ލ. އަތޮޅުގެ ތިން ސަރަހައްދެއް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ޓެކްނޯލޮޖީން ހިމާޔަތްކޮށްފި އެވެ.

އެގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަކީ، ލ. ގާދޫ ރަށުގެ ވެލާ އަރާ ސަރަހައްދާއި ޗަސްބިމާއި ވަށައިގެންވާ ފަރާއި ފަޅު އަދި މޫދުވިނަ ސަރަހައްދެވެ.

މި ސަރަހައްދު ހިމާޔަތް ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (93/4)ގެ ދަށުން 23 ޑިސެމްބަރު 2021 ގައެވެ.

ލ. ގާދޫ ހިތަދޫ ކަނޑު ސަރަހައްދު

މި ސަރަހައްދު ހިމާޔަތް ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (93/4)ގެ ދަށުން 23 ޑިސެމްބަރު 2021 ގައި

ހިމާޔަތް ކުރެވޭ ގިންތި – 6

ސްޕީޝީސް/ހެބިޓެޓް މެނޭޖްމަންޓް އޭރިއާ

ޙިމާޔަތް ކޮށްފައިވާ ސަރަހައްދުގެ ބޮޑުމިން

777 ހެކްޓަރު

ޙިމާޔަތް ކުރުން މުހިންމީ ކީއްވެ؟

މި ސަރަހައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުމަހުގެ ބާވަތްތައް ބިސް ދޫކޮށް ވިހާ އާލާވާކަމަށް ރިކޯޑް ކޮށްފައިވާ ސަރަހައްދެއް.

މި ސަރަހައްދުން ފެންނަ މުހިއްމު ދިރުންތަކުގެ ތެރޭގައި ދިވެހި ރާއްޖޭގައި ޙިމާޔަތް ކޮށްފައިވާ ވެލާ އާއި ކަހަނބު އަދި އެންމަޑިއާއި ފަރުމަހުގެ ބާވަތްތައް ހިމެނެއެވެ. މީގެ އިތުރުން ތަފާތު ބާވަތްތަކުގެ މިޔަރާއި މަޑި ފެންނަކަމަށްވެސް ރެކޯޑް ކުރެވިފައިވެއެވެ.

ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑުއޮޅި ސަރަހައްދު

މި ސަރަހައްދު ހިމާޔަތް ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (4/93)ގެ ދަށުން 23 ޑިސެމްބަރު 2021 ގައި

ހިމާޔަތް ކުރެވޭ ގިންތި – 7

ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭ ހިމާޔަތްކޮށްފައިވާ ސަރަހައްދު

ޙިމާޔަތް ކޮށްފައިވާ ސަރަހައްދުގެ ބޮޑުމިން

706 ހެކްޓަރު

ޙިމާޔަތް ކުރުން މުހިންމީ ކީއްވެ؟

މި ސަރަހައްދަކީ ފަރުމަހުގެ ބާވަތްތައް ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ.

ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ދިރުންތަކުގެ ތެރެއިން އެންމަޑި، ކަހަނބު، ވެލާ އަދި އެކި ބާވަތްތަކުގެ މިޔަރު މި ސަރަހައްދުން ފެންނަ ކަމަށް ރެކޯޑް ކޮށްފައިވެއެވެ.

ބޮޑު ފިނޮޅަކީ އައިންމަތީ ދޫނި ނިދުމަށާއި ވިހާ އާލާވުމަށް ބޭނުންކުރާ ސަރަހައްދެކެވެ.