މުޅިން އައު ރެއެކެވެ. ރަމީޒާއި ސަނާގެ ކައިވެންޏަށް އައްޑުވަސް ފުރިހަމަވި ރެއެވެ. ގަޑިން 10 ޖަހާ ބޮޑުވީއެވެ. ރަމީޒުގެ ދެމަފިރިންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. ރަމީޒު ސަނާއަށް ނަފުރަތުގެ ލޮލަކުން ބަލަހައްޓައިގެން އެނދުމަތީގައި އޮތެވެ. އޭނާގެ ޚިޔާލުތައް ދަތުރު ކުރަމުންދިޔައީ ސަނާގެ ކިބައިން ފެންނަމުންދާ ފަރުވާކުޑަ ސިފައަށެވެ. ދިރިއުޅުމުގައި އެއްވެސް ހަރުދަނާ ކަމެއް ނެތުމުން ހިތަށް ކުރަމުންދާ އަސަރާ މެދުގައެވެ. ބައްޕަޔާމެދު ފެންނަމުންދާ އަޅާލުންކުޑަ ކަމާމެދުގައެވެ. މިޚިޔާލުތަކުން ރަމީޒު ސިހިގެން ދިޔައީ ސަނާގެ ބަރު އަޑަށެވެ.

"އަހަރެން ވާހަކައެއް ބުނެދީފިއްޔާ ރަމީ ޤަބޫލު ކުރާނަންތަ!"

"ޤަބޫލު ކުރެވޭވަރުގެ ވާހަކައެއްވިއްޔާ ޤަބޫލު ކުރާނަން."

"އަހަރެންގެ ހިތް ބުނަނީ ރަމީއާ އިނދެގެން މިގޭގައި އަހަންނަށް ދުވަހަކުވެސް ހިތްހަމަޖެހުމެއް ނުލިބޭނެހެން."

"އެއީ ކީއްވެ؟."

"އެވާހަކަ ކިޔައިދޭން މިއުޅެނީ. ރަނގަޅަށް އަޑުއަހާލައިފިއްޔާ ޙައިރާން ކުރުވަނިވި ވާހަކައަކަށް ވާނެ."

"އަޑު އަހަން މިއޮތީ. އަވަހަށް ފައްޓާ!."

"ރަމީގެ ބައްޕަ ރަމީގެ ކައިވެންޏަށް ނަފުރަތުކުރީ ކީއްވެގެންކަން ބުނެދީފާނަންތަ!"

"ތިޔަ ސުވާލުގެ ޖަވާބު އަހަންނަށް ދޭކަށް ނޭނގޭ. އަދި ކީއްވެގެންކަންވެސް ނުވިސްނޭ." ރަމީޒުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

"ނުވިސްނޭނެ. އެއީ ފޮރުވިފައި އޮތް ސިއްރެއް."

"އާނ! ރަމީގެ ބައްޕަ އަހަރެމެންގެ ކައިވެންޏަށް ނަފުރަތުކުރީ ސަބަބުތަކެއް އޮވެގެން. އަދި އަހަރެންގެ ޢާއިލާއަށްވެސް ނަފުރަތު ކުރަނީ ޒާތީ ކަންތައްގަނޑެއް ވަދެފައި އޮތީމަ. އެކަމަކު އަހަރެންގެ ކުށަކީ ކޮބާ؟"

"ބުނެދޭން ތިއުޅޭ އެއްޗެއް އަހަންނަކަށް ނުވިސްނުނު."

"މިވާހަކަ ރަމީ ގާތުގައި އަހަރެން ކިޔައިދޭނީވެސް ކިހިނެއް؟"

"އަނތްބަކު ފިރިއެއްގެ ގާތުގައި ކިޔައިނުދެވޭވަރުގެ ވާހަކައެއް އޮވެދާނެކަމަކަށް ނުވިސްނޭ."

"މިވާހަކަ ކިޔައިދޭން ވަރަށް ހިތްވަރުކޮށްފިން. އެކަމަކު މިވާހަކަ ބުނެފީވިއްޔާ ރަމީ އަހަންނާމެދު ދެކޭގޮތް ބަދަލުވުމަކީ އެކަށީގެންވާ ކަމަކަށްވާތީ ފަސްޖެހެވެނީ."

"އަހަރެން ބަދަލުނުވާނެކަން ސަނާއަށް ހަމަ ރަނގަޅަށް އެނގޭނެ."

"އެކަމަކު އަހަރެންގެ އަނގައިން ބޭރުކޮށްލެވޭ އެންމެ ލަފުޒަކުންވެސް ރަމީ އަހަންނާ ފޭވެދާނެކަމުގެ ބިރު އެބައޮތް."

"ތިޔަވަރުގެ ވާހަކައެއް ސިއްރުވެފައި އޮންނަންޖެހިދާނެ ކަމަކަށް ނުވިސްނޭ."

"ޙާލަތު ނިޔާކުރާގޮތުން ސިއްރު ކުރަން މަޖުބޫރުވެދާނެ."

"އަހަންނަށް ތިޔަ ކިޔާ އެއްވެސް އެއްޗެއް ނުވިސްނޭ." ރަމީޒުގެ މޫނު މައްޗަށް ރުޅިވެރިކަމުގެ އަސަރުތައް ވެރިވިއެވެ.

"އެނގޭތަ! ކައިވެނީގެ ރަސްމިއްޔާތުގައި އެކަކު މަދުކަން."

"އާނ! އެއީ ބައްޕަދޯ!."

"ހަމައެކަނި ރަމީގެ އެކަނި ބައްޕައެއް ނޫން. އަހަރެންގެވެސް."

"އާނ! މިހާރު އެއީ ސަނާގެވެސް ބައްޕަ."

"މިހާރަކު ނޫން. މާކުރިންވެސް."

"ކިހިނެއް ތިޔަހެން ވާނީ. އަހަރެންގެ މީހަކަށް ސަނާ ނުހެދިނަމަ ބައްޕައެއް ކިޔުމުގެ ނަޞީބެއް ނުލިބޭނެ." ރަމީޒުގެ މޫނުމަތިން ހިނިތުންވުމެއްގެ އަސަރު ފާޅުވިއެވެ.

"ރަމީއަށް އެއްވެސް އެއްޗެއް ނޭނގޭތީ ދެރަވަން. އަދި މިދައްކާ ވާހަކަ އެއްވެސް ވަރަކަށް ރޭކާނުލާތީ ޢަޖައިބުވެއްޖައިން."

"އެއްޗެއް ނުވިސްނެނީ އަހަންނަށް. ތިޔަ ދައްކާ ވާހަކަ މީހަކަށް ދޭހަވާގޮތަށް ކިޔައިދީބަލަ."

"އަހަންނަކީ ކާކުކަން ރަމީޒު އޮޅުންފިލުވީމުތަ؟ އަހަރެންގެ ބައްޕަ ކޮބައިތޯ އެންމެ ފަހަރަކުވެސް އަހާލީމުތަ! "

"ސަނާގެ ބައްޕަ މިދުނިޔޭގައި ނެތްކަން އެނގޭއިރު އެ ސުވާލު ކުރުމުގެ މާނައެއް އެބައޮތްތަ!؟"

"ތިޔައީ ކާކު ބުނެދިން ވާހަކައެއް؟"

"އަހަރެންގެ ބައްޕަ ދުނިޔޭގައި އެބަހުރި. އަހަންނާ ވަރަށް ކައިރީގައި އެބަހުރި."

"އެހެންވީއިރު އަހަންނަށް ބައްޕަ ނުދެއްކީ ކީއްވެ؟." "ބައްޕަ ނުދެއްކިޔަސް ރަމީއަށް ބައްޕަ ހުންނާނީ ފެނިފަ. ބައްޕައަކީ ވަރަށް އެހެން ކަހަލަ މީހެއް.؟"

"ތިޔަބުނި އެއްޗެއް ނުވިސްނުނު." "ނުވިސްނޭނެ."

"ވިސްނޭގޮތަށް ތިޔަވާހަކަ ބުނީމަ ވިސްނޭނީ. ތިޔަ ކިޔަނީ އަރަތެއްހެން. ތީގެ ޖަވާބުވެސް ހޯދަންވީ އަހަރެން." "ޖަވާބު ވަނީ މިގޭ ތެރޭގާ."

"އޭނ! ކީކޭ! ތީ ކާކު ބުނެދިން ވާހަކައެއް. ތީ ހުސް ދޮގު." "ނޫން! ރަމީ! މީ ތެދު. ބައްޕައަށް ޙަޤީޤަތާ ކުރިމަތިލާން ނުކެރިގެން އެއުޅެނީ. ވަލަށް ފޯލި ޖަހާފައި ފިލީ. ހުރިހާ ވޭނަކަށް ތަޙައްމަލު ކުރީ އަހަރެންގެ މަންމަ. ބައްޕަ އަހަރެންގެ ޢާއިލާއަށްވާ ނަފުރަތަކީ އެއީ. އެނގިއްޖެތަ؟"

ރަމީޒުގެ ދުނިޔެ ހީވީ ބެދުނު ހެންނެވެ. ސަނާ އެދައްކާ ވާހަކަތަކުގައި ފޮރުވިފައިވާ ސިއްރެއް އޮތްކަމަށް އޭނާއަށްވެސް ޖެހުނީ ޤަބޫލު ކުރާށެވެ. ކައިވެންޏަށް ނުރުހުމުގެ އިތުރަށް ސަނާއާ ބައްދަލުވާކަށްވެސް ބައްޕަ ބޭނުމެއްނުވެއެވެ. އޭނާ ފެންނަ ފަށުގައި ހުންނާކަށްވެސް ހިތެއް ނޭދެއެވެ. ގުޅުން ބަދަހިކުރާކަށްވެސް ބޭނުމެއްނޫނެވެ.

"ތިޔަ ވާހަކަ ސަނާއަށް ކިޔައިދިނީ ކާކު؟" "ޚުދު އަހަރެންގެ މަންމަ."

"އެހެންވީއިރު ކައިވެނީގެ ކުރިން ތިޔަވާހަކަ ނުބުނީ ކީއްވެ؟ "

"ނޭނގޭތީ. އަހަންނަށްވެސް އެނގުނީ ކައިވެނީގެ ފަހުން. އޭރު ވަގުތު ފާއިތުވެއްޖެ. އެދުވަހުގެ ފަހުން ބަފާބޭގެ ކިބައިން ބަދަލު ހިފާނަމޭ ހިތުގައި އޮވޭ."

"ތިޔަ ބަދުނާމު ހަމައެކަނި ބައްޕަގެ ބޮލުގައި އެޅުވުމަކުން ނުފުދޭ. ތި ލައްގަނޑު ކަލޭގެ މަންމަގެ ފަސްބައިގައި ޖެހޭނީވެސް ސަބަބުތަކެއް އޮވެގެން. އިއްފަތްތެރިކަމެއްވެސް ނެތީމާ!."

"ރަމީ!....." ސަނާ ބާރަށް ހަޅޭއްލަވައިގަތެވެ.

"ހަޅޭއްލެވުމުގެ މާނައެއް ނެތް. ޝަރުޢީގޮތުން ސަނާއަކީ ބައްޕަގެ ދަރިޔަކަށް ނުވާއިރު އަހަރެމެންގެ ކައިވެންޏަކީ ޙަލާލު ކައިވެންޏެއް."

"ކައިވެނި ޙަލާލުވިޔަސް ޙަޤީޤަތް ފަރުދާއެއް ނުކުރެވޭނެ."

"ތިޔައީ ކަލޭމެން ދެމައިންގެ ރޭވުމަކަށް ނޫނީ ނުވާނެ."

"އަދިވެސް ކުށްވެރި މިވަނީ އަހަރެމެން ދެމައިންދޯ!"

ސަނާއާއި ރަމީޒުގެ ޒުވާބުގަނޑު މައްޗަށް ޖެހެމުން ދިޔައެވެ. މިއަޑު ކޮޓަރީގައި އަރާމު ނިދީގައި އޮތް އަޙުމަދުފުޅުގެ ނިދީގެ ހުރަހަކަށްވެގެންދިޔައެވެ.

"ސަނާއަށް ކެރޭނެތަ ތިކަން ޔަޤީންކުރަން." "ކާކުގެ ކިބައިން...." "އަހަރެންގެ ބައްޕަ މިތަނަށް ޙާޟިރު ކުރުވަންތަ.؟" "ތިހާ ހިތްވަރު އެބަހުރިތަ!"

"އާނ! އަހަންނަށް އަހަރެންގެ ބައްޕައާމެދު އިތުބާރު އެބައޮތް. އެކަމަކު ކަލޭއަކަށް މިހެން ބުނެލުމުގެ ޙައްޤެއް ނޯންނާނެ." "އެއީ ކީއްވެ؟"

"ތިޔަ ޢާއިލާއަކީ އެހާ އަބުރުވެރި ޢާއިލާއަކަށް ނުވާތީ."

ސަނާއާއި ރަމީޒުގެ ހިފުންތައް ހޫނުވެގެންގޮސް ގަދަ ހިފުމަކަށްވެގެން ހިނގައްޖެއެވެ. އައިސްތިބި ރުޅީގައި ސިޓިންރޫމަށް ވެސް ނިކުމެވިއްޖެއެވެ. މިއިވޭ އަޑުތައް އަހާކަށް އަޙުމަދުފުޅަށް ވެސް ކޮޓަރިއަކު ނުއެއް އޮވެވުނެވެ. ނިކުމެވުނީ ދަރިފުޅާއި ޅީ ގޮއްޔެގެ ކުރިމައްޗަށެވެ. "ބައްޕާ! މީދަ ގޮތް ނެތް އަންހެން ކުއްޖާ މިދައްކާ ވާހަކައެއް އަހަންނަށް ތެދުކޮށްދީބަލަ."

"ތިޔަވާހަކައެއް ބުނެދޭކަށް ބައްޕަ ބޭނުމެއްނޫން. މާކުރިންވެސް މި ވިލާގަނޑުގެ ފެން މިގޭތެރެއަށް ވެހޭނެކަން ވިސްނައިގެން ބައްޕަ މިހުރީ. އޭނާގެ މަންމަގެ ވިހަ ދުލުން އަހަންނޭ ކިޔައިގެން މުޅި ރަށުތެރެއަށް ފަތުރާލި ދޮގު ވާހަކަތައް އެއީ ބަފަޔަކު ދަރިޔަކަށް ކިޔައިދޭވަރަށްވުރެ ހުތުރު ވާހަކައެއް. ބައްޕައަކީ އެފަދަ ވިޔާނުދާ މީހެއްނޫން. އަދި އެއީ ކުރާނެ ކަމެއްވެސް ނޫން. އޭރު ބައްޕަ ހުރީ ކައިވެނީގެ ގޮތުން ގުޅެން ބޭނުންވެފައިކަމުގައިވިޔަސް އެކަން އެނގުނު ވަގުތުން ފެށިގެން އޭނަޔާ ފޭވެއްޖައިން. އެ ކެހިވެރި ދަލުގައި ނުޖެހި ދުރަށް ދިއުމުގެ ނަތީޖާއަކަށްވީ ހަޑި ހުތުރު ބަދުނާމެއް ބޮލުގައި އަޅުވާ ރަށަށް ބޭޒާރުކޮށްލުން. އެކަން ވަރަށް ރަނގަޅަށް ކުރި. އެދުވަސް މިހާރު މާޒީވެ ހިނގައްޖެ. ތަޤުދީރު މިރޭ މިގޮތަށް ބައްޕަޔާ ބައްދަލުކުރާނެ ކަމަކަށް ހުވަފެނުންވެސް ނުދެކެން. ދަރިފުޅުގެ ކައިވެންޏަށް ބައްޕަ ނަފުރަތުކުރި ސިއްރަކީ އެއީ. އެކަމެއް ދުވަހަކުވެސް ނުފިލާނެ. އެކަމަކު ދަރިފުޅުގެ އުފަލަށްޓަކައި ބައްޕަ ޤަބޫލުވީ ހިތުން ރުހުމަކުންނޫން. ދެން އިތުރަށް އެވާހަކަ ދައްކައިގެން ދިރިއުޅުން ހަލާކު ކުރުމުގެ ބޭނުމެއް ނެތް." އަޙުމަދުފުޅު ކޮޓަރިއަށް ވަދެގެން ދިޔަގޮތް ބަލަން ސަނާއާއި ރަމީޒު ބަލަހައްޓައިގެން ތިބީ ހިލައިގެ ބުދުތަކެއް ފަދައިންނެވެ. ސަނާއަށް ރަމީޒުގެ ކުރިމަތީގައި އިސް އުފުލާލަންވެސް ނުކެރުނެވެ.

" ޙަޤީޤަތް ނުހޯދާ އަހަރެން ލައްވާ ގޯސް ހައްދަން ސަނާއާއި ސަނާގެ މަންމަ ބޭނުންވާކަން މިހާރު އަހަންނަށް ވިސްނިއްޖެ. މިއީ ދަރިޔަކު ބަފަޔަކު ގާތުގައި އަހާ އޮޅުންފިލުވަން މާ ފަސޭހަ ވާހަކަތަކެއްނޫން. އެކަމަކު ސަނާގެ ތިޔަ ގޮތް ދޫނުކުރުމާހެދި އަހަންނަށް އެކަންވެސް ކުރެވިއްޖެ. ބައްޕަ އަހަންނާމެދު ހީކުރާނެ ގޮތެއްވެސް ނޭނގެ."

"އަހަންނަށް މާފުކުރޭ ރަމީ. މިކަމުގައި އަހަރެމެންގެ އެއްވެސް ކުށެއް ނެތް. އަހަރެންގެ މަންމައަށްވެސް އަހަރެން ނަފުރަތުކުރަން. އަހަރެން މިނިވަންކޮށްދިނުމަށް ރަމީ ގާތުގައި ބުނި ވާހަކަތައް އަނބުރާ ގެނެސްފިން. އެމީހުންނާ ދުރުގައި އަހަރެން ބަހައްޓާ." ސަނާ މަޑުމަޑު ގިހެއްލާން ފެށިއެވެ.

"ސަނާއަށް ވިސްނުނީތީ އަހަރެން މިހުރީ ވަރަށް އުފަލުން. ހިތުގައިހުރި ބަދަލު ހިފުމުގެ ހުރިހައި ރޫޙެއް ބޭރުކޮށްލާ ހިތް ސާފުކުރޭ. ސަނާއަށްޓަކާ އަހަރެންގެ ހިތް ހަމަ ހެޔޮ."

"ރަމީ އަހަރެން ދެކެ ރުޅި އަންނަނީ، އަންނަންޖެހޭ ސަބަބުތަކެއް އަހަރެންގެ ކިބައިގާ ހުރީމާކަން ވިސްނޭ. އެކަމަކު ކުރާނީ ކީއް؟ އަހަރެން އުޅެ ބޮޑުވީ އެކަހެރި ކުރުމާއި ތަފާތު ކުރުމުގެ މާޙައުލެއްގާ. ކަމެއް ދަސްވެފައި ނެތީވެސް ރަނގަޅު ތަރުބިއްޔަތެއް ލިބިފައި ނެތީމާ. އެމީހުންގެ ކަމަކީ އަހަންނަށް އެއްޗެހި ކިޔުން. މަލާމާތްކުރުން. ރުޅި އެރުވުން....." ސަނާގެ އަޑު ކަރުތެރޭގައި ތާށިވިއެވެ.

"ހުއްޓާލާ! ތި ހުރިހައި ކަމެއް އަހަންނަށް ވިސްނިއްޖެ. ސަނާ ތަރުބިއްޔަތު ކޮށްފައިވަނީ ލޯތްބާއި ކުލުނުވެރިކަމެއް ނެތް މާޙައުލެއްގާ. އަވަހަށް ރުޅި އައުމާއި ރުންކުރުވުމަކީވެސް އެ މާޙައުލުން ދަސްވެފައިވާ ކަންތައްތައް. އެކަމަކު ދެން އެހެނެއް ނުވާނެ. މި ވެށިން ސަނާއަށް ލިބޭނީ ލޯބި. ހިތްހަމަޖެހުން." ރަމީޒު ސަނާ ގައިގައި ބައްދާލިއެވެ. ލޯބިންނެވެ. އެ ނަފުރަތުގެ ހުރިހައި ސިއްރެއް ހިތުން ބޭރުކޮށްލާފައެވެ.

(ނިމުނީ)