"ތިޔަނޫން ކުއްޖަކު ރަމީޒަށް ނުފެނުނީތަ؟ ތިޔަ ކުއްޖަކާ އިންނާކަށް ބައްޕަ ޤަބޫލެއް ނޫނޭ ބުނޭ." ރަމީޒު ފޮނުވި މީހާގެ ކުރިމަތީގައި އަޙުމަދުފުޅު ނުރުހުން ފާޅު ކުރިއެވެ.
"އެކަމަކު ރަމީޒުގެ ނިންމުން ބަދަލުކޮށްފާނެހެންނެއް ހީއެއްނުވޭ."
"އެއީ ކީއްވެ؟ ރަމީޒު އިންނަން ޖެހޭނީ ރަމީޒާ އެއް ފަންތިއެއްގެ ކުއްޖަކާ. ތިޔަ ޢާއިލާ އަހަރެން ވަރަށް ރަނގަޅަށް ދަންނަން."
"ބައްޕަ ނުޤަބޫލަސް ސަނާއާ އިންނާނަމޭ ރަމީޒު ބުނި. އަޅުގަނޑުވެސް ރަމީޒަށް ވިސްނައިދެވޭތޯ މަސައްކަތްކޮށްފިން. އެކަމަކު ރަމީޒު ބުނީ މިގޭ ދޮންތަ އިނދެގެން އެއުޅެނީ ވަކި ކޮން ޢާއިލާއެއްގެ ކާކާތޯ ބައްޕަ ގާތުގައި އަހާބަލާށޯ."
"ރަމީޒާއި އޭނާގެ ދޮންތަޔާ އެގޮތުން ބަލާއިރު ވަރަށް ތަފާތު. އަހަރެން އެކައިވެންޏާ ޤަބޫލުވީ ފަހަރެއްގައިވެސް އެމީހުންނަކީ ޤަދަރުވެރި ބަޔަކަށްވީތީއެއްނޫން. އެކައިވެންޏަށް "އާނބަސް" ނުދީފިނަމަ ފަހުން ނިކުމެދާނެ ނަތީޖާއަކަށް ބަލާފަ. އެއީ ރަމީޒަށް އެނގޭނެ ކަންތައްތަކެއްނޫން. ރަމީޒަށް ނޭނގުނަސް ރަމީޒުގެ މަންމަ މިދުނިޔެ ދޫކުރީ އެހިތާމަތަކަށް ކެތްނުކުރެވިގެން. ރޫމާ ހުރީ އެ ސާމިރާ ނުދެވައިފިނަމަ ކަނޑަށް އެރޭ ހިސާބުގާ. އެހެންނޫނަސް ރަމީޒަކީ އޭނާގެ ދޮންތައަށްވުރެ ޒަމާނަށް ހޭލާފައިހުރި ކުއްޖެއް. ހަޔާތުގެ އުފަލަށްޓަކާ ގޮތް ދޫނުކޮށް ހުރެގެން ތިޔަހެން ނުވިސްނާ ކޮށްލާ ކަމަކުން މުޅި ޢުމުރުގައި ރޯން ޖެހުމަކީ އަހަރެން އެދޭގޮތެއްނޫން."
"ރަމީޒު ގާތުގައި އަޅުގަނޑު ދެން ނަންގަންނަންވީ ކީކޭތޯ؟"
"ހަމަ މިހާރު ތިކަން ހުއްޓާލާށޭ ބުނޭ. އަދި ތިޔަ ކައިވެނި ކުރެވިދާނޭވެސް ބުނާތި. އެކަމަކު ކުރެވޭނީ ސަންދޯކެއްޖަހާ މިގެއަށް ވައްދާފައޭ ބުނާތި."
ބައްޕަގެ ފުށުން ލިބުނު ޖަވާބުން ރަމީޒުގެ ލޭ ކެކިގެން ދިޔައެވެ. ގޮތް ދޫނުކުރުމުގެ ޚިޔާލުތައް އިތުރަށް ހިތުގައި ރޭވިގެންދިޔައެވެ. ކޮންމެ ގޮތަކުންނަމަވެސް ސަނާއާ އިނުމަށް އޭނާ ޤަޞްދުކުރިއެވެ. އެކިފަހަރުގެ މަތިން އެކުވެރި ރަޙުމަތްތެރިން ދީފައިވާ ނަސޭޙަތް ހިތުން ނެރެ ބޭރުކޮށްލިއެވެ. އެއިން އެއްވެސް ކަމަކާ އޭނާ ވިސްނާކަށް މިހާރު ބޭނުމެއްނޫނެވެ. އޭނާގެ ގޮތަކީ ކުރަން ޤަޞްދުކޮށްގެން އުޅޭކަމެއް ކާމިޔާބު ކުރުމެވެ. ވަކި މިކަމުގައި އޭނާ ބަލިވާންވި ސަބަބެއް ނުވިސްނުނެވެ. އޭނާގެ ޢަޒުމްތައް ނުހަނު ވަރުގަދައެވެ. ސަނާގެ ޙައްޤުގައި އޭނާއަށް މިހާރު ކޮންމެފަދަ ކަމެއްވެސް ކުރެވިދާނެއެވެ. ފަހަށް ވިސްނުމަކީ އޭނާގެ ޟަމީރު އެއްބަސްވާނޭ ކަމެއްނޫނެވެ. އެކަމެއް އެދޭގޮތަކަށް އެވަގުތަކު އޭނާއަށް ކުރެވެން ޖެހޭނެއެވެ. އެހެންނޫނީ އޭނާއަކީ ފުރިހަމަ ފިރިހެނަކަށްވެސް ނުވާނެއެވެ. މައިންބަފައިންގެ ނިންމުންތަކަށް "އާނބަސް" ދޭ ޒަމާން މިހާރު މާޒީވެދިޔައީއެވެ. މިހާރު މިއީ އަމިއްލަ އިޚުތިޔާރުގެ ޒަމާނެވެ. މިނިވަން ޚިޔާލުތަކުގެ ޒަމާނެވެ. މިނިވަން ސިޔާސަތު ކަނޑައެޅުމުގެ އިޚުތިރާރު ލިބިގެންވީ ޒަމާނެވެ.
ރަމީޒު އޭނާގެ ޢަޒުމްތައް ވަރުގަދަ ކުރަމުން އެނދުން ތެދުވިއެވެ. މަޑު ހިނގުމެއްގައިގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓެވުނެވެ. އޭނާގެ ކުލަ ބަދަލުވެފައިވާ ސޫރަ ލޯގަނޑުން ފެނުމުން ސިހުނެވެ. މީގެކުރިން ދުވަހަކުވެސް އޭނާގެ ސޫރަ މިސިފައިގައި ފެނިފައެއްނެތެވެ. ރުޅިވެރިކަމާއި ނަފުރަތަކީވެސް މީހާގެ ސިފަ ބަދަލުކުރުވާ އެއްޗެއްކަމެއް އޭނާ ނުދެނެހުއްޓެވެ. ނަމަވެސް އޭނާގެ މިސިފައަކީ ސަބަބެއްނެތި ބަދަލުވެފައިވާ ސިފައެއްނޫނެވެ.
ރަމީޒު ފާޚާނާއަށް ވަދެ މޫނު ދޮވެލުމަށްފަހު ތާޒާވެލިއެވެ. ހިތުގައި ރޯވަމުންދާ އަލިފާންގަނޑަށް ކޮންމެވެސް މިންވަރެއްގެ ފިނިކަމެއް ލިބިގެންދިޔަ ކަހަލައެވެ. ބަނޑުހައިވެފައިވާއިރުވެސް ސައިބޯން ދާހިތެއްނެތެވެ. ކޮޓަރީގެ ކުޑަ ދޮރުން ބޭރަށް ބަލަހައްޓައިގެން ހުރެވުނީ ކިހާއިރެއްވަންދެންކަމެއްވެސް ނޭނގުނެވެ. އޭނާގެ ސިކުނޑީގައި ވަށާ ޖެހެމުންދަނީ މިއަދު ނަޝީދު ގެނެސްދިން ބައްޕަގެ ވާހަކަތަކެވެ.
ރަމީޒުގެ ދެއަތް ނޭނގޭ ބާރަކުން މުށްކަވާ ލެވުނެވެ. އެއާއެކު އޭނާއަށް ބުނެލެވުނެވެ. ބައްޕާއެވެ! އަހަރެން މިހުރީ ހަތަރު އުދަރެސް ފެނު ޖެހިފައެވެ. ލޯބީގައި ހަތަރު އަނގޮޅިއެއްގެ ކަންމަތީގައެވެ. ކުރިއަށް ފިޔަވަޅު ބަހައްޓަންވީ ދިމާއަށް ވިސްނަވިސްނާވެސް ނުވިސްނުނެވެ. އަހަރެންގެ ކައިވެންޏަށް ބައްޕަ ނުޤަބޫލުވާ ސަބަބެއް ނުވިސްނެއެވެ. އަހަރެންގެ ލޯތްބަށް ތިވާ ނަފުރަތެއް ނޭނގުނެވެ. ޢާއިލާއެއްގައި ހިމެނޭ ހުރިހައި ކުދިންނަކީ އެއްގޮތް ބައެއްނޫނެވެ. އެގޮތަށް ވިސްނުމަކީ ގޯހެކެވެ. ތިކަމުގެ ސަބަބުން ހުލިވަމުން މިދަނީ އަހަރެން ދިއްލި ލޯބީގެ ހުޅުކޮޅެވެ. ފުނޑުފުނޑުވަމުން މިދަނީ އަހަރެންގެ އަމިއްލަ ދެއަތުން ބިނާކުރި ލޯބީގެ ގަނޑުވަރެވެ.
ރަމީޒުގެ ޚިޔާލުތައް މެދުކެނޑިގެން ދިޔައީ ކޮޓަރީގެ ދޮރުގައި މީހަކު ދެމުންދިޔަ ޓަކީގެ އަޑެވެ. ކުއްލިއަކަށް ރަމީޒަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. ދެ ޚިޔާލެއްގައި ހުރެގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ބައްޕަ ފެނުމުން ރަމީޒަށް ކުއްލި ޙައިރާންކަމެއް ލިބިގެން ދިޔައެވެ. ދެބަފައިންނަށް ބަލެމުން ދިޔައީ ނުދަންނަ ދެމީހަކު ބައްދަލުވީމާ ބެލޭ މިސާލުގައެވެ.
"ދަރިފުޅާ! އަދި ނުވެސް ކަމެއްނޫން! ހިނގާ ކާން ދާން!"
"ކާ ހިތެއް ނެތް." ނުރުހުންތެރި އެހެނަސް މަޑުމޮޅި ރާގެއް ރަމީޒުގެ އަނގައިން ބޭރުވިއެވެ.
"މިއަދު ހިނގާދިޔަ ކަންތަކާމެދު ދަރިފުޅު ތިޔަހުރީ މާބޮޑަށް ރުޅި އިސްވެފާދޯ! އެކަމާ ނުވިސްނާ! މިހާރު ދަރިފުޅުގެ އިޚުތިޔާރަށް ހުރިހައި ކަމެއް ދޫކޮށްލައިފިން. މައިންބަފައިންގެ ނިންމުމަކީ މިހާރުގެ ދަރިންނަށް މާ ބޭނުން އެއްޗަކަށް ނުވޭ." އަޙުމަދުފުޅު ބުނަން ބޭނުން ނުވިޔަސް ހިތުތެރޭގައި އޮތް އެއްޗެއް ބޭރުކޮށްލިއެވެ.
"ބައްޕަޔަށް ވިސްނުނީތީ އަޅުގަނޑު ވަރަށް އުފާވެއްޖައިން. ސަނާއަކީ ބައްޕަ ތިޔަ ހީކުރާ ޒާތުގެ ކުއްޖެއްނޫން." ރަމީޒުގެ ކުލަ ބަދަލުވެފައިވާ މޫނު އަލިވެގެން ދިޔައެވެ.
"ދެން ދަރިފުޅަށް ކޮށްދެންވީ ކޮން ކަމެއް؟"
"އިތުރު އެއްވެސް ކަމެއް ބޭނުމެއްނޫން. ބޭނުންވެގެން އުޅުނީ ބައްޕަގެ ރުހުން."
"ތިޔައީ ސައިވެސް ނުހަދާ ކައިވެންޏަކީތަ!" މަލާމާތުގެ ރާގެއް އަޙުމަދުފުޅުގެ އަނގައިން ނިކުތެވެ.
"ޕާޓީ ބާއްވާކަށް ގަސްތެއް ނުކުރަން. އެހެންނޫނަސް މީހުން މިޒާތުގެ ކަންތައް ކޮށް އުޅެނީ އުފާވެރި ކައިވެނިތަކުގާ."
"ބުނަން ތިއުޅެނީ ކުރަން ތިޔަ އުޅޭ ކައިވެންޏަކީ އުފާވެރި ކައިވެންޏެއް ނޫނޭތަ! މިހާރު ބައްޕަގެ ބަސް އޮންނާނީ އިވިފާ. ތިޔަހެން ކަންތައް ކުރީމާ ބައްޕައާ ދޭތެރޭ މީހުން ދެކޭނީ ކިހިނެއް؟ ބައްޕަ ދަންނަ އެންމެންވެސް ހީކުރާނީ ބައްޕަ ނުރުހުންވީމާ އެކަން އުނިކުރީއޭ. އެއްގޮތަކަށްވެސް ތިޔަހެން ހަދައިގެން ނުވާނެ. ކުރަންޖެހޭ ހުރިހައި ކަމެއް ޖެހޭނީ ކުރަން."
"ބައްޕަ ތިހެން ބުންޏަސް ތިޔައީ ހެޔޮ ހިތުން ބުނާ ވާހަކައެއްނޫން."
"އެކަން މިހާރު އަނބުރާ ގެނެސްފީމޭ ބުނެވިއްޖެދޯ! އިތުރަށް ދެން ތި ވާހަކަ ދައްކައިގެން ހިތް ގޯސް ކުރުމުގެ ބޭނުމެއް ނެތް." ބައްޕަގެ ފަހަތުން ރަމީޒު ހިނގައިގަތެވެ.
....................
ރަމީޒާއި ސަނާގެ ކައިވެނި ކުރެވިއްޖެއެވެ. ކައިވެނީގެ ޙަފްލާއަށް ރަމީޒުގެ ޢާއިލީ އެއްވެސް މެންބަރަކު ޙާޟިރު ނުވުމުން ސަނާގެ ހިތް ނުތަނަވަސްވިއެވެ. ޚާއްޞަކޮށް ރަމީޒުގެ ބައްޕަ މިކައިވެންޏާ ނުރުހުންވާވަރު އިޙުސާސް ކުރެވުނެވެ. އެވާހަކަ ރަމީޒު ގާތުގައި އަހާލަންވެސް ސަނާ ޖެހިލުންވިއެވެ. ކައިވެންޏަށްފަހު އޭނާއަށް އެގޭގައި އުޅޭނެ ގޮތެއްވެސް ނުވިސްނެއެވެ.
ރަމީޒުގެ ޢާއިލާގެ ފުށުން މި ފެނިގެންދިޔަ މަންޒަރުން ސަނާގެ ހިތް ގޯސްވާން ފެށިއެވެ. އޭނާއަކީ ކޮން ފެންވަރެއްގެ ކާކުކަން އަންގާލަން އޭނާ ޢަޒުމް ކަނޑައެޅިއެވެ. އޭނާއަކީވެސް ފުރިހަމަ އަންހެނެއްކަން ދައްކާލަން ބޭނުމެވެ. އެފުރުޞަތު އޭނާއަށް ލިބިދާނެ ބާވައެވެ؟ ނުލިބޭންވީ ސަބަބެއްނެތެވެ. އޭނާ ދެކޭގޮތުގައި ގޭގެ ތަޅުދަނޑިފަތި އޮންނަން ޖެހޭނީ މިހާރު އޭނާގެ އަތުގައެވެ. ހުރިހައި އާރަކާއި ބާރެއް އޮންނަން ޖެހޭނީ މިހާރު އޭނާގެ އަތްމަތީގައެވެ. އޭނަޔަކީ ހަމައެކަނި ހުރި ފިރިހެން ދަރިފުޅުގެ ޅީގޮއްޔެވެ.
"ނޫރާނީވިލާ" އަށް އައުމާއެކު ސަނާގެ އުއްމީދުތައް ފެނަށްވެގެން ދިޔައެވެ. ގެއިން މަރުޙަބާކީ ސަނާ އުއްމީދުކުރި ގޮތަކަށްނޫނެވެ. ރަމީޒުގެ ކޮޓަރިއަށްގޮސް ވަންނަން ޖެހުނީ ދުރު ހިލޭ މީހަކުގޮސް ވަންނަ ފަދައިންނެވެ. ގޭގައި އެއްވެސް އުފާވެރިކަމެއްނެތެވެ. ރަމީޒުގެ ކޮޓަރި ތެރެއަށް ވަނުމާއެކު ސަނާއަށް ފުން ނޭވާއެއް ލެވުނެވެ. ކޮޓަރީގެ ފާރުތަކަށް ވަށައިގެން ބަލައިލެވުނެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ފާރުގައި ހަރުކޮށްފައިހުރި ފޮޓޯ ލޯގަނޑުގައެވެ. ވަރަށްވެސް ސާދާ ތަޞްވީރެކެވެ. ތުއްތު ފިރިހެން ކުއްޖަކާއި ދެވަން ފުރައިގެ ފިރިހެނެއްގެ ތަޞްވީރެކެވެ. ތުއްތު ކުއްޖާވަނީ ފިރިހެނާގެ އަތުތެރޭގައެވެ. ދެމޫނުވަނީ ޖެހިފައެވެ. ތަޞްވީރުން ފެންނަގޮތުންނަމަ ތުއްތު ކުއްޖާއަށް ވާނީ ދޭއް ނުވަތަ ތިން އަހަރެވެ. ވަށްވަށް މޫނެކެވެ. ލޯލި އިސްތަށިގކޮޅެކެވެ. އަޅައިގަންނަހާ ރީތި ހިނިތުންވުމެކެވެ. ހެވިފައި އިންއިރު އަނގައިގެ ހުރިހައި ދަތްތައް ފެންނަން ހުއްޓެވެ. ސަނާގެ ބެލުންތަކަށް ހިމޭންކަން ގެނުވީ ރަމީޒެވެ.
"މާ ވަރަކަށް ތި ބަލަނީ ކޮން އެއްޗެއް؟"
"އެހެރަ ފެންނަ ފޮޓޯ ލޯގަނޑު" ތަޞްވީރަށް އިނގިލި ދިއްކުރަމުން ސަނާ ހިނިތުންވެލިއެވެ.
"އެއީ އަހަރެންގެ ކުޑައިރުގެ ހަނދާނެއް" ރަމީޒު ފޮޓޯ ލޯގަނޑަށް ބަލައިލަމުން ބުންޏެވެ.
"ދެން އެހުރީ ކޮން ފިރިހެނެއް؟"
"އެއީ ބައްޕަ! އަހަންނާ ވައްތަރުދޯ!"
"އާނ! ވަރަށް ވައްތަރު. އެކަމަކު ހަމައެކަނި ސިފަދޯ!" ސަނާ ބުނި އެއްޗެއް ރަމީޒަކަށް ނޭނގުނެވެ.
"ތިޔަ ބުނި އެއްޗެއް ނުވިސްނުނު."
"މި ބުނީ ބޭރުފުށުން ދެބަފައިން ވަރަށް ވައްތަރޭ. އެކަމަކު އުޅުން އުޑާއި ބިމާހާ ތަފާތުދޯއޭ!"
"އެކަން ސަނާއަށް އެނގުނީ ކިހިނެއް؟" ރަމީޒުގެ ސުވާލު ސަނާއަށް އަމާޒުކުރިއެވެ.
"ކުރިން އެއްކަމެއްވެސް ނޭނގޭ. އެކަމަކު ކައިވެނީގެ ތެރޭގައި ވަރަށް ގިނަ ކަންތައްތައް އެނގިގެން ހިނގައްޖެ."
"ސަނާއަށް އެނގުނީ ކޮން އެއްޗެއް؟"
"ރަމީއަކީ ގޮތް ދޫނުކުރާ ފިރިހެނެއްކަން. ބައްޕައަކީ ވަރަށް ގޮތުގައި ހުންނަ މީހެއްކަން. އަހަރެމެންގެ ކައިވެންޏާ ބައްޕަ މާގަޔާނުވާކަން." ސަނާ، ރަމީޒާ ފުރަގަސްދިނެއެވެ.
"ތިޔަކަންވީ ތިޔަހެން. އަހަރެމެންގެ ކައިވެންޏަށް ކުރިން ބައްޕަ އެހާ ޤަބޫލެއްނޫން. އެކަމަކު ފަހުން ބައްޕަ ހުރީ ހިތްހަމަ ޖެހިފާ. މިހާރު ބައްޕަގެ އެއްވެސް ނުރުހުމެއް ނެތް."
"ނުރުހުން ނުވާނަމަ އަހަރެމެންގެ ކައިވެނީގެ ޙަފްލާއަށް ބައްޕަ އަންނާނެ. އެއިން އަހަންނަށް އެނގުނީ ބައްޕަ ހިތްހަމަނުޖެހޭކަން."
"ޕާޓީއަށް ބައްޕައަށް ނާދެވުނީ އެހެންވެގެންނޫން. ބައްޕައަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހެއް. ބައްޕައަކީ އެ ރިސޯޓުގެ މާސްޓަރ ޝެފް. އެހެންކަމުން އެވަގުތު އުޅެން ޖެހުނީ ވަރަށް ބުރަކޮށް. ފޯންކޮށްފައި އެގަޑީގައި ދެވެން ނެތް ވާހަކަ ކުރިން އަހަންނަށް އެންގި. ސަބަބަކީ މިރޭ ރިސޯޓުގައި އޮންނަ ބުފޭ ނައިޓު. މާގިނަ ތަކެތި ތައްޔާރު ކުރަން ޖެހޭތީ ވަގުތު ނެތީކަމަށް ބައްޕަ ބުނި."
"އެހެންދޯ! ތިމާގެ ހުރި ހަމައެކަނި ފިރިހެން ދަރީގެ އަލަތު ކައިވެނީގެ ޙަފުލާގައި ބައިވެރިނުވެ އެ އައިޓަމް ކެންސަލްކޮށްލާނީ ވަރަށް މުހިއްމުވީމަ." މަލާމާތުގެ ބަސްތަކެއް ސަނާ އުކާލިއެވެ.
"ހުއްޓާލާ! ތި ވާހަކަތަކުން މި އުފާވެރި ރޭ ހަރާބުކޮށްލާކަށް ނެތިން. ބައްޕަޔާ ދޭތެރޭ ސަނާ ކޮންމެ ގޮތަކަށް ދުށްޓަސް ބައްޕަވާނީ ހަމަ ބައްޕައަށް. އެއީ މަޔަކާ ނުލާ އަހަރެން ބަލާ ބޮޑުކުރި ބައްޕަ. އެގޮތުން ބައްޕައަށް އަހަރެން އިޙުތިރާމު ކުރަން."
"ރުޅި އައީތަ! ތިހާ އަވަހަށް ރަމީ ރުޅި އަންނަކަމެއް ކުރިއަކުން އަހަރެން ނުދެނަހުރިން."
"ތިހާ އަވަހަށް މީހުންނާމެދު ސަނާ ހިތް ގޯސްވާކަމެއްވެސް ކުރިން އަހަންނަކަށް ނޭނގޭ."
"އެހެންވީރު އަހަރެމެން ދެމީހުންގެވެސް އިޞްލާޙުވާންޖެހޭ ކަންތައްތަކެއް އެބަހުރި." ރަމީޒު މިފަހަރު ވާހަކަ ދެއްކީ ސަނާއަށް އެއްޗެއް ވިސްނައިދެވޭތޯއެވެ.
"އެއީ އަހަރެން އެހެން ބުނި އެއްޗެއްނޫން. ބައްޕަޔާމެދު އަހަރެންގެ ހިތުގައި އެއްވެސް ނަފުރަތެއް ނެތް. ރަމީގެ ބައްޕަ ވާނީ ހަމަ އަހަރެންގެވެސް ބައްޕައަށްތާ! ހަނދާން ނެތިފައޭ މިހުރީ. މިހާރު ބައްޕަ ކޮބާ؟" ކުރިން ދައްކަމުންދިޔަ ވާހަކައިގެ މައުޟޫޢު ސަނާ ބަދަލުކޮށްލިއެވެ.
"ރިސޯޓުން ބައްޕައަށް މާލެ އާދެވޭއިރު ހުންނާނީ ގާތްގަނޑަކަށް 10 ޖަހާފަ. އަނެއްކޮޅުން ފަތިހު 5:30 ގައި އެކޮޅަށް ދިއުމަށް ފުރާނެ. ގިނަ ފަހަރަށް ބައްޕަޔާ ބައްދަލުވާނީވެސް ރޭގަނޑު."
"ތިޔައީ ހާދަ އެހެން ކަހަލަ ވަޒީފާއެކޭދޯ! ތިހެންވީއިރު ރަމީގެ ކެއުމުގެ ކަންތައްތައް ހަމަޖައްސަނީ ކިހިނެއް؟"
"ޢާއްމުގޮތެއްގައި އަހަރެން ގެއިން ކައި އުޅެނީ ދެވަގުތެއްގާ. އެއީ ހެނދުނާއި ރޭގަނޑު.ގިނަ ފަހަރަށް ރޭގަނޑުގެ ކެއުން ކައި އުޅެނީ ބައްޕަ ރިސޯޓުން އައީމާ. ބައްޕަ އަންނައިރު އަންނާނީ ކާނެ ތަކެތި ހިފައިގެން." ސަނާގެ މޫނަށް ބަލައިލަމުން ކެއުމުގެ ތާވަލު ހަމަޖެހިފައިވާގޮތް ރަމީޒު ކިޔައިދިނެއެވެ.
"ދެން އެހެން ވަގުތުތަކުގައި ކައިބޮއި ހަދަނީ ކިހިނެއް؟"
"ހެނދުނު ސައިބޮނީ އަމިއްލައަށް ތައްޔާރުކޮށްލައިގެން. ދެން އެހެން ވަގުތުތަކުގައި އޮފީހުގައި އުޅެމުން."
"ވަރަށް ސާދާ ދިރިއުޅުމެއް. އަހަރެން ބަލިވެއްޖެނަމަ ރަމީ އެހުރިހައި ކަމެއް ކޮށްދޭނަންދޯ!"
"ގައިމުތާ! ހެޔޮހިތުން ކޮށްދޭނަން."
"ވަރަށް އުފާވެއްޖެ. އަހަރެން ދާނެ އޮފީހެއްވެސް ނުހުންނާނެ. އެހެންވީމާ އަހަރެންނަށް ބޭރުން ލިބޭނެ ކެއުމެއްވެސް ނޯންނާނެ."
"ގޭގައި ތިބޭ އަނބިން ވަޒީފާއަށް ދިއުމަކީ ބައްޕަ މާރުހޭ ކަމަކަށް ނުވޭ. މަންމަ ދުނިޔޭގައިވެސް ވަޒީފާއަކަށް ވަންނަން ވަރަށް ބޭނުންވި. އެކަމަކު ބައްޕަ އެކަމާ ހިތްހަމަނުޖެހޭތީ ގޭގައި އިނީ. ގޭގެ ވަޒީފާއަކީ ތިހުރިހާ ވަޒީފާއަށްވުރެވެސް ބުރަ މުހިއްމު ވަޒީފާއެކޭ ބައްޕަ ބުނާނެ."
"ރަމީ އެކަން ޤަބޫލު ކުރަންތަ!" ރަމީޒަށް ބަލައިލަމުން ސަނާ ބުންޏެވެ.
"އާނ! ވަރަށް ބޮޑަށް އެކަން ޤަބޫލު ކުރެވޭ. މިހާރު އެކަން މާބޮޑަށްވެސް އިޙުސާސް ކުރެވޭ. އަހަރެންގެ ހުރިހައި ކަމެއްވެސް ކޮށްދެނީ ބައްޕަ. ބައްޕަ އެހާ ބުރަކޮށް އުޅެމުން އަހަރެންގެ ކަންތައްތައް ފުރިހަމަކޮށްދެނީ ހެޔޮހިތުން. އެއަކީ މިޒަމާނުގައި އެހެން އެއްވެސް ބައްޕައަކަށް ކުރެވޭނޭ ކަމެއްނޫން. އަހަރެން މިހާ އަވަހަށް ކައިވެނި މިކުރީވެސް ބައްޕައަށް ލުއި ކޮށްދޭންވެގެން. ބައްޕަ އަހަންނަށް ކޮށްދެމުން ގެންދާ ކަންތައްތައް އަހަރެންގެ ފުށުން ބައްޕައަށް ކޮށްދޭންވެގެން."
ތިޔައީ ދުވަހަކުވެސް ދަރަނި އަދާކޮށް ނިމޭނޭ ކަމެއްނޫންކަމަށް މީހުން ބުނާތީ އަހަން."
"އެއީ ރަނގަޅު ވާހަކައެއް. މައިންބަފައިން ދަރިންނަށް ކޮށްދީފައިވާ ކަންތައްތަކުގެ ބަދަލެއް ޢުމުރު ހުސްވެދިޔަސް އަހަރެމެންނަކަށް އަދާކޮށެއް ނުދެވޭނެ. އެއީ އެއަށްވުރެ މާތް ބައެއް."
"ބައެއް މައިންބަފައިންނަށްދޯ!" ސަނާގެ ޖުމްލައިން ރަމީޒުގެ ޙައިރާންކަން ބޮޑުވެގެންދިޔައެވެ.
"ނޫން! ހުރިހައި މައިންބަފައިންވެސް. އެއްވެސް މަޔަކު، ބަފަޔަކު މިކަމުގައި އިސްތިސްނާވެގެން ނުވޭ." ރަމީޒުގެ އަޑުގައިވަނީ އަސަރެވެ.
"ހެނދުނު ހެނދުނާ ހޭލަންޖެހޭއިރު ދެން ނިދަމާ ހިނގާ. މިހާރު އެހެރަ 10 ޖަހާ ބޮޑުވީ." ސިޓިންރޫމުގައިވާ ގަޑިއަށް ބަލައިލަމުން ސަނާ އާފުރުނެވެ.
"އަހަރެން އޮށޯންނާނީ ބައްޕަ އައީމާ. ސަނާ ނިދި އަތުވެއްޖެއްޔާ ނިދާލަންވީނު. އަހަރެން ނިދައިފިއްޔާ ބައްޕަ އަންނައިރު ވަރަށް އެކަނިވެރިވާނެ. ހީވާގޮތުން މިހާރު ބައްޕަވެސް އުޅޭނީ ދަތުރުމަތީގާ. ސަނާ އަދި ބައްޕަޔާ ބައްދަލުވެސް ނުވޭނު. ރަނގަޅީ ބައްޕަޔާ ބައްދަލުވެލުމަށްފަހު ނިދުން." ރަމީޒަށް ފެންނަގޮތުގެ ޚިޔާލު ސަނާއަށް ހުށަހެޅިއެވެ.
"މިގޭގައި އުޅޭއިރު މިރޭ ދެން ބައްދަލުނުވިޔަސްފަހުން ބައްދަލުވާނެތާ! އަހަންނަށް ފެންނަނީ މިރޭ ދެން ނިދާލަން." ސަނާގެ ކިބައިގައިވާ ފަރުވާކުޑަކަން ފެނި ރަމީޒުގެ ހިތް ނުތަނަވަސްވިއެވެ.
"އެކަމަކު ކައިވެނީގެ ފުރަތަމަ ރޭ އަހަރެން އެކަނި ބައްޕަގެ އިންތިޒާރުގައި އިނީމާ ބައްޕަ ހީކުރާނީ ކީކޭ؟"
"ކޮންމެ ގޮތަކަށް ހީކުރިޔަސް ހެޔޮ. މިދެން އެހާވަރުގެ ކަމެއްތަ! އަހަރެމެންނަށް ތިހާ ހެޔޮ އެދޭ ބައްޕައެއްނަމަ މިރޭ ގޭގައި މަޑުކުރީސްކަން ޔަޤީން."
"ސަނާ! ތިޔައުޅެނީ ކީކޭ ކިޔަން ކަމަށްތަ!" ރަމީޒު ސީރިއަސްވިއެވެ.
"މި އުފާވެރި ރޭވެސް އެހެން މީހެއްގެ ސަބަބުން ޚަރާބުވާކަށް އަހަރެން ނޭދެން."
"އެއީ ދުރުހިލޭ މީހެއްނޫން. އަހަރެން ދެލޯ ނޭދި އެދޭ ބައްޕަ. ކޮންމެ ރެއަކު އަހަރެން މި އިންތިޒާރުގައި އިންނައިރު ސަނާއަށް ތިޔަ އުޅެނީ އެންމެ ރެއަކުވެސް މަޑު ނުކުރެވިގެން."
"މިއީ އިންތިޒާރު ކުރުމެއްނޫން." ސަނާވެސް ރުޅިވެރިކަން ފާޅުކުރިއެވެ.
"ނިދިއަތުވެއްޖެ. ނީނދެވޭނެ" ސަނާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ރަމީޒު އެމަންޒަރަށް ބަލަހައްޓައިގެން އިނެއެވެ.
-ނުނިމޭ