އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުން އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކުރީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

އަކްރަމްގެ މައްޗަށް ތުހުމަތު ކުރެވެނީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް އަކްރަމް އެކަން ދޮގުކުރައްވައެވެ.

އަކްރަމް ވިދާޅުވީ އެޒާތުގެ އެއްވެސް ކަމެއް މުވައްޒަފަކާ މެދު އޭނާ ކޮށްފައިނުވާނެ ކަމަށެވެ.

ކޮމިޓީ ބައްދަލުވުންތައް ކުރިއަށްގެންދިޔައީ ސިއްރުންނެވެ. އެހެންވެ އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ކޮމިޓީގެ ފަރާތުން ހިއްސާކޮށްފައެއް ނުވެއެވެ.