އެވަޓަން އަތުން 1-0 އިން ރޭ ބަލިވި މެޗަށްފަހު، ޓަނަލް ތެރެއަށް ވަންނަން ދަމުން އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ބިންމައްޗަށް ޖަހައި ހަލާކު ކޮށްލެވުނީ ޖަޒްބާތުތައް ކޮންޓްރޯލް ނުކުރެވިގެން ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް މެންޗެސްޓަރ ޔުނައިޓެޑާއި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

އެވަޓަންގެ ސަޕޯޓަރަކު ފޯނު ރޮނާލްޑޯ ބިންމައްޗަށް ޖެހީ ޓަނަލްތެރެއަށް ރޮނާލްޑޯ ވަންނަން ދިޔަ ވަގުތު ރޮނާލްޑޯގެ ވީޑީއޯއެއް ކުރުމަށް އެސަޕޯޓަރު މަސައްކަތް ކުރަމުން ދަނިކޮށެވެ.

"އުނދަގޫ ހާލަތުގައި ޖަޒްބާތުތައް ކޮންޓްރޯލް ކުރުމަކީ ފަސޭހަ ކަމެއްނޫން. އަހަންނަށް ކަން ކުރެވުނީ ރަނގަޅަކަށް ނޫން. އެކަމަށް މައާފަށް އެދެން. އަހަރެން އެސަޕޯޓަރަށް ދައުވަތު ދެން މެންޗެސްޓަރ ޔުނައިޓެޑުގެ މެޗެއް ބެލުމަށް އޯލްޑްޓްރެފޯޑަށް އައުމަށް" ރޮނާލްޑޯ،37، އޭނާގެ އިންސްޓަގްރާމް ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

ސަޕޯޓަރުގެ ފޯނު ހަލާކު ކޮށްލުމުގެ އިތުރުން ރޮނާލްޑޯ ވަނީ މެޗުގެ ތެރެއިން އެވަޓަންގެ ބެންޗާ ދިމާއަށް ނުރައްކާތެރި ގޮތަކަށް ބޯޅައެއްވެސް ޖަހާފައެވެ. އަދި ދަނޑުމަތިން އޭނާގެ އަމަލުތައް ފެނިފައި ވަނީ ވަރަށް ބޮޑަށް ފްރަސްޓްރޭޓް ވެފައި ވަނިކޮށެވެ.

ރޮނާލްޑޯ، ސަޕޯޓަރުގެ ފޯނު ހަލާކު ކޮށްލި މަައްސަލައާ ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިމައްސަލައާ ގުޅިގެން ފުލުހުން ބޭނުންވާ އެއްބާރުލުން ދިނުމަށް އެކްލަބް ތައްޔާރަށް އޮތް ކަމަށެވެ.

އެވަޓަން އަތުން ބަލިވުމާއެކު ގަދަ ހަތަރަކަށް އެރުމަށް މެންޗެސްޓަރ ޔުނައިޓެޑަށް ވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފައެވެ. މިހާތަނަށް ކުޅުނު 31 މެޗުން ލިބުނު 51 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލުގެ 7 ވަނައިގައެވެ. ޔުނައިޓެޑުގެ އިތުރުން ގަދަ ހަތަރަކަށް ވާދަ ކުރަމުން ދަނީ 62 ޕޮއިންޓާއެކު 3 ވަނައިގައި އޮތް ޗެލްސީ އާއި 57 ޕޮއިންޓާއެކު 4 ވަނައިގައި އޮތް ޓޮޓެންހަމް އާއި 54 ޕޮއިންޓާއެކު 5 ވަނައިގައި އޮތް އާސެނަލްއެވެ.