އިޝާރާތުން ދައްކަމުންދިޔައެވެ. އެވަގުތު އެތާ ތިބި ޖާނުން ވަރުގަދަ ދެފިރިހެނަކު އޭނާ ނަގައި ކޮޅަށް ޖެހިއެވެ. ހަމައެއާއެކު މިތާ ތިބި މީހުންނަށް ދޮންއިބްރާހީމް ކަޅި ހިންގާލިއެވެ. އިބުރާހީމުގެ ވިސްނުންތެރި މައިފުށު ބޮޑުބެއަކަށް މި މަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. ވަގުތު ކުޑަތަންވެއްޖެކަމަށް ހީވިއެވެ. އެހެންކަމުން އަވަސް އަވަހަށް ގޭތެރޭގައި ހުރި ކުޑަވަރެއްގެ ވޮށުފިލައެއް ހިފައިގެން އައިސް އިބުރާހީމުގެ ކުރިމައްޗަށް ވާގޮތަށްހުރި ގޮނޑިބުރި މަތީގައި ބެހެއްޓިއެވެ. އަދި ކިޔާ އެއްޗެއް އޭގައި ލިޔުމަށް އެދުނެވެ. ދޮންއިބުރާހީމު ތުރުތުރު އަޅާ އަތަކުން އޭގައި އޮތް ފަލަ އިލޮށިގަނޑުގައި ބާރަށް ހިފެހެއްޓިއެވެ. އަދި އަވަސް އަވަހަށް ކޮންމެވެސް އެއްޗެއް ވެލީގައި ކުރަހަން ފެށިއެވެ. އެންމެން ތިބީ އެމަންޒަރަށް ބަލާށެވެ.

އެންމެންނަށް ސިހުން ގެނުވީ އިބުރާހީމު ކުރަހަން ފެށި މަންޒަރު ނުނިމެނީސް މަރުވެގެން އިންތަނަށް ވެއްޓުމުންނެވެ. އެއާއެކު ގޭތެރޭގައި ރުއިމުގެ ތޫފާނެއް އުފެދިގެން އައެވެ. ޝަހާދަތުގެ އަޑުން މުޅި ތަން ގުގުމާލިއެވެ. ފެންކަޅި ނުވާ އެންމެ ލޮލެއް ވެސް ނެތެވެ. ވަގުތުން މުދިން ޢަލިބެއާ ދޮންދަލޭކައްތަ އަނބުރައިގަނެގެން ވެއްޓުނެވެ. ފިރި ފުރާވަރަށް އަރާފައިވާ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅު ނިމިދިޔަގޮތް ފެނިފައެވެ. އިބްރާހީމުގެ ޖަނާޒާގެ ކަންތަކުން ނިމިގެން އައިއިރުވެސް އެދެމަފިރިން ހުވާހެއް ނެތެވެ. މުޅި ރަށުތެރެއަށްވެސް ފެތުރިފައިވަނީ ގޮތް ނޭނގޭ މަރެއްގެ ހަމަހިމޭންކަމެވެ.

ދޮންއިބްރާހީމުގެ މަރާއެކު ތަފާތު ވާހަކަތައް ފަތުއަޑު ކިޔާފައި ރަށުތެރޭގައި ދެކެވެން ފެށިއެވެ. އަދި އިބްރާހީމުގެ އެންމެ ފަހު ވަގުތު އެކުރެހި ކުރެހުމުގެ މާނަ ތަފާތު ގޮތްގޮތަށް ތަރުޖަމާވެގެން ދެކެވެން ފެށިއެވެ. ތުހުމަތުގެ އިނގިލި އެންމެ ބޮޑަށް ދިއްކުރެވިފައިވަނީ ދޮންއިބުރާހީމުގެ ކުރީގެ ލޯބިވެރިޔާ ކަތީބު ދޮންސަންޕަގެ ފިރި ރާވެރި ޔޫސުބާ ދިމާއަށެވެ. އެކުރެހުމަށް ނިޞްބަތްވާ މީހުންގެ ލިސްޓުން ޔޫސުބާއި ސަންޕަގެ ނަން ފަރުދާއެއް ނުވެއެވެ. އެހެންކަމުން އެގޮތްގޮތަށް ވާހަކަތައްވެސް ފިޔަފަޅައިގެން އުދުހެނީއެވެ. މިއަޑު ޔޫސުބަށް އިވުމުން ހުޅުފަޅައިގެންދިޔައެވެ. ނަފުރަތުގެ ކަނިތައް ބުރަބުރައިގެންދިޔައެވެ. ދެ މީހުންގެ ތެރޭގައި އޮތް ޒަމާންވީ ޙަސަދައިގެ ޞަފުޙާތައް ހުޅުވިގެންދިޔައެވެ.

ޔޫސުބާއި އިބުރާހީމަކީ ރަށުގައިތިބި އެންމެ ބަނިޔާދަން ފިރިހެން ކުދިންގެ ތެރެއިން ވެސް ޒުވާން ޖިންސުއްލަޠީފުން އެންމެ ގަޔާވާ ދެ ޒުވާނުންނެވެ. މި ދެ ޒުވާނުންގެ ކޮންމެ ޙަރަކާތަކަށް އަނެއް ޖިންސުގެ ކޮންމެ ކުއްޖަކު ހުންނަނީ "މަށަށް މަށަށް" ކިޔާލާވަރުގައެވެ. އިއްތިފާޤަކުންނަމަވެސް މި ދެ ޒުވާނުންނަށް ލޯބި ވެވުނީ އެކަކު ދެކެއެވެ. އެއީ ކަތީބުގޭ ދޮން ސަންޕައެވެ.

ދޮންސަންޕަ އަކީ ރަށުގެ ޖިންސުއްލަޠީފުންގެ ތެރެއިން ރީތިކަމަށް ގިނަ ޒުވާނުން އިއްތިފާޤުވާ އެކަކެވެ. ދޮންސައްޕައަށް ހުށަހެޅުމެއް ނާންނަ ދުވަހެއް ދަނީ ހަމަ ޙާލަކުންނެވެ. އެހެންނަމަވެސް ބަފާ ދެކެ ގަންނާކުރައްވާ ބިރުން އެއްވެސް ކަމަކާ ކުރިމަތިލާކަށް ސަންޕައަކަށް ނުކެރެއެވެ. އަދި ކަތީބުދެކެ ގަންނާކުރައްވާ ބިރުން ރަށުގެ އެއްވެސް ޒުވާނަކަށް އެގޯއްޗާ ހަމައަށް ވައި އެޅިލަންވެސް ނުކެރެއެވެ. ކޮންމެ ކުއްޖަކުވެސް ދޮންސަންޕަގެ އަތުން ފެން ތައްޓެއް ބޯލާ، ދުފާލާ ހިތްވެއެވެ. ދޮންސަންޕަޔާ މައްލަވަކޮށް ހީ ސަމާސާ ކޮށްލާ ހިތްވެއެވެ. ދޮންސަންޕަގެ އަލަތު ފިރިއަކަށް ވާހިތްވެއެވެ.

މުދިން ޢަލިބޭގެ ދޮންއިބުރާހީމަކީ ދޮންސަންޕަގެ ކޮންމެ ފިޔަވަޅަކަށް ހުއްޓިފައިހުރި ޒުވާނެކެވެ. ދޮންސަންޕަގެ އަލަތު ލޯބިވެރިޔާއެވެ. އެހެންނަމަވެސް އެލޯބި މާގިނަ ދުވަހަކު ދެމި އޮންނަގޮތެއް ނުވިއެވެ. ލާދީ ގޮވުމުގެ ތެރެއިން އުފަންވި މިލޯބި ކޮންމެވެސް ސަބަބަކާހުރެ ވަނީ ނިމުމުގެ ސިއްކަ ޖެހިފައެވެ. އެހެންނަމަވެސް މި ލޯބީގައި އިބްރާހީމު އަލާކެނޑޭގޮތެއް ނުވިއެވެ. އަދިވެސް ދޮންސަންޕަގެ ދީވާނާގައި ފަހަތުން ނުނެއްޓިގެން އުޅެނީއެވެ. މިސްކިތް މަގުން ސަންޕަ ފެންބަލާ ދާއިރު އެމަގުން ދިމާކުރެއެވެ. ފުށްޓަރު މަގުން އެކަނި ފެނިއްޖެއްޔާ ކުރި ބައްދާ ކައިވެންޏަށް ރަން އަހައެވެ. އަތިރިމަގުން ފެނިއްޖެއްޔާ ރައިވަރާއި ފަރިހިން ވިރުވާ އަޅައެވެ. ތަޢުރީފުން ފުރިފައިވާ ޝާޢިރީ ފަތްވަތްތައް އިބުރާހީމުގެ ފުށުން އަބަދުވެސް ސަންޕައަށް ލިބިލިބި ހުރެއެވެ. އެކަމަކު އެއިން އެއްވެސް ހުށަހެޅުމަކަށް މިފަހަރު ސަންޕަ "އާނބަހެއް" ނުބުނެއެވެ. އެހެންކަމުން އާވާރާއެއް ފަދައިން ފަހަތުން ނުނެއްޓި އެނބުރި އެނބުރި އިބުރާހީމަށް ޖެހެނީ ހުންނާށެވެ.

ރައިވެރި ކާސިންފުޅުގެ ރައިވެރި ޔޫސުބަކީވެސް ސަންޕަގެ މައްޗަށް ނަޒަރު ހުއްޓިފައިވާ ޒުވާނެކެވެ. ސަންޕައަށް މަރުދޭން ތައްޔާރަށްހުރި ސޮރެކެވެ. ސަންޕަގެ ކޮންމެ ޙަރަކާތެއް އެންމެ ގާތުން ބަލަމުންދާ ޒުވާނެކެވެ. ޔޫސުބުވަނީ ސަންޕަގެ ޖާދޫގައި ރަނގަޅަށް ޖެހިފައެވެ. އަޞުރަށް އިރު ތިރިވެއްޖެއްޔާ ޔޫސުބު އަރާ އޮންނަނީ ކަތީބުގެ ގެޔާ ކައިރިން އޭނާ ހަރު ބަދެފައިވާ ކޮންމެވެސް ރާރުކެއްގައެވެ. ސަންޕަގެ ރީތިކަން ހަމަ ލޮލަށް ފެންނަ ކޮންމެ ފަހަރަކު ޔޫސުބުގެ ހިތު ވިންދު އަވަސްވެއެވެ. އެވަގުތު ޔޫސުބު ހިތަށް އަރައެވެ. މަގޭ ނަޞީބަކަށް ސަންޕަ ވާނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އޭނާއަށްޓަކައި ފުރާނައިން މަ ފިދާ ވާނަމެވެ. އެލޯބީގައި ދެމި ހުންނާނަމެވެ.

ސަންޕަގެ އިންތިޒާރުގައި ހުންނާކަށް ޔޫސުބަކަށް ކެތެއްނުވިއެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ސަންޕަ އޭނާގެ މިލްކަކަށް ހަދަން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް، ޖަހަންޖެހޭ ހުރިހާ މަޅިއެއް ޖަހާ ބާރުކުރަމުން ގެންދިޔައެވެ. ކަތީބާ ގުޅާލާނެ ގޮތަކާއި ސަންޕައާ ކައިރިވާނެ ގޮތަކާމެދު ފިކުރު ހިންގަމުން ގެންދިޔައެވެ. އެންމެފަހުން ޔޫސުބަށް ވިސްނުނީ ކަތީބުގެ ރާރުއްތަކާ ޙަވާލުވުމަށެވެ. އޭރުން ފަސޭހައިން އެގޭތެރެއަށް ވަދެ ސަންޕަޔާ ގުޅާލެވިދާނެ ކަމަށެވެ.

ޔޫސުބުގެ ރޭވުން ގޯހެއް ނުވިއެވެ. ކަތީބުގެ ރުއްތަކާ ޙަވާލުވި ފަހުން މާގިނައިން ޔޫސުބު އެގޭ ތެރެއަށް ވަނުމުގެ ދޮރު ހުޅުވިގެން ހިނގައްޖެއެވެ. ކޮންމެވެސް ކަމަކު އަބަދުވެސް އެގެއަށް އޮންނަނީ ދާން ޖެހިފައެވެ. ކޮންމެވެސް މެހްމާނުންތަކެއް އެގެއަށް ޒިޔާރަތްކޮށްގެން އޮންނަނީ އަބަދުވެސް ރާބާލަން ޖެހިފައެވެ. މިހާރު ހެނދުނާއި ހަވީރު ބާލަމުންދިޔަ ރަލުގެ ބަދަލުގައި ދަންވަރު ރާބާލާކަމަށް ވެސް ރަށުތެރޭގައި ވާހަކަ ދެކެވެން ފަށައިފިއެވެ.

ރަށުތެރޭގައި މިފަދަ އަޑުތައް އިވެން ފެށުމުން އިބުރާހީމުގެ ހިތް ހަލާކުނުވީ ކިރިޔާއެވެ. އިބުރާހީމު ހިތަށް އަރައެވެ. ނޫނެކެވެ. ސަންޕަގެ އަލަތު ލޯބިވެރިޔަކީ އަހަންނެވެ. އެހެންވީމާ އަލަތު ފިރިއަކަށް ވެސް ވާނީ ހަމަ އަހަންނެވެ. އޭނަޔާ އެންމެ އެކަށީގެންވަނީ ވެސް އަހަންނެވެ. އަދި އޭނާ ލިބެންވާނީ ވެސް އަހަންނަށެވެ. ޔޫސުބަކީ ރައިވެރިއެއްގެ ދަރިއެކެވެ. މަށަކީ މުދިމެއްގެ ދަރިއެކެވެ. ރައިވެރިއެއްގެ ދަރިއަކަށް އެނގޭނީ އެފަންނުގެ މަސައްކަތެވެ. ރައިވެރިޔަކާ ކަތީބެއްގެ ދަރިޔަކާ އެކަށީގެނެއް ނުވެއެވެ. މިކަމަށް ޖެހޭނީ މޮޅު އެތި ފަހަރެއް ހަދާށެވެ.

ލޯބީގެ މިގަދަފަދަ ރޭހުގައި ޔޫސުބަކަށް އިބްރާހީމު ދުލެއް ނުކުރިއެވެ. ދޮން ސަންޕަ ޙާޞިލު ކުރުމަށް ކުރެވޭނެ ހުރިހާ ކަމެއް އޭނާ ވެސް ކުރަމުން ގެންދަނީއެވެ. ފާޅުގައި ފާލުބަލައި ރަމަލު ބަލާ ހަދަނީއެވެ. ފަންޑިތަވެރިން ގާތަށްގޮސް އެކަން ވެސް ކުރަނީއެވެ. ނުވިތާކަށް ކަންވެރިންގެ ގާތުން ކާށީގައި އަކަ ކުރަހައި ޔޫސުބުގޭ ވަރުވާ ކަނުގައި ވަޅުވެސް ލަނީއެވެ. އަދި މުޖައްރިބުކަމަށް މީހުން ލިޔެދޭ ބިލެއްގަނޑުގަނޑު ވެސް ކައި ހަފައި ހަދަނީއެވެ. ދަންވަރު ގަޑީގައި މިސްކިތު ބޮޑުވަޅުން ފެން ގެނެސް ފެން ކިޔަވާ އެ ބޮލަށް އަޅާ ބޮއިވެސް ހަދަނީއެވެ.

އިބުރާހީމު މިފަދަ ފޮނި އުއްމީދުތަކެއްގައި ހުއްޓާ ކުއްލިއަކަށް އިވުނީ ޔޫސުބާއި ސަންޕަގެ ކައިވެނީގެ ޚަބަރެވެ. ކެޔޮ ބިލެތަށް ކައިރީގައިވާ ރަށްރަށަށް ފުރައިގެންދިޔަ ޚަބަރެވެ. ކަތީބުގޭ ދޮށުގައި ކޯޅިކޯޅިއަށް އަންހެންވެރިން އެއްވެގެން ހަދިޔާބަދިޔާ ހަދަމުން ގެންދާ ޚަބަރުތަކެވެ. ކައިވެނި ޕާޓީ ބާއްވާ ހަރުގޭގެ މުޑިތައް ޖަހަމުން ހިޔާކުރާ ވާހަކައެވެ. އެކަން ހަޖަމު ކުރާކަށް އިބުރާހީމަކަށް ފަސޭހައެއްނުވިއެވެ. އިބުރާހީމަށް ލިބުނީ ކުއްލި ޝޮކެކެވެ. އިބުރާހީމު ފާޑަކަށް ގަނޑުވި ކަހަލައެވެ.

ކައިވެނީގެ ވަލީމާއަށް ރަށުގެ ރައްޔިތުންނަށް ދަޢުވަތު ދީފައިވީކަމުގައިވިޔަސް އިބްރާހީމެއް ނުދެއެވެ. އިބްރާހީމަށް ކޮށްފައިވަނީ އެއަށްވުރެ ފުން އަސަރެކެވެ. އިބްރާހީމަށް އެދުވަހާއި އެރޭ ހީވީ ގަދަފަދަ ކަނޑެއްގެ ތެރޭގައި އުޅެވޭހެންނެވެ. މާކަނޑުގެ މެދުގައި އޮވެ އޮޔާ ދާހެންނެވެ. ވަރުހެސަ ބިޔަ ރާޅުތަކެއް ނަގާ ބޯ މަތިން ބިންދަމުންދާހެންނެވެ.

ކަންދިމާކުރިގޮތުން އެދުވަހާއި އެރޭ އިބުރާހީމަށް ގޭން ބޭރަށްވެސް ނިކުންނާކަށް ނުކެރުނެވެ. މީހުން ގާތުގައި ބުނެވުނު ގަދަފަދަ ބަސްތަކާއި ކުރެވިފައިވާ ކަންތައްތަކުން މީހުންގެ މަލާމާތާއި ފުރައްސާރަ ލިބޭނެތީ ގެންފައިވާ ލަދެއްގެ ބޮޑުކަމުންނެވެ. ހުރިހާ ގޮތަކުން އިބްރާހީމުވަނީ ރަކިވެފައެވެ. ހިތް ހަމަޖައްސާލުމަށްޓަކައި އެރޭ ގޭގެ ބޮޑު އުނދޯލީގައި އޮށޯވެލައިގެން އޮތްއިރު ވެސް ފެންނަމުން ދިޔައީ ސަންޕައެވެ. ލޯ ޖެހިލާއިރަށް ލޮލުގެ ކުރިމަތިންވެސް ސޫރަވަމުން ދިޔައީ ސަންޕަގެ ދެމަފިރިންގެ ކައިވެނީގެ އަލަތު ރޭގެ މަންޒަރުތަކެވެ. ހުވަފެނުގައި ހޭލެވެނީ ޔޫސުބު އައިސް އޭނަޔާ ޙަމަލަދޭން ފެށުމުންނެވެ.

މިހާރު މި ހުވަފެން ދައްކާތާ ލައްކަ ދުވަސްވީއެވެ. އިބުރާހީމަކަށް މިކަމެއް ބަރުދާސްތެއް ނުކުރެވުނެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހިތުގައި އުފެދިފައިވާ ޙަސަދައިގެ އިޝްޤީ ހުޅުގަނޑު ދިޔައީ ބޮޑުވަމުންނެވެ. މިހާރު އެކަން ކޮޅުންލާން ކައިރިވީއެވެ. އޭނާ ދެކޭގޮތުގައި ޔޫސުބަށް ލަނޑެއް ދީގެންނަމަވެސް ސަންޕަ އޭނާގެ މިލްކަކަށް ހެދެން ޖެހޭނެއެވެ. މިހާރު އެއީ ޔޫސުބުގެ އަނބި ކަމުގައިވިޔަސް އެއީ އޭނާ ފުރާނަ ފަދައިން ޤުރުބާން ކުރުމަށް ތައްޔާރުވަމުންދިޔަ އަލަތު ލޯބިވެރިޔާއެވެ. އޭނާގެ ލޯބީގެ ގަނޑުވަރުތައް އެމީހަކަށްޓަކައި ޚިޔާލުގައި ރާނާ ފައްކާކުރަމުންދިޔަ އާޝިޤާއެވެ. އޭނާގެ ހުރިހައި އުފަލަކާއި ހިތާމައެއް އެމީހަކާއެކު ލިޔެވިފައިވާ ހުވަފެނުގެ ރާނީއެވެ.

މި ވޭނުގައި އިބުރާހީމު ތަޙައްމަލު ކުރަމުންދިޔައިރު އޭނާގެ ޠަބީޢަތަށް ވެސް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. އެރީތި ހަށިގަނޑުވަނީ މިލައިގެންގޮސްފައެވެ. ދަގައްފާނުގެ ބާރު ދަމާ އެރީތި ދެލޯވަނީ ވަޅު ވަދެފައެވެ. ތުނބުޅިވަނީ އާދަޔާޚިލާފަށް ދިގުވެފައެވެ. އެރީތި މޫނުގެ އުޖާލާކަންވަނީ ކެނޑިފައެވެ. މިއަދު މީހަކާ ހީސަމާސާ ކުރާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. ކެއުން ބުއިމެއް ފެންވެރުމެއްވެސް ނެތެވެ. ދުނިޔަވީ ހުރިހައި އުފަލަކުން އޭނާ ވަނީ އަތް ދޮވެލާފައެވެ. މިކަމާ އިބްރާހީމުގެ މިތުރުން ހިތާމަ ކުރިއެވެ. އެކިގޮތްގޮތުން ނަސޭޙަތްތެރިވަމުން ދިޔައެވެ. ރަނގަޅު ބައިވެރިޔަކާއެކު އަލުން ޙަޔާތެއް ފެށުމަށް ހިތްވަރު ދެމުން ގެންދިޔައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ ލޯތްބަކީ ތަފާތު އެއްޗެކެވެ. އެއްވެސް މީހެއްގެ ނަސޭޙަތެއް އިބްރާހީމަށް މާއަގުހުރި އެއްޗަކަށް ނުވިއެވެ.

އެންމެ ގާތް މިތުރުންނާވެސް މިހާރު އިބްރާހީމު މުޅިން އެކަހެރިވެއްޖެއެވެ. އޭނާ މިހާރު އުޅެނީ އެކަނިވެރި ދުނިޔެއެއްގައެވެ. މާ ހަމަޖެހޭ ހެނެއްވެސް ހީނުވެއެވެ. ދެކެވޭ ވާހަކަތަކުގައިވެސް ހަމަނުޖެހޭ ގޮތެއް ހުރެއެވެ. ބަރުބާދުވި ލޯތްބެއްގެ ހަނދާނުގައި ހިތްދަތި ދުވަސްތައް އިބްރާހީމު ހޭދަ ކުރަމުންދާއިރު މިކަން ހުވަފެނުންވެސް ސަންޕަ ނުދެކެއެވެ. އެއަށްވުރެ އެދެމަފިރިން ޙަޔާތް އުޖާލާއެވެ.

މޫރިތި އަމާން އޮމާން ފަތިހެކެވެ. ހަނދުވަރުގެ އަލިކަންވެސް ކޮންމެވެސް ވަރަކަށް ފަނޑު ގޮތެއްގައި ނަމަވެސް އޮތެވެ. ޢާއްމުކޮށް ރުކަށް އަރަން އަނދެއުޅޭ ގޮޅި ބޮޑު މުންޑު އަރުވާ ޖަހާ، ފަރާތެއްގައި އަށް ބަދި އަޅުވާ، ރާ ދަނޑިގަނޑު ކޮނޑު އަޅުވާ، ބަޅުވަޅި އަންބޮޑިއަށް ޖަހާ، ހަރު ހިނގުމެއްގައި ވަލާ ދިމާއަށް ބެހެއްޓި ޔޫސުބަށް ހުއްޓުން އެރީ ބަޔަކު ހަޅޭއްފަޅޭއް ޖަހަމުން ރަށުގެ ބޮޑު މަގުން ދުވާތަން ފެނިފައެވެ. ވެގެންއުޅޭގޮތް ދެތިން މީހަކު ގާތުގައި އަހާ އޮޅުންފިލުވާލުމުން އެއީ ކާކުކަން އެނގުމުން، އެދިމާއަށް ދިއުމަށް ހިނގައިގެންފައިވެސް އަނެއްކާ ވެސް ޔޫސުބުގެ މިޞްރާބު ބަދަލުކޮށްލީ އައިކޮޅަށެވެ. ދާހިތް ނެތުމުންނެވެ. އެނަމަކާމެދު މާބޮޑު ޝައުޤުވެރިކަން އަމުދުން ނެތުމުންނެވެ.

ފުރަތަމަ އަރަންދިޔަ ރާރުކަށްގޮސް މަޑުކޮށްލުމުން ވެސް ޔޫސުބަށް އާދަޔާޚިލާފުކަން އެނގުނެވެ. ރާރުކަށް ދީފައިވާ ގެއްލުމާމެދު ޚިޔާލުކޮށްލެވުނެވެ. ރުކުން ފެށިގެން މާދުރަށް އަޅާފައިވާ އެދިގު ފައިތިލައިގެ ފިޔަވަޅުތަކަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރެއްވަންދެން ކަމެއްވެސް ނޭނގުނެވެ. އެއީ އޭނާ ދަންނަ ފިޔަވަޅުތަކެއްހެން ވެސް ވަރަށް ހީވެއެވެ. ކޮންމެވެސް މީހަކާމެދު އޭނަޔަށް އެބަ ޝައްކު ކުރެވެއެވެ. އެކަމަކު ހަނދާނަކަށް ނައެވެ.

މާޒީއާއެކު ދުވަސްތަކެއް ގެއްލިގެން ހިނގައްޖެއެވެ. ގޮތް ނޭނގޭ މަރަކުން ރަށުގެ ޒުވާނަކު މަރުވިތާ މިއަދު ދެމަހާއި ފޮއިވީއެވެ. މި މަރުގެ ތަޙުޤީޤު ކުރިއަށްދާއިރު އެކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކެއްވަނީ ނައިބުގެއަށް ޙާޟިރު ކުރެވިފައެވެ. ކަތީބާއި ރާވެރި ޔޫސުބާއި މުދިންބޭގެ ޢާއިލާގެ ފަރާތުން އިބުރާހީމުގެ މައިފުށު ބޮޑުބޭބެ ވެސް ވަނީ ޙާޟިރު ކުރެވިފައެވެ. ފަހަރަކު މީހަކާ ނައިބުކަލޭގެ ސުވާލުތައް ކުރަމުން ގެންދިޔައެވެ. ކޮންމެ މީހެއްގެ ބަޔާންތައް ވަކިވަކިން ލިޔަމުން ގެންދިޔައެވެ.

މިހާރު ވާހަކަ ދެކެވެމުން އެދަނީ އިބުރާހީމުގެ މަރުގެ އެންމެ ފަހު ވަގުތުކޮޅު ވޮށުފިލާ ބޯޑުގައި ކުރެހި ކުރެހުމާ މެދުގައެވެ. އެރޭ ރަށުގައި ހިނގާދިޔަ ޙާދިސާއާ އިބްރާހީމު އެ ކުރެހި ކުރެހުމާ ގުޅުމެއްވާކަމަށް ދެކެވޭތީއެވެ. އޮޅުން ނުފިލާ ކަމަކަށް އޮތީ ނަންނުގައްޗެއްގެ ސިފައިގައި އިބުރާހީމު އެ ކުރެހި ސޫތްޕެވެ. އިބުރާހީމުގެ ބޮޑުބެ އެ ކުރެހުމުގެ ނަކަލު އަލުން ކަރުދާސްގަނޑެއްގައި އެންމެންގެ ޙާޟިރުގައި ކުރަހައިދިނެއެވެ.

ގިނަ ބަހުސްތަކަކަށްފަހު ކަތީބަށާއި ނައިބަށް ނިންމުނީ އިބުރާހީމްގެ މަރާ އެ ނަނުގައްޗާ ގުޅުމެއް އޮތްކަމެވެ. އަދި ބަދީގައި ތުން ޖަހައިގެން ރާ ބުއިމުގެ ތެރޭގައި އޭގައި އޮތް ނަނުގައްޗެއް އިބްރާހީމުގެ ހަށިގަނޑުގެ ތެރެއަށް ވާޞިލްވެ، އޭގެ ވިހަ ބަނޑުތެރެއަށް ދުއްވާލީ ކަމުގައެވެ. އެވިހައިގެ އަސަރުގައި އިބްރާހީމު ނިޔާވީ ކަމުގައެވެ. ކުރެހުމުން ވެސް ޝާބިތުކޮށްދެނީ އިބްރާހީމު ބަދީގައި ތުން ޖެހިކަމާއި އޭގައި ހުރި ރާ ބުއިކަމެވެ.

ޔޫސުބަކަށް އެހިސާބުން ހިމޭނަކުން ނީދެވުނެވެ. އޭނާ އެކަން ހެއްކާއެކު ސާބިތު ކޮށްދިނެއެވެ. އެރޭ ރާ ރުއްތަކަށް ދީފައިވާ ގެއްލުންތަކާއި އެބުނާ ބައްޖެއް ބިންމަތީގައި އޮތް އޮތުމާއި އެތަނުން ފެނުނު ފިޔަވަޅާ އިބުރާހީމާ ގުޅުމެއް އޮތްކަން ސާބިތުކޮށްދިނެއެވެ. އަދި މިއީ ޔޫސުބާއި ސަންޕަގެ ކައިވެންޏާ ގުޅިގެން އިބުރާހީމުގެ ހިތުގައި އުފެދިފައިވާ ޒާތީ ހަސަދައެއް ފިލުވާލުމުގެ ތެރޭގައި ދިމާވި ހިތާމަވެރި ޙާދިސާއެއްކަން އެންމެންނަށް ކަށަވަރު ކޮށްދިނެއެވެ.

އެންމެން ތިބީ ހަމަހިމޭންވެފައެވެ. ބުނާނެ އިތުރު އެއްޗެއް ނޭނގިފައެވެ. އެ މަރުގެ އަޞްލު ޙަޤީޤަތް އެނގުނީމައެވެ. މިއޮތްހާ ދުވަހު އެންމެންނަށް ނޭނގި އޮތް ޙަޤީޤަތް ސާފުވުމުންނެވެ. މިއީ ލޯތްބަކަށްޓަކައި ހަސަދައާއި ފިތުނަވެރި ކަމެއްގެ ތެރޭގައި ހިނގާދިޔަ ހިތި ނިމުމެއްގެ ނަތީޖާ ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ؟

-ނިމުނީ