އިރާކޮޅެއްގެ ހަލަބޮލިކަން ހުޅުމާލޭގައި އަލަށް އާބާދުވި ޒުވާނުންގެ ސަހަރަށް ވެރިވެފައިވަނީ ބަލާލި ކޮންމެ ދިމާއަކުން ޢަޖާއިބުވުން އެކަށީގެންވާ މިންވަރަކަށެވެ. ތަރުތީބު ކަމާއެކު ވިލާތަކުގެ މައްޗަށް ބޯ އަރުވައިގެން ދިއްލާ އަޅާފައިވާ އުސް ޓަވަރުތަކުގެ އެކިއެކި އެޕާޓްމެންޓްތަކުގެ ދިގު ހަނި ސިޓިންރޫމްތަކުގައި ވިރުވާ އަޅަމުންދަނީ ފޯރިގަދަ ޓީވީ ޝޯވތަކެވެ. ރަމަޟާން މަހުގެ ޚާއްޞަ ޕްރޮގުރާމްތަކެވެ. ދީނީ ދަރުސްތަކާއި ދީނީ ފޯރަމްތަކެވެ. މުނި ފޫހިފިލުވުމުގެ ތަފާތު ޝޯވ ތަކެވެ.
ޓަވަރާ އެންމެ ކައިރީގައި ހުރި ގާޑިޔާ ކައިރިއަށް ޖެހި، ވަރުގެ ކޮޅަށް ދުފާލައިގެން ވިޝާން އެނބުރި އެޕާޓްމެންޓަށް އައިއިރު ދޮން މަންމައެއް ނެތެވެ. ބެލްކަންޏާއި ފާޚާނާތައް ބެލި އިރަކުވެސް ފެންނާކަށް ނެތެވެ. ގެ ތަޅުލާފައި ތަޅުދަނޑި ޖީބަށްލީ ހަނދާން އޭނާ ހަމަ ރަނގަޅަށް އެބަހުއްޓެވެ. އެޚިޔާލުގައި ހުއްޓާ ޓަވަރުގެ ކުރިމަތިން ބަސް ޓާރމިނަލް ސަރަޙައްދުން އަލަށް ހެދި މަގުގެ މަތިން މާ ދުރުން އެކަނިމާ އެކަނި ހިނގާފައި އަންނަ ހިޔަންޏެއް އޭނާއަށް ފެނުނެވެ. ކޮރެއް ޖަހަމުންނެވެ. މާދުރުން ފެންނަން ހުރި ދެތިން ހޮޅި ދަނޑިއެއްގެ އަލި ފިޔަވާ އެހެން އިތުރު އައްޔެއް މާ ކައިރިން ފެންނާކަށް ނެތެވެ. ނަމަވެސް އެފަނޑު އަލީގެ ތެރެއިން ވެސް އެއީ ކާކުކަން ވިޝާނަކަށް ނޯޅުނެވެ.
ތާރައެޅި އެ ހަރު މަގުމަތީގައި އޭނާ ހިނގަމުން ދިޔައިރު، ކުރިއަށް ފިޔަވަޅު އަޅާނެހާ ޖޯރެއް އޭނާގެ ހަށީގައި ހުރިހެނެއްވެސް ހީނުވެއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ދިޔަނަމަވެސް ދާނެ ވަކި މަންޒިލެއް އޭނާގެ ޚިޔާލުގައި ނެތްކަހަލައެވެ. ކޮންމެ ތާކަށް ދެވުނަސް އޭނާއަށް ވަރިހަމަ ކަހަލައެވެ. ވިޝާން ބެލީ އިތުރު ފިޔަވަޅެއް ދުރަށް އެޅުމުގެ ކުރިން ދޮން މަންމަ ގަދަކަމުން ނަމަވެސް ގެއަށް ގެންދެވޭތޯއެވެ. ކިތަންމެ ވަރަކަށް ގޮވިޔަސް އަޑު އިވޭހެނެއް ވެސް ހީނުވާނެއެވެ. އަތުގައި ގޮސް ހިފާއިރަށް ހީވާނީ އެހެންފަދަ ކަމެއްހެންނެވެ. ވިޝާންގެ ބައްޕައަށް ހެއްދެވި ނުހެއްދެވިއަށް ގޮވާނެއެވެ. ކުޑައަށްތިބި ދެބެއިންނަށް ނުގޮވާ އެއްޗެއް ވެސް ނޯންނާނެއެވެ. ވިޝާނަށް ދޮންމަންމަ ގެއަށް ވެއްދޭނީ މަރާ ބަގުޑި ކުޅެފައެވެ. ގަދަބާރުންނެވެ. ވިޝާނަށް ދޮންމަންމަ ލިފްޓަށް ވައްދާލެވުނީ އިތުރު ދެ މީހެއްގެ އެހީއާ އެކުގައެވެ. ހިފާ އޮޅުލުމުގެ ސަބަބުން މުޅި މީހާ ހުރީ އޭރު ދާހިއްލާ ފޯވެފައެވެ. ދެވަރުން އެއްވަރު ވެފައެވެ. ލިބިފައިވާ ވަރުބަލިކަމާއެކު އެޕާޓްމެންޓަށް އައިސް ސޯފާގެ މައްޗަށް ހަށިގަނޑު ދެމިލި ވަގުތު ވޭނީ ކުކުރުމެއްގެ އަޑު ކޮޓަރި ތެރެއިން އިވިގެން ދިޔައެވެ. ތާފަނާ ސައިތައްޓަކާއެކު އޭނާ ދޮންމަންމަ ކައިރިއަށް ދިޔައެވެ. އެއިން އެތިފޮދެއް އަނގަޔަށް އަޅައިދިނުމަށްފަހު ކޮޓަރިން ނިކުތުމަށް ދަނިކޮށް އެއްޗެކޭ ބުނެލިހެން ހީވެގެން ވިޝާން ދޮންމަންމައާ ގާތަށް ޖެހިލިއެވެ.
"އަހަރެން މަރުވާނެނަމަ ކޮންފަދަ........."
ޙައްވާފުޅުގެ އެ ސުވާލަކީ އަބަދުވެސް ތަކުރާރުކޮށް ކުރަމުންދާ ސުވާލެކެވެ. ދިރިއުޅުމުގައި ކުރިމަތިވާ ދެރަ ގޮތްތަކެއްގެ ސަބަބުން ހިތާމަވެރި ދިރިއުޅުމެއް އުޅުމަށްވުރެ، މަރުވުން ވެސް ރަނގަޅުކަމުގައި ބައެއް މީހުންނަށް ގަބޫލުކުރެވެއެވެ. ބަދު ނަޞީބު ޙައްވާފުޅަށް ވެސް ގަބޫލު ކުރެވެނީ މިއަދު ހަމަ އެގޮތެވެ. ކުރެވެނީ އެ ސުވާލެވެ.
ޒުވާން ޙައްވާފުޅުގެ ހިމޭން ދިރިއުޅުމުގެ ދަތުރު ފެށީ ނުލާހިކު އުފާވެރިކޮށެވެ. އުފަން ފަސްގަނޑުންނެވެ. މައިންބަފައިން ދެއްކި މީހަކާ ރުހި ގަބޫލުވެ އިނީ އުފާވެރި ދިރިއުޅުމެއް ފެންނާނެކަމުގެ ފޮނި އުންމީދުގައެވެ. އަލަށް ނޫނަސް އިސްމާޢީލުފުޅާ އިނީ ރުހި ގަބޫލުވެގެންނެވެ. މާލޭގައި އިން އޭނާގެ ވަރިކުރިފުޅުގެ ފަރާތުން އެއްވެސް އުނދަގުލެއް އޭނާއަށް ނުފޯރާނެކަމުގެ އިތުބާރު ލިބުމުންނެވެ. އެކަން އޭނާއަށް ހާސިލްވިއެވެ. އުފާވެރި ދިރިއުޅުމަކަށް ބޭނުންވާނެ ހުރިހާކަމެއް، ހުރިހާއެއްޗެއް އޭނާއަށް ލިބުނެވެ. އޭނާ ދެކެ ލޯބިވާ، އޭނާއަށްޓަކާ ޖާނުން ފިދާވާން ތައްޔާރަށްހުރި ރަނގަޅު ފިރިއެކެވެ. މުއްސަނދި ކަމާއި ތަނަވަސްކަމެވެ. ދަރިންނެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމެއް ދާއިމީ ކަމަކަށް ނުވިއެވެ. ދަރިންނަކީ އިންސާނާއަށް ދެއްވި އަގު ބޮޑު އަމާނާތެއް ނަމަވެސް ޙައްވާފުޅަށް އޭނާގެ ދަރިންވީ ދިރިއުޅުމުގައި ކުރިމަތިވި ޙައިޖާނަކަށެވެ. އެ ދަރީންގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަރުބާދުވީއެވެ. ހުރިހާއެއްޗެއް އަތުން ބީވެ ދިޔައިރު، އާވާރާއެއްގެ ގޮތުގައި ބާކީވެފައިހުރީ އޭނާ އެކަނިމާ އެކަންޏެވެ.
އިސްމާޢީލުފުޅާ އިނުމުގެ މާކުރިންވެސް ޙައްވާފުޅު އޮތީ އޭނާގެ ދިރިއުޅުން ފަރުމާކޮށް ނިންމާފައެވެ. ކައިވެނީގެ އުފާވެރިކަމާއެކު އިސްމާޢީލުފުޅާއެކު އޭނާ އެ ދަތުރަށް ފެށީ ބާއްޖަވެރިކަމާއި ހެޔޮ ނަޞީބު އެދިގެންނެވެ. ދަރިން ހޯދާނެ ޢަދަދާއި އެކުދިންނަށް ކިޔާނެ ނަންނަމާއި ރަށުން ގޯތި ހޯދާނެ ސަރަޙައްދާއި އެ ގޭ ފަރުމާ ކުރާނެ ގޮތާއި ގޯތިތެރޭގައި ރުވާނެ ގަސްގަހާގެއްސާއި އެގަސްގަހުން ފޯދުވާނެ މާމެލާމެއްޔަށް ދަންދެން ވަނީ ލިޔެފައެވެ.
ކައިވެނީގެ ފުރަތަމަ ކޮޅު އިސްމާޢީލުފުޅު ވެސް ވަރަށް އޯގާތެރިއެވެ. އުޅުނީ ވަރަށް ލޯބިންނެވެ. ބޭނުން ހުރިހާ މުހުތާދެއް ފުއްދައިދިނުމަށް އުފަލާއެކު މަސައްކަތް ކުރަމުން ދިޔައެވެ. މިގޮތުގައި ދުވަސްތައް މާޒީވަމުންގޮސް އިސްމާޢީލުފުޅުގެ ދެވަނަ ދަރިފުޅަށް، ޙައްވާފުޅުގެ އަލަތު ދަރިފުޅަށް ދެމީހުން ރުހި ތައްޔާރުވީ ކައިވެންޏަށް ތިން މަހުގެ މުއްދަތެއް ދީފައެވެ. އެކަކު އަނެކަކު ދެނެގަތުމުގެ ބޭނުމުގައެވެ. އޭރު ވެސް ކައިވެނީގެ ފޮނިމީރުކަން ދެމީހުންކުރެ އެކެއްގެ ގައިން ވެސް އުނި ނުވެއެވެ.
ތުއްތު އިޝާން ބަލާ ބޮޑުކުރުމާއި ތަރުބިއްޔަތު ކުރުމުގައި ދެމީހުން ވެސް އެމީހެއްގެ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރަމުން ދިޔައެވެ. އެ ދަރިފުޅު ފެންވެރުވުމާއި ރީތި ކުރުމާއި ބަލިވެ ނުނިދިގެން ރޯން އޮންނަ ރޭތަކުގައި ދަންފަޅި ބަހާލައިގެން ތިބެނީ ދެ މީހުންނެވެ. ދަރިފުޅަށް ބޭނުންވާ އެއްޗެހި ގަންނަން ރަށު ފިހާރަތަކަށް ދަނީ ދެ މީހުން އެކީގައެވެ. މަސް ނިމޭއިރު ދަރިފުޅުގެ ބަރުދަން ބަލައި ވެކްސިން ޑޯޒްތައް ދިނުމަށް ރަށު ހެލްތު ސެންޓަރަށް ދަނީ ވެސް އެކުއެކީގައެވެ. ނުހަނު ލޯބިންނެވެ.
އިޝާނަށް ތިން އަހަރު ފުރުނުއިރު އެ ދެމަފިރިންގެ ޒަވާޖީ ބަގީޗާއިން އަނެއްކާ ވެސް އިތުރު މޭވާއެއް ނިކުތެވެ. އުނގު އިތުރަށް ފަޅުފިލުވައިދޭން އިނާޝާ އޮތެވެ. އިސްމާޢީލުފުޅު އަދާ ކުރަމުންދިޔަ ރަށު ކައުންސިލްގެ ވަޒީފާގެ ކުރިއެރުން ލިބުމާއެކު ކުރަންޖެހޭ މަސައްކަތްތައް ބުރަވުމުގެ ސަބަބުން އަބަދު ބޭރުގައި އުޅޭތީ ގޭގައި ގިނަވަގުތު ތިބެނީ އޭގެ ތިންމައިން އެކަންޏެވެ. ނަމަވެސް އޭނާ އަކަށް އެކަމުން ވާ އިތުރު އުނދަގުލެއް، ނުތަނަވަސްކަމެއް، ޝަކުވާއެއް ނެތެވެ. މިއީ އޭނާ އަބަދުވެސް ބޭނުންވިގޮތެވެ. އަމިއްލަ ހިޔާވަހިކަމުގައި އަމިއްލަ ދަރިން އަމިއްލަ ދެއަތުން ތަރުތީބު މަގުން ތަރުބިއްޔަތު ކުރުމެވެ. އެ ހުވަފެނުގައި އަންނަނީ މަޑުމަޑުން ޙަޤީޤީ ކުލަ ޖެހެމުންނެވެ.
އިޝާނާއި އިނާޝާއަކީ ރަށު މަދަރުސާގައި ތިބި އެންމެ ވިދާ ތަރިންނަށްވިއެވެ. ކިޔެވުމާއި އިތުރު ހަރަކާތްތަކުންނެވެ. އެކުދިންގެ ސަބަބުން އިސްމާޢީލުފުޅާއި ޙައްވާފުޅުގެ ލޮލަށް ފިނިކަން ގެނުވައިދިނެވެ. ހިތް ފުރި ބަންޑުންވެގެން ދިޔައެވެ. އެދުވަސްކޮޅު ޙައްވާފުޅަށް ހީވީ ކޮކާލެއް ފަދައިން އުދުހެވޭ ހެންނެވެ. ކާމިޔާބަށް އެދި ތަޢުލީމީ ވާދަވެރި ރޭހުގައި ކުރި މަސައްކަތާއި ހިތްވަރަށްފަހު އިޝާނަށް އޯލެވެލް އިމްތިޙާނުން އެއްވަނަ ޙާޞިލް ކުރެވުނެވެ. އޭނާ އަމާޒު ހިފި ބްރީލިއަން އެވޯޑެއް ނުލިބުނަސް ޙައްވާފުޅު ހުރީ ދަރިފުޅު ހޯދި ކާމިޔާބީއަށްޓަކާ ފަޚުރުވެރިވެގެންނެވެ. މިވީހާ ތަނަށް މުޅި އަތޮޅުން ވެސް މިފަދަ ކާމިޔާބީއަކަށް ދެވުނު ކުއްޖަކު އިޝާން ފިޔަވާ ނެތުމުން އަދި ވަކިންބޮޑަށް ޙައްވާފުޅު ހުރީ އުފާވެފައެވެ.
ލިބުނު ކާމިޔާބާއެކީ ޢާއިލާއިން ނިންމީ މާލެއަށް ހިޖުރަ ކުރާށެވެ. އިޝާނަށް މާލެއިން އޭލެވެލްއަށް ކިޔެވުމަށާއި އިނާޝާވެސް ގްރޭޑް 7 ނިމިފައި ވުމާއެކު އޭނާގެ ސާނަވީ ތައުލީމު މާލެއިން ފުރިހަމަ ކުރުމަށެވެ. ދެ ކުދިން ވެސް ތިބީ މާލެ ދެވޭތީ އުފަލުންނެވެ. އެކަމަކު ޙައްވާފުޅު ހުރީ ހިމޭން ދިރިއުޅުމާއި އަމިއްލަ ވަޒަން ދޫކޮށްލާފައި ދާން ޖެހޭތީ ދެރަވެފައެވެ. އިސްމާޢީލުފުޅުގެ ކުރީގެ އަނބި މާލޭގައި އިނީތީ ބަދަލުވެދާނެކަމުގެ ބިރު ހީވެފައެވެ. ނަމަވެސް އޭނާ މާލެ ބަދަލުވަނީ ކޮން މަޤުޞަދެއްގައިކަން ހިތަށް އެރުމުން އެ ޚިޔާލު ސިކުނޑިން ނެރެ ފޮޅާލިއެވެ.
ރަށުގެ ހިމޭން ހިތްފަސޭހަ ދިރިއުޅުމުން މާލެ ސިޓީގެ ކާރޫބާރޫ ބޮޑު ތޮއްޖެހިފައިވާ ދިރިއުޅުމަށް ހޭނުންވީ ޙައްވާފުޅަށް ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. މާލޭ ސިޓީގައި ތިބުމުގެ ޚަރަދު އެހާމެ ބޮޑެވެ. ދެމަފިރިން ވަޒީފާއަށް ގޮސްގެން ވެސް ލިބޭ އެއްޗަކުން ދެކޮޅު ޖެއްސޭ ފަހަރަށްވުރެ ގިނައީ ނުޖެއްސޭ ފަހަރެވެ. ބިލްތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ރެޑް ނޯޓިހާއެކު އަންނަ ފަހަރު މަދެއް ނުވިއެވެ. މިކަންކަން ކޮށްފައި ދެން ދިރިއުޅުމުގެ އެހެނިހެން އަސާސީ ބޭނުންތައް ފުއްދާލާނެހާ ފައިސާއެއް ނުހުރެއެވެ. މިކަންކަން މިހެން ހުރުމުން އިސްމާޢީލުފުޅު ވެސް އެހެން ވިސްނުމަކަށް ބަދަލުވިއެވެ. އިތުރު އެހެންގޮތެއް ނެތުމުން އިސްމާޢީލުފުޅު ނިންމީ ބޯޓު ދަތުރުކުރަން ދާށެވެ. ދޮށީ ބަނޑުގެ ދަރި ވިޝާނަށް ހިޔާ މަޝްރޫޢުގެ ދަށުން ލިބުނު 2 ކޮޓަރީގެ އެޕާޓްމެންޓަށް ޢާއިލާ ބަދަލުކޮށްލާށެވެ.
މާލެއަށް ހިޖުރަ ކުރުމަށްފަހު ދަރިންނަށް ރަށުގައި ތިބެ ދެވުނު އަޅާލުމާއި ސަމާލުކަމެއް ފައިސާ ހޯދަން މަސައްކަތް ކުރަމުން ޙައްވާފުޅަކަށް ނުދެވެއެވެ. ދެވުނުނަމަ ދެވުނު ސަމާލުކަމެއް ދިޔައީ ކުޑަވަމުންނެވެ. ވެމްކޯގެ މަސައްކަތު މީހެއްގެ ވަޒީފާ މާ ބުރަ ވުމުން ޙައްވާފުޅު ވަޒީފާއިން ކެނޑުނެވެ. އަދި ގޭގައި އިނދެގެން ލޮނު މިރުހާއި ހަވާދު ތަޅަން ފެށީ އެކަމުގެ ސަބަބުން ދަރިންނާ ގާތުގައި ހުރެވޭނެ ކަމަށް ހީކޮށެވެ. ނަމަވެސް ކަންތައްތައް ވެގެން ދިޔައީ އެހެނެއްނޫނެވެ. ލޯބިން ބަލައި ބޮޑުކޮށްގެން ގާތުގައި ގެންގުޅެމުން ދިޔަ ދަރިން އަތް ނުފޯރާފަށަށް ދިޔައީއެވެ. އިޝާން ގޭގައި އޮވެއޮވެ ކުރާނެ އިތުރު ކަމެއް ނެތުމުން ކަންމަތީ ގުރޫޕަކާ ގުޅުނީއެވެ. އިޝާން އުޅޭނެ ތަނެއްގައި އުޅެފައި އެނބުރި ގެއަށް އައުމުން ހަވާދުތަޅައި ޕެކް ކުރަން އިނދެފައި އައީ ކޮންތަނަކުންތޯ އަހާލުމުގެ ވިސްނުމެއްވެސް ޙައްވާފުޅުގެއެއް ނުހުރެއެވެ. އިނާޝާގެ އަތަށް ފަހުގެ ސްމާޓް ފޯނެއް ދިންފަހުން އޭނާގެ މުށުތެރެއިން އޭތި ދޫވާ ވަގުތެއް ނާދެއެވެ. ސްކްރީނަށް ދެވޭ ވަގުތުތައް ބޭކާރުވަމުންދާއިރު އޭނާއަކަށް އެކަމުގެ ކުޑަވެސް އިހުސާސެއް ނުވެއެވެ. ޙައްވާފުޅަށް ކަމެއްވީކަން ރޭކާލީ އިޝާން ސްކޫލަށް ނާންނާތީ ސްކޫލުގެ އިދާރާއިން ގުޅުމުންނެވެ. އިނާޝާގެ ނަތީޖާ ދަށްވަމުންދާތީ އެކަމާ އޭނާގެ ކިލާސް ޓީޗަރު ޙައްވާފުޅާ ބައްދަލުކުރުމުންނެވެ. ނަމަވެސް އޭރު ވާނެ ކަމެއްވެ ވަނީ ނިމިފައެވެ.
އިޝާންވަނީ މަސްތުވާތަކެތީގެ ވަބާގައި ވަރަށް ރަނގަޅަށް ޖެހިފައެވެ. އިނާޝާގެ އެއްވެސް ޝައުގުވެރިކަމެއް ކިޔެވުމަކަށްނެތެވެ. އޭނާ އުނަގަނޑުގައި މަސްޖަހާ އަތާއި ފައިވެސް ފަލަވަމުން އައީ ޙައްވާފުޅު އަތުން ތަޅާ މީރު ހަވާދުގެ ރިހަ ކައިގެން ނޫންކަންވެސް އެނގުނީ ވެސް މާފަހުންނެވެ. އެދުވަހު ޙައްވާފުޅަށް ލިބުނު ޝޮކު އެހެން އެއްޗަކަށްވުރެ މާބޮޑެވެ. ދަރިންނަށް ބަލަންވާވަރަށް މިހާރު ނުބެލޭކަން އަމިއްލައަށް އިހުސާސްވިޔަސް މިހާ ބޮޑަށް އޭނާގެ އަތުން ކަންތައްތައް ދޫވެގެންގޮސް ބޮއްސުން ލައިގެން ގޮސްފާނެ ކަމަކަށް އޭނާ ހިތަކަށްވެސް ނާރައެވެ. ދިރިއުޅުމަށް ފައިސާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށް ގެއްލިފައި ހުރިވަރު އޭނާއަށް ވިސްނުނީ އެދުވަހުއެވެ. ނަމަވެސް މިހާރު މާ ލަސްވެއްޖެއެވެ.
އޭގެ ފަހުން ހަފްތާއެއްވެސް ނުވަނީސް މީހަކު މަރާލުމުގެ ކުށުގައި އިޝާން ހައްޔަރު ކުރެވުނެވެ. ރަށުގައި ތިބި ތިމާގެ މީހުންނާއި ރައްޓެހިން އަދި އެނޫން މީހުން ވީގޮތް އަހާ އޮޅުންފިލުވަން ފެށީ ނޫސްތަކުގެ ފަލަ ސުރުޚީތަކަށް އިޝާން ހައްޔަރުކުރިކަން އެރުމުންނެވެ. ދުނިޔޭގެ ލަދަށްޓަކާ ޙައްވާފުޅު ފޯނު ބޭނުންކުރުން ހުއްޓާލިއެވެ. ގެއިން ބޭރަށް ނިކުތުން ހުއްޓާލިއެވެ. އިނާޝާ ގެއިން ފިލައިގެން ނުދަންނަ ފިރިހެނަކާއެކު ދިޔުމުން އޭނާ ހޯދަން ދާނެ ހިތްވަރެއްވެސް ޙައްވާފުޅުގެ ކިބަޔަކު ނެތެވެ.
ބޯޓު ދަތުރުކުރުން މެދު ކަނޑާލުމަށްފަހު ލިބުނު ޗުއްޓީގައި އިސްމާޢީލުފުޅު އެނބުރި ރާއްޖެ އައީ އޭނާގެ އަނބިމީހާއާއި ދަރިންކުރެ އެކަކާވެސް ވާހަކަ ނުދެއްކޭތީ ވީ ކިހިނެއްތޯ ބަލާލުމަށެވެ. އޭނާގެ ދިރިއުޅުމަށް ކުރިމަތިވެގެން މިއުޅޭ ކަންތައްގަނޑެއް އޭނާ ހުވަފެނުންވެސް ނުދެކެއެވެ. ގެނައި ދަބަސް ފޮށިތަކާއެކު ޓަވަރަށް ވަންއިރު ދެ ދަރިންކުރެ އެކަކުވެސް ގެއަކު ނެތެވެ. އޭރު ގަޑިން 10 އެއް ޖަހާ ބޮޑުވަނީއެވެ. ވިޝާންގެ ފަރާތުން އެނގުނީ ދޮންމަންމަ ގޮސްވީ ފޭސް 1 ގައި ހުރި ފިހާރައަކަށް ކަމެވެ.
މިއަދު ތައްޔާރުކުރި ހަވާދު ޕެކެޓްތައް އެކި ފިހާރައަށް ގެންގޮސް ލައި އަވަދިވެގެން ޙައްވާފުޅަށް ގެއަށް ވަދެވުނުއިރު 11 ޖަހާ ބޮޑުވަނީއެވެ. ގެއަށް އައިސް ވަނުމުން އޭނާއަށް ލިބުނީ ކުއްލި ޝޮކެކެވެ. މި ވަގުތު ކުއްލިއަކަށް އިސްމާޢީލުފުޅު ފެނުމުން އޭނާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. އިސްމާޢީލުފުޅުގެ ބާރު ހަޅޭކާއެކު އޭނާގެ ހިތް ކުނޑިކުނޑި ނުވީ ކިރިޔާއެވެ. އެވަގުތުވެސް އޭނާ ބުނެދޭން ބޭނުންވާ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. އެހެނަސް އަޑެއް ބޭރެއް ނުވިއެވެ. ވަރަށް ހިތްވަރުން ޙައްވާފުޅު ޙަޤީޤަތާ ކުރިމަތިލުމަށް ނިންމިއެވެ. ބިރާއި ސިހުމާއި ކަރުނައާއި އަސަރާއެކު ހުރިހާވާހަކައެއް ކިޔައިދީ ނިމުމުން ބަންލާފައި ދޮރުފަތް ޖެހުމަށްފަހު އިސްމާޢީލުފުޅު ނުކުމެގެން ދިޔަތާ ތިންވަނައަށް ވީދުވަހު ލިބުނީ ވަރީގެ ސިޓީއެކެވެ. އެ ސިޓީގައި ވަރި ކުރި ސަބަބަކަށް އޮތީ ދަރިން ރަނގަޅަށް ނުބެލުނީތީ ކަމަށެވެ. ދަރިންނަށް އެކަށީގެންވާ ތަރުބިއްޔަތެއް ނުދެވުނީތީ ކަމަށެވެ. ޒަމާނީ އޮއިވަރުގައި ބައްސާ ދަރިން އޮޔާލީތީ ކަމުގައެވެ.
އެ ސިޓީ ކިޔާލުމަށްފަހު ޙައްވާފުޅުގެ ދުނިޔެ އެނބުރެން ފެށިއެވެ. އޭނާއަށް މުޅި އެދުވަސް ހީވީ އޮއިދެމޭ ކޯރެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. ބިންދަމުންދާ ވަރުހެސަ ރާޅުތަކުގެ ތެރޭގައި ދެމެމުންދާ ހެންނެވެ. އޭނާ އެކޯރުގައި ފަތަފަތާ ވަރުބަލި ވެއްޖެއެވެ. ޙިމާޔަތުގެ އެއްވެސް މަންޒިލެއް ސަލާމަތުގެ އެއްވެސް އައްސޭރިއެއް އޭނާގެ އަތަކު ނުޖެހުނެވެ. ވަރުބަލިވެފައިވާ ދެލޯ ތަންމިނަށް އޭނާ ހުޅުވާލިއެވެ. ދުނިޔެވެސް މިއަދު އޭނާއަށް ފެންނަމުން ދިޔައީ ކުޑަކުޑަ ފުނަ އޮށެއްގެ މިސާލުގައެވެ. އަނިޔާއާއި ކެހިދޭ ތަނެއްގެ ގޮތުގައެވެ. އެ މަންޒަރު ބަލާކަށް އޭނާއަކަށް ކެތެއްނުވިއެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ވިސްނަވިސްނާ ސިކުނޑި ސުމަކަށް ދިޔައީއެވެ. ދުވެފައި ނިކުމެވުނީ މަގުމައްޗަށެވެ. އާވާރާއެއް ފަދައިންނެވެ. ޤުދުރަތުން ﷲ އޭނާގެ ބުއްދީގައި ލައްވާފައިވާ ބާރުވެސް ކެނޑިގެން ދިޔައީއެވެ.
އޭގެފަހުން މިހާރު 5 އަހަރު ވީއެވެ. ޙައްވާފުޅަކީ މިއަދު ހަމަޖެހޭ މީހެއްނޫނެވެ. ހުރިހާ ކަމެއް އޭނާގެ ކިބައިން ވަކިވެގެން ދިޔައީއެވެ. އެންމެ އެއްޗެއް ފިޔަވައެވެ. އޭނާގެ އަތުގައި އޮތް ސިޓީ ފިޔަވައެވެ. އެއްވެސް މީހަކަށް އޭނާއާ އެސިޓީ ވަތްކެއް ނުކުރެވުނެވެ. އެއީ އޭނާގެ އަނދާ އަޅިއަށްވީ ދިރިއުޅުމުގެ އެންމެ ފަހުގެ ސިއްކައެވެ. ރައްކާ ކުރެވުނު ހަމައެކަނި ހަނދާނެވެ.
ޖެންޑާގެ ފަރާތުން ޙައްވާފުޅު ބަލަން ހަވާލު ކުރީ ވިޝާނާއެވެ. އެއީ ޙައްވާފުޅުގެ ބަލަދު އަރާ ފަރާތެއް ކަމުގައި ނުވިޔަސް އިސްމާޢީލުފުޅުގެ ދަރިއަކަށްވެފައި އަދި އެއްބަފާ ދެބެއިންގެ ދޮށީ ބޭބެއަށް ވާތީއެވެ. ޙައްވާފުޅުގެ ޢާއިލާގެ ބަލަދު އަރާ އެއްވެސް މީހަކު މިހާރު ދުނިޔޭގައި ނެތީމައެވެ. ވިޝާން އެކަން ކުރަމުންދަނީ އަމިއްލަ މަޔަކު ބަލާ ފަދައިންނެވެ. ހަމައެކަނި އެއްބަފާ ކޮއްކޮމެންނަށް ކޮށްދޭ ކަމެއްގެ ގޮތުގައެއް ނޫނެވެ.
ދަތުރުކޮށްފައި ގެނައި ލާރިގަނޑާއެކު އިސްމާޢީލުފުޅު އޭނާއަށްވުރެ އެތައް ގުނަ ހަގު އެހެން އަންހެނަކާ އިނދެގެން މަޖާ ނަގަމުން ދަނީއެވެ. އިޝާން އަދިވެސް އޮތީ ޖަލުގައެވެ. އިނާޝާ ނަހަލާލަށް ބަލިވެ އިނުމުގެ ސަބަބުން ކުޑަކުދީންނަށް ލިބިފައިވާ ޙައްޤުގެ ދަށުން ވަނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. މިއިން އެއްވެސް ވާހަކައެއް ޙައްވާފުޅު ގާތުގައި ވިޝާނެއް ނުބުނެއެވެ. ބުނާކަށް ގަސްތެއްވެސް ނުކުރެއެވެ. އެއީ މިހާރުގެ ޙާލަތަށްވުރެ އިތުރު ޙާލަތަކަށް ވެއްޓިދާނެކަމުގެ ބިރު އޮތީމައެވެ.
އެއް ރެއެއްގެ އިރާކޮޅު އެއްޗެއް ވެއްޓި ޖެހުނު އަޑަށް ވިޝާން ގޮސް ކޮޓަރި ބަލައިލިއިރު ދޮންމަންމަ އޮތީ ބިންމަތީގައެވެ. ދެލޯ ވަނީ ތަން މިނަށް ހުޅުވިފައެވެ. ނޭވާ ވަނީ ހުއްޓިފައެވެ. އޭނާގެ އަތްތިލަ އޮތީ ހާމައަށް ހުޅުވިފައެވެ. އަބަދު މުށުތެރޭގައި އެ އޮންނަ ދަމިލަ ކަރުދާސްގަނޑު މާދުރުގައި ވެއްޓިފައި އޮތެވެ. ވިޝާނަށް އިނދެވުނީ ގަބުވެފައެވެ.
ތަޤުދީރު މި ކުޅުނީ ކޮންފަދަ ކުޅިގަނޑެއް ހެއްޔެވެ؟ އިއްޔެ އުފާވެރިކަމާއި ހިތްހަމަ ޖެހުމާއެކު އަމިއްލަ ވަޒަނުގައި ދިރިއުޅުނު ޢާއިލާ މިއަދު ބަރުބާދުވެގެން އެދިޔައީ ކޮންފަދަ ނިކަމެތި ގޮތެއްގައި ހެއްޔެވެ؟ މިއީ ދަރިންނަށް އުފާވެރި ކުރިމަގެއް ހޯދައިދިނުމަށް ދެމަފިރިއަކު ކުރި ހިޖުރައިގެ ނަތީޖާ ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ؟ ޒަމާނީ އޮއިވަރުގައި ބެހި ގެއްލިގެން އެދިޔައީ އިއްޔެ ކޮންފަދަ ރަނގަޅު ތަރުބިއްޔަތަކާއެކު ބަލާ ބޮޑުކުރި ދަރިން ހެއްޔެވެ؟ ބަރުބާދުވި ދުނިޔެއަށް ލޯ އެމަރާލީ ކޮންފަދަ މާތް އަންހެނެއް ހެއްޔެވެ؟ ކޮންފަދަ ވަފާތެރި މަންމައެއް ހެއްޔެވެ؟
-ނިމުނީ-